ހަބަރު

އުޖާލާ މަންޒަރުތައް ފެނޭ، ހުރިހާ ކަމެއް އެބަ ރަނގަޅުވޭ: ފާރިސް

ފެންނަމުން ދަނީ ވަރަށް އުޖާލާ މަންޒަރެއް ކަމަށާއި މިހާރު ދަނީ ހުރިހާ ކަމެއްވެސް ހަމަ މަގަށް އެޅެމުން ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

މިއަދު ހައި ކޯޓްގައި ބޭއްވި އަޑުއެހުންތައް ނިންމާލުމަށްފަހު ބޭރަށް ނިކުމެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި ފާރިސް ވިދާޅުވީ، އޭނާއާމެދު ކުރެވިފައިވާ ތުހުމަތުތަކާއި ތަހުގީގީ އިދާރާތަކުން މަސައްކަތް ކޮށްފައިވަނީ އެންމެ ފުރަތަމަ ދުވަހުވެސް ވިދާޅުވިފައިދައިން ސިޔާސީ ނުފޫޒުގެ ދަށުން ކަމަށެވެ.

ފާރިސް ވިދާޅުވީ، ކުރިއަށްނ އޮތް ތަނުގައި މިކަންކަން ރަނގަޅުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ސިޔާސީ ނުފޫޒުން އެއްކިބާވެ ތަހްގީގީ އިދާރާތައް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ފުރަތަމަ ދުވަހުވެސް އުންމީދު ކުރި ގޮތަށް މިކަންކަން ހައްލުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފާރިސް ވިދާޅުވި އެވެ.

"އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ އެދުނުވަރަށްވުރެ ތަންކޮޅެއް ގިނަ ދުވަސް ނަގައިފި، އެހެން ނަމަވެސް މިހާރު ހުރިހާ ކަމެއްވެސް ހަމަ މަގަށް އެޅެމުން މިދަނީ، މިވަގުތުން އަޅުގަނޑުމެންނަށް ވަރަށް އުޖާލާ މަންޒަރެއް ފެންނަމުން މިދަނީ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ، ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ އަދި ވަރަށް ބުރަ ކަމަށާއި މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ކުރަން ޖެހޭނެ މަސައްކަތްތަކާމެދު މިހާރުވެސް ވިސްނައި އެހން މެންބަރުންނާވެސް މަޝްވަރާ ކުރަމުން ގެންދަވާ ކަމަށެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫއާވެސް ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިއްޖެނަމަ ވަރަށް އަވަހަށް ބައްދަލު ކުރައްވައި މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ފާރިސް ވިދާޅުވި އެވެ.

ފާރިސް މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. ފާރިސްގެ ދެ މައްސަލައެއްގެ އަޑުއެހުމެއްވެސް މިއަދު ވަނީ ބާއްވާފަ އެވެ. އެގޮތުން ބަންދުގައި ބެހެއްޓުމުގެ ކޯޓު އަމުރުގެ މައްސަލަ އާއި ޝަހުސު އޮޅުވާލުމުގެ ދައުވާގައި ފާރިސްގެ މައްޗަށް ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މައްސަލައިގެ އަޑުއެހުމެވެ. އެ ދެ މައްސަލައިގެ އަޑު އެހުންތައް މިހާރު ނިންމާލާފައިވާއިރު ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ ޝަރީއަތްތަތުގައި ވިދާޅުވެފަ އެވެ.