ސާފް ސުޒުކީ ކަޕް

ސާފު ޗެމްޕިއަންޝިޕްގެ ރަން ތަށި ފުރަތަމަ ނ. މާފަރަށް

ބަންގުލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕު ކާމިޔާބު ކުރި ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިންގެ އުފަން ރަށްރަށަށް ތަށި ގެންދިއުމަށް އެފްއޭއެމުން ފަށާ ދަތުރުގައި އެންމެ ފުރަތަމަ ތަށި ގެންދާ ރަށަކަށް، ކެޕްޓަން އަކުރަމް އަބްދުލް ގަނީގެ އުފަން ރަށް، ނ. މާފަރު ހަމަޖައްސައިފި އެވެ.

ދިހަ އަހަރު ކުރިން ރާއްޖެއިން ހޯދި ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ތަށިވެސް އުފުލާލަ ދިނީ ހަމަ ނ. މާފަރުންނެވެ. އަކުރަމްގެ އެއްބަނޑުއެއްބަފާ ބޭބެ، އައްސަދު އަބްދުލް ގަނީ އެވެ.

އެފްއޭއެމުން ވަނީ މި މަހު ތަށި ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތައް އިއުލާންކޮށްފަ އެވެ. އެފްއޭއެމުން ބުނީ ދިވެހިންގެ މެދުގައި އޮންނަ އެއްބައި ވަންތަކަން ފުޓްބޯޅައިން ރަމްޒު ކޮށްދޭ ކަމަށެވެ.

ނ. މާފަރަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ގެންދާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެއަށް ފަހު ހުކުރު ދުވަހު ތަށި ގެންދާނީ ޓީމުގެ ޑިފެންޑަރު ސަމްދޫހް މުހައްމަދުގެ ރަށް ނ. ކުޑަފަރީ އަށެވެ.

ނ. އަތޮޅަށް ފަހު ތަށި ދެން ދަތުރު ކުރާނީ ލ އަތޮޅަށެވެ. އެ އަތޮޅުގައިވެސް ދެ ރަށަށް ތަށި ގެންދާނެ އެވެ. އެއީ ޓީމުގެ ޑިފެންޑަރު ހުސައިން ޝިފާއު ޔޫސުފް (ކްރޯ) ގެ އުފަން ރަށް ލ. ކުނަހަންދޫ އާއި މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) ގެ އުފަން ރަށް ލ. މާބައިދޫ އަށެވެ. ކުނަހަންދޫއަށް ތަށި ގެންދާނީ އަންނަ އާދިއްތަ ދުވަހު އެވެ. މާބައިދޫއަށް ތަށި ގެންދާނީ އަންނަ ހޯމަ ދުވަހު އެވެ.

ލ އަތޮޅުން ތަށި ދެން ގެންދާނީ، އަވަށްޓެރި ތ އަތޮޅަށެވެ. ތ. އަތޮޅުން ވެސް ދެ ރަށަކަށް ތަށި ގެންދާނެ އެވެ. އެ އަތޮޅުން ތައްޓަށް ފުރަތަމަ މަރުހަބާ ކިޔާނީ، ޓީމުގެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ މުހައްމަދު މުޖުތާޒް (މުޖޭ) އާއި މުހައްމަދު އިރުފާން (އިރޭ) އުފަން ރަށް ތ. ތިމަރަފުށިންނެވެ. ތިމަރަފުއްޓަށް ތަށި ގެންދާނީ މި މަހު 13 ވަނަ ދުވަހު އެވެ. ޖެހިގެން އަންނަ ދުވަހު ތަށި ގެންދާނީ، ގޯލްކީޕަރު ހުސައިން ޝަރީފުގެ އުފަން ރަށް، ތ. ކިނބިދޫ އަށެވެ.

މިފަހަރުގެ ގައުމީ ޓީމުގައި ހުރީ މާލެއަށް ނިސްބަތްވާ އެންމެ ކުޅުންތެރިޔެކެވެ. އެފްއޭއެމުން ބުނީ ތަށި ގެންދާނެ އެހެން ރައްތައް ކުރިއަށް އޮތް ތަނުގައި އިއުލާން ކުރާނެ ކަމަށެވެ.