ދިވެހި ޕްރެމިއާ ލީގް

ސެންޓޭއަށް ހެޓްރިކު، ނިއުއިން ފެހެންދޫ ކޮޅަށް 11 ލަނޑު

ކެޕްޓަން އަލީ ފާސިރު 'ސެންޓޭ' ގެ ހެޓްރިކުން ބ. ފެހެންދޫގެ މައްޗަށް 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ނިއު ރޭޑިއަންޓުން ކާމިޔާބު ކޮށްފި އެވެ.

ބ. އޭދަފުއްޓަށް ނިސްބަތްވާ ސެންޓޭ ފެހެންދޫ ކޮޅަށް ހެޓްރިކު ހެދުމާއެކު، މިއީ މިފަހަރުގެ ދިވެހި ޕްރިމިއާ ލީގްގައި އޭނާ ހެދި ދެ ވަނަ ހެޓްރިކެވެ. އޭގެ އިތުރުން ރުވަންޑާގެ ފޯވަޑް އަތުހިއެރާ ކިޕްސަން ވެސް ވަނީ ހެޓްރިކެއް ހެދުމާ ވަރަށް ގާތަށް ގޮސްފަ އެވެ. އޭނާ ވަނީ މެޗުގައި ދެ ލަނޑު ޖަހާފަ އެވެ.

މެޗުގައި ނިއު އަށް ފެހެންދޫގެ ގޯލް ހުޅވައިދިނީ ސްޕެއިންގެ ލުއިޒް ޕާޒް 'ކަންޑެލާ' އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 10 ވަނަ މިނެޓް ގައެވެ. ސެންޓޭގެ ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 20 ވަނަ މިނެޓްގަ އެވެ. އޭގެ ފަސް މިނެޓް ފަހުން ކިޕްސަންވެސް ވަނީ އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ފުރަތަމަ ހާފު ނިއު އިން ނިންމާލީ ހަތަރު ލަނޑުގެ ލީޑަކާ އެކު އެވެ. ހަތަރު ވަނަ ލަނޑު ކިޕްސަން ކާމިޔާބު ކުރީ މެޗުގެ 36 ވަނަ މިނެޓްގަ އެވެ. ދެ ވަނަ ހާފުގައިވެސް ނިއު އިން ގޯލް ޖެހީ ހާފު ފެށިގެން 10 ވަރަކަށް މިނެޓް ފަހުންނެވެ. މިހާފުގައި ފެހެންދޫގެ ގޯލް ނިއު އަށް ހުޅުވާލަ ދިނީ، ސެންޓޭ އެވެ. އެއީ އޭނާގެ ދެ ވަނަ ލަނޑެވެ.

މެޗުގެ 63 ވަނަ މިނެޓްގައި، ނިއު އަށް ލިބުނު ޕެނަލްޓީއެއްގައި ސެންޓޭއަށް ވަނީ ހެޓްރިކު ފުރިހަމަ ކުރަން ފުރުސަތު ލިބިފަ އެވެ. ޑިފެންޑަރު މުހައްމަދު ރަޝީދު 'ހޮކޭ' އަށް ފެހެންދޫގެ ޕެނަލްޓީ އޭރިއާ ތެރެއިން ކުރި ފައުލެއްގައި ދިން ޕެނަލްޓީ ޖަހަން ސެންޓޭ ބޯޅަ ދިނީ އޭނާ އާ އެއް ރަށަކަށް ނިސްބަތްވާ ހަމްޒާ މުހައްމަދު 'ހަމްޕް' އަށެވެ. ނިއުގެ ޕެނަލްޓީ އާންމުކޮށް ޖަހަނީ ސެންޓޭ އެވެ. އަލީ އަޝްފާގް 'ދަގަނޑޭ' ނިއުގައި ހުރިއިރުވެސް ޕެނަލްޓީ ޖެހުމުގައި އިސްކަން ދެނީ ސެންޓޭ އަށެވެ.

ނަމަވެސް ސެންޓޭ ހެޓްރިކު ހަދަން ލިބުނު ފުރުސަތު އޭނާ ދިނީ ހަމްޕް އަށެވެ. ހަމްޕް ވަނީ ޕެނަލްޓީ ގޯލްގެ ކަނަށް ފޮނުވާލައި ނަތީޖާ 6-0 ށް ބަދަލު ކޮށްފަ އެވެ. ސެންޓޭގެ ހެޓްރިކު އޭނާ ފުރިހަމަ ކުރީ މެޗުގެ 74 ވަނަ މިނެޓް ގައެވެ. އޭގެ ތިން މިނެޓް ފަހުން އަނެއްކާވެސް ޕެނަލްޓީއެއް ލިބުނެވެ. މިފަހަރު ސެންޓޭ ޕެނަލްޓީ ޖަހަން ފުރުސަތު ދިނީ މުހައްމަދު އުމޭރު އަށެވެ.

އެންމެ ފަހު ދެތިން މިނެޓް ތެރޭގައި ނިއުއިން އިތުރު ތިން ލަނޑު ޖެހި އެވެ. ނުވަ ވަނަ ލަނޑު 88 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރިހާމް އަބްދުލް ގަނީ 'ބޮބީ' އެވެ. ދިހަ ވަނަ ލަނޑާއި 11 ވަނަ ލަނޑު ޖަހީ ޖެހިޖެހިގެންނެވެ. ނިއުގެ 10 ވަނަ ލަނޑު 95 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހަސަން އަދުހަމް 'ސަޑޭ' އެވެ. ޖެހިގެން އައި މިނެޓްގައި 11 ވަނަ ލަނޑު ކާމިޔާބު ކުރީ ޒުވާން ކުޅުންތެރިޔާ އިބްރާހިމް އަތީގް ހަސަން އެވެ.