މެންޗެސްޓާ ޔުނައިޓަޑްގެ ކޯޗު ކަމުން އޭނާ ވަކި ނުކުރާނެ ކަމުގެ ޔަގީންކަން އެނާ އަށް އެބައޮތް ކަމަށް ޔުނައިޓަޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
މޮރީނިއޯ އާއެކު، މި ސީޒަންގައި ޔުނައިޓަޑުން ހޯދަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން އޭނާގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ވަނީ ކުރިމަތި ވެފަ އެވެ. އަދި މެންޗެސްޓާ ޔުނައިޓަޑް އެގްޒެކެޓިޗް ވައިސް ޗެއާމަން ވަނީ މޮރީނިއޯ ބައްދަލު ކޮށްފަ އެވެ.
އެ ބައްދަލުވުމާ ބެހޭގޮތުން މޮރީނިއޯ އާ ސުވާލު ކުރުމުން މޮރީނިއޯ ބުނީ އެ ބައްދަލުވުމަކީ ކުލަބުގެ ޕްރައިވެޓް ބައްދަލުވެއް ކަމަށެވެ. ނަތީޖާތައް ރަނގަޅު ނުވެއްޖެނަމަ އޭނާ ވަޒީފާއިން ގެއްލިދާނެ ހެން ހީވޭތޯ ސުވާލު ކުރުމުން މޮރީނިއޯ ބުނީ އެހެން ހީ ނުވާ ކަމަށެވެ.
މޮރީނިއޯގެ ބަދަލުގައި، ރެެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން ޔުނައިޓަޑްގެ ކޯޗު ކަމަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. ދަ ސަން ނޫހުގައި އިއްޔަ ރިޕޯޓް ކޮށްފައި ވަނީ ޔުނައިޓަޑްގެ ކޯޗުގެ މަގާމާ ބެހޭގޮތުން މޮރީނިއޯއަށް ޒިދާން ގުޅި ވާހަކަ އެވެ.
ޒިދާން ގުޅިތޯ އެހުމުން މޮރީނިއޯ އެކަން ދޮގު ކޮށްފަ އެއް ނުވެ އެވެ. އޭނާ ބުނީ އެ ވާހަކަ ލިޔުނު ނޫސްވެރިޔާގެ ގާތުގައި އެހުމަށެވެ. އެވަގުތު އެ ވާހަކަ ލިޔުނު ނޫސްވެރިޔާ ނޫސްކޮންފަރެންސްގައި އިނދެފައި ބުނީ އެގޮތަށް އެކަން ހިނގި ކަމަށެވެ.