ބިރުވެރި ހުވަފެނެއްގެ ނިމުން އަތުވެއްޖެ ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވެފައިވަނީ ކަފާލާތުގެ ދަށުން މިނިވަން ވުމުންނެވެ.
ރައީސް މައުމޫނާއި ހަވާލާދީ އެމަނިކުފާނުގެ ދަރިކަލުން ޔުމްނާ މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، ބިރުވެރި ހުވަފެނެއްގެ ނިމުން އައިސްފައިވާ ކަމަށާއި މިއަދު ހުންނެވީ އާއިލާއާއެކު ގޭގައި ކަމަށެވެ. ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ އާއިލާގެ މެންބަރުންނާއި ރައްޓެހިންނާއި އެމަނިކުފާނަށް ސަޕޯޓް ކުރާ ފަރާތްތަކާއި ހެޔޮ އެދޭ ފަރާތްތަކުން ދެއްވި އެއްބާރު ލެއްވުމަށް ޝުުކުރު އަދާކޮށްފަ އެވެ.
މިއީ ކަފާލާތުގެ ދަށުން ރައީސް މައުމޫން މިނިވަން ވުމަށްފަހު އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކަށް ދެއްވި ފުރަތަމަ މެސެޖެވެ.
ކަފާލާތުގެ ދަށުން ރައީސް މައުމޫން ހައިކޯޓުން މިނިވަންކޮށްފައިވަނީ ރޭގެ ވަގުތެއްގައި އެވެ. ތަހުގީގަށް ފޯނު ނުދިން މައްސަލައިގަ ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މައުމޫންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
ރައީސް މައުމޫން ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދިފައިވަނީ ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަކީ ގާނޫނު އަސާސީއާ ގާނޫނީ އިޖްރާއަތްތަކާއި ޝަރުއީ އިޖްރާއަތްތަކާއި ހިލާފަށް އިއްވާފައިވާ ހުކުމެއް ކަމަށް ފެންނާތީ އިސްތިއުނާފް މައްސަލާގައި ހައި ކޯޓުން ވަކި ގޮތެއް ނިންމަވަންދެން ޖަލު ބަންދުގައި ހުންނެވުމަކީ އިއާދަ ނުކުރެވޭނެ ގެއްލުން ތަކެއް ލިބިގެންދާނެ ކަމެއް ކަމަށްވާތީ ކަމަށް ވަކީލުން ވަނީ ވިދާޅުވެފަ އެވެ.