ހަބަރު

އެޗްޑީސީ ބަހެއްގައި މީހުން ގެނެސް ޕީޕީއެމްއިން މުޒާހަރާ ކުރަނީ

Oct 1, 2018
17

ހުޅުމާލެ ހިންގާ، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ބަހެއްގައި ޕީޕީއެމްގެ އޮފީސް ކައިރިއަށް ޒުވާނުންތަކެއް ގެނެސް އެ ސަރަހައްދުގައި ތިބެ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ ދެކޮޅަށް އަޑުއުފުލަން ފަށައިފި އެވެ.

އެ ސަރަހަައްދުގައި ހުރި، "އަވަސް"ގެ ނޫސްވެރިޔާ ބުނީ، މިރޭ 9:30 އެހާކަންހާއިރު އެޗްޑީސީގެ ލޯގޯ ޖަހާފައި އޮތް ކަޅު ކުލައިގެ ބަހެއް، ރިންގް ރޯޑްގައި ހުންނަ، ޕީޕީއެމްގެ އޮފީސް، ހ. ހުރަފަ ކުރި މައްޗަށް މަޑުކުރި ކަމަށެވެ. އަދި އެ ބަހުގެ ތެރެއިން ގާތްގަނޑަކަށް 25 ޒުވާނަކު ފޭބި ކަމަށެވެ. އަދި އެ މީހުން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ތިބެ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ އިސްތިއުފާއަށް ގޮވާ އަޑުއުފުލަމުން ދިޔަ ކަމަށް ވެސް ނޫސްވެރިޔާ ބުންޏެވެ. އަދި ވޯޓް އޮޅުވާލި ކަމަށް އެ ޒުވާނުން ތުހުމަތުކޮށް އަޑުއުފުލަމުން ދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

ފުލުހުން ވެސް މިހާރު ވަނީ އެ ސަރަހައްދަށް އައިސްފަ އެވެ. އަވަސްގެ ނޫސްވެރިޔާ ބުނީ އެ އެއްވުމުގައި ތިބި ގިނަ ޒުވާނުން ތިބީ ލައިގެން ތިބި ޓީޝާޓުން މޫނު ނިވާކޮށްގެން ކަމަށެވެ. އަދި އެ ޒުވާނުންނާ އެކު ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ އަދި ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވެސް އެ އެބަ ހުންނެވި އެވެ.

ޕީޕީއެމްގެ އޮފީހުގެ ކުރިމައްޗަށް 25 ހަކަށް ޒުވާނަކު އެއްވެ، އީސީގެ ރައީސްގެ އިސްތިއުފާއަށް މި ގޮވާލަނީ އިންތިހާބުގެ ތެރޭގައި އޮޅުވާލުންތަކެއް އީސީއިން ހިންގި ކަމަށް ބުނެ ޕީޕީއެމްގެ އިސް ފަރާތްތަކުން މިއަދު ތުހުމަތުތަކެއްކޮށް ޕީޕީއެމްގެ ސަޕޯޓަރުން މިރޭ މަގު މައްޗަށް ނުކުތުމަށް ގޮވާލާފައި ވަނިކޮށެވެ. ޕީޕީއެމްގެ އިސް ބޭފުޅުން މިއަދު ވަނީ އީސީގެ ރައިސް ދައްކަވާފައިވާ ވާހަކަތަކެއް ވެސް ލީކްކޮށްލައިފަ އެވެ.

އެ އޯޑިއޯއިން އަޑުއިވޭ ގޮތުގައި އީސީގެ ރައީސް ޝަރީފް އޭނާގެ ރަށްޓެއްސަކާ ވާހަކަ ދައްކަވަނީ އިންތިހާބުން ނާކާމިޔާބުވުމުން ޕީޕީއެމްގެ އިސްވެރިން އޭނާއަށް އެކި ތުހުމަތުތައްކޮށް އިންޒާރުދޭތީ އެކަމާ ބިރުން އެވެ.

ލީކުވެފައިވާ އޯޑިއޯގައި ޝަރީފް ވިދާޅުވަނީ، މިވަގުތުގައި ރައީސް ބޭނުންފުޅު ވަނީ ކޮންމެ ގޮތެއް ހަދައިގެން ވެސް ކޮންމެ މީހަކު ގުރުބާން ކޮށްގެން، ވިޔަސް މީތި "ދުއްވާލަން" ކަމަށެވެ. އަދި ފޯނުން ވާހަކަ ދައްކާ މީހާއަށް ޝަރީފް ނަސޭހަތްތެރިވަނީ އެއްވެސް ކަމަކަށް އެއްބަސް ކުރުވަން އުޅުނަސް އެކަން ނުކުރުމަށެވެ. ޝަރީފް ވިދާޅުވީ އެ އޯޑިއޯއަކީ އޭނާ މީހަކާ އެކު ވާހަކަ ދެއްކި ފޯން ކޯލްގެ ތަންތަންކޮޅު ނަގައިގެން ހަދާފައިވާ އޯޑިއޯއެއް ކަމަށެވެ.