ހަބަރު

އީސީއަށް ވަނީ ނުފޫޒުވަދެފައި، މިއަށްވުރެ ގިނައިން ވޯޓް ލިބޭނެ: ރައީސް

Oct 1, 2018
32

މިއަދު ލީކްވި އޯޑިއޯއިން އިލެކްޝަންސް ކޮމިޝަންއަށް ނުފޫޒުތައް ފޯރާފައި އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވޯޓް ލިބޭނީ މިހާރު ލިބިފައިވާ ވަރަށް ވުރެ ގިނައިން ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ދޮރުމައްޗަށް ބަޔަކު އެއްވެ ކުރަމުން ދާ މުޒާހަރާގައި ބައިވެރިވުމަށް ވަޑައިގެން، ސަރުކާރަށް ތާއީދުކުރާ މީޑިއާތަކާ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިއަދު ލީކްވެގެން އުޅޭ އޯޑިއޯއިން އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ވަދެފައި ނުވާ ނަމަ، އެގޮތަށް އެބޭފުޅާ، އީސީގެ ރައީސް އަހުމަދު ޝަރީފް ވާހަކަ ނުދައްކަވާނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، އީސީގެ މެންބަރުން ބަޔާނެއް ނެރެގެން ނުފުދޭ ކަމަށާއި ރައްޔިތުން ކައިރިއަށް ވަޑައިގެން ކަންތައްތަކަށް
ޖަވާބު ދޭން ޖެހޭ ކަމަށެވެ. ރައީސް ޔާމީން ވަނީ ތަކުރާރުކޮށް އެމަނިކުފާނަށް އެއަށް ވުރެ މާގިނަ ވޯޓް ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

"ހަމަ ހަގީގަތުގައިވެސް ހިތާ ހިތާ އެބަ ސުވާލު ކުރަން ޖެހޭ މިއީ ހަމަ އަސްލުވެސް އަޅުގަނޑުމެންނަށް ލިބުނު ވޯޓްހެއްޔޭ؟ މިތަނުގައި މި އިވޭ ޝުއޫރަކީ މިއީ. ހަމަ ހަގީގަތުގައި ވެސް އަޅުގަނޑަށް ގަބޫލު ކުރެވޭ މިއަށް ވުރެ ގިނައިންނޭ އަޅުގަނޑަށް ވޯޓް ލިބޭނީ. އީސީއިން ވަކި ގޮތަކަށް މި މައްސަލައިގައި ޖަވާބު ދޭން ޖެހެންދެން އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް އެބަ ގެންދަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ. "އަޅުގަނޑު އެއްގޮތަކަށް ވެސް ނަތީޖާ ގަބޫލު ނުކުރަނީކީ ނޫން. އަޅުގަނޑަކީ އެންމެ މީހެއް. އަޅުގަނޑުމެންގެ ލީގަލް ޓީމުން އެބަ މަސައްކަތް ކުރައްވާ. އަނެއްކާ މިތަނުން މި ފެންނަނީ ރައްޔިތުންގެ އިހުސާސް. އެހެން ވީމާ މިކަމުގައި އަޅުގަނޑަށް ދެން ދެވޭނީ އާންމު މެންބަރުންގެ އިހުސާސްތަކާ އެއްގޮތަށް އަޅުގަނޑަށް ކުރިއަށް ދެވޭނީ،"

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބޭފުޅުންނަކީ ގައުމީ މަސްލަހަތު އިސްކުރައްވާ ބޭފުޅުން ނަމަ، އީސީއާ މެދު ތުހުމަތު ކުރެވޭ ކަންތައްތަކާ މެދު އެބޭފުޅުން ވެސް ކަންބޮޑުވެ އެކަމާ ވާހަކަ ދައްކަވަން ޖެހޭ ކަމަށެވެ. އީސީގެ ފަރާތުން ކަންތައްތަކަށްް އެދެވޭ ޖަވާބެއް ލިބެންދެން މުޒާހަރާތައް ޕީޕީއެމްއިން ކުރާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މުޅި ރާއްޖޭގައި ވެސް އެކަމާ ދެކޮޅަށް މުޒާހަރާ ކުރުމަށް ރައީސް ޔާމީން މިރޭ ގޮވާލެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ވޯޓް އޮޅުވާލުމަށް އަނގޮޑިތަކެއް ގެންގުޅުނު ކަމާއި އެހެން ވެސް ބައެއް ކަންކަން ކުރި ކަމަށް ކުރެވޭ ތުހުމަތުތައް އެބަ ހުރި ކަމަށާއި އެ ތުހުމަތަކާ މެދު ޕީޕީއެމްއިން އީސީގެ ކިބައިން ޖަވާބު ބޭނުންވާ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ޓީމްތަކުން އިންސާފު ހޯދަން ދާން ޖެހޭ ކޮންމެ ތަނަކަށް ދާނެ އެވެ. އީސީއާ ވެސް ޕީޕީއެމް އިން ބައްދަލު ކުރާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ ދާއިމީ ނަތީޖާގައިވާ ގޮތުގައި އިބޫ އިންތިހާބު ކާމިޔާބު ކުރެއްވީ، ސައްހަ ވޯޓްގެ 58.41 ޕަސެންޓް 134،705 ވޯޓް ހޯއްދަވައިގެން އެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 41.60 ޕަސެންޓް، 96،052 ވޯޓެވެ. އިންތިހާބުގައި އިބޫ ރައީސް ޔާމީންގެ މައްޗަށް ކުރި ހޯއްދެވީ، 38،653 ވޯޓްގެ ތަފާތުން އެވެ.

އީސީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓްލުމުގެ ހައްގު ލިބިފައިވާ، 262،135 މީހުންގެ ތެރެއިން 89.22 ޕަސެންޓް މީހުން، 233،877 މީހުން ވަނީ ވޯޓްލާން ނިކުމެފަ އެވެ. އެހެންކަމުން ވޯޓްލާން ނިކުތް މީހުން ނޫނީ ވޯޓާސް ޓާންއައުޓަކީ 89.22 ޕަސެންޓެވެ. ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ވޯޓްލާން ނުނިކުމެ ތިބީ، 28،258 މީހުން އެވެ. އެ ހުރިހާ އެންމެން ރައީސް ޔާމީންއަށް ވޯޓް ލިޔަސް އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރައްވާ ވަރަށް ވޯޓް ލިބިވަޑައެއް ނުގަންނަވަ އެވެ.