ބޮލީވުޑް

އާހަން ޝެއްޓީގެ ފިލްމު އަންނަ އަހަރު

އެކްޓަރު ސުނީލް ޝެއްްޓީގެ ފިރިހެން ދަރިފުޅު އާހަން ޝެއްޓީ ބޮލީވުޑަށް ތައާރަފުވާ ފިލްމު އިއުލާނުކޮށްފި އެވެ.

އާހަން 22، ބޮލީވުޑަށް ތައާރަފުވާނީ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ ސާޖިދު ނަޑިއާޑްވާލާގެ ފިލްމަކުންނެވެ. އަންނަ އަހަރު މެއި މަހު ނިކުންނާނެ އެ ފިލްމަކީ ޓެލުގޫ ހިޓު ފިލްމެއް ކަމުގައިވާ "އާރްއެކްސް 100" ގެ ހިންދީ ރީމޭކް އެކެވެ.

ސާޖިދުއަކީ އާހަންގެ ބައްޕަ، ސުނީލްވެސް ބޮލީވުޑަށް ތައާރަފުކޮށްދިން ފިލްމު އުފެއްދުންތެރިޔާ އެވެ. އެއީ ފިލްމު "ވަގްތު ހަމާރާ ހެއި" އިން 1993 ވަނަ އަހަރު އެވެ.

"މިއީ ވަރަށް އުފާވެރި އިއްތިފާގެއް. މީގެ އަހަރުތަކެއް ކުރިން އަހަރެން ސުނިލް މި ދާއިރާއަށް ނެރެދިނީ. މިއަދު އޭނާގެ ފިރިހެން ދަރިފުޅުވެސް މި ދާއިރާއަށް މި ނެރެދެނީ،" ފިލްމާއި ބެހޭގޮތުން ވާހަކަދައްކަމުން ސާޖިދު ބުންޏެވެ.

ސުނީލްގެ އަންހެން ދަރިފުޅު، އަތިޔާ ޝެއްޓީވެސް މިހާރު ފިލްމު ކުޅެ އެވެ. އަތިޔާ 25، ބޮލީވުޑަށް ތައާރަފުވީ 2015 ވަނަ އަހަރު ނިކުތް ފިލްމު "ހީރޯ" އިންނެވެ.