އެކްޓްރެސް ތަނުޝްރީ ދައްތާއަށް ބަޔަކު ހަމަލާދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފި އެވެ.
މި ވީޑިއޯ އާންމު މިވީ އެކްޓަރު ނާނާ ޕަޑްނޭކަރްގެ ފަރާތުން ޖިންސީ ފުރައްސާރައާ ކުރިމަތިލާންޖެހުނު ކަމަށް ތަނުޝްރީ ތުހުމަތުކޮށްފައި ވަނިކޮށެވެ. އެ ހަބަރަކީ މިހާރު ބޮލީވުޑްގައި އެންމެ ހޫނު ހަބަރެވެ. ތަނުޝްރީ ތުހުމަތުކުރި ގޮތުގައި އެކަމެއް ހިނގާފައި ވަނީ 2008 ވަނަ އަހަރު ފިލްމު "ހޯން އޯކޭ ޕްލީޒް" ގެ ލަވައެއްގެ ޝޫޓިންގެ ތެރެއިންނެވެ.
އެ ލަވައިގެ ކޮރިއޯގުރާފީގައި ކުރިން ހިމަނާފައި ނުވާ ބައިތަކެއް ނާނާ ބޭނުންވެގެން ފަހުން ހިމެނި ކަމަށާއި އެ ބަދަލުތައް ގެނައީ ނާނާއަށް ތަނުޝްރީއާ ވީހާވެސް ބޮޑަށް ގާތްވެ ފުރައްސާރަ ކުރެވޭނެ ގޮތް ހެދުމަށް ކަމަށް ތަނުޝްރީ ބުންޏެވެ. އަދި އެކަމާ މެދުގައި ހިތްހަމަނުޖެހި އެ ލަވަ ނުކުޅުމަށް ސެޓު ދޫކޮށް ދިޔަކަމަށްވެސް އޭނާ ބުންޏެވެ.
މިހާރު އާންމުވެފައި ވީޑިއޯގައި އެ ފެންނަނީ ތަނުޝްރީ ސެޓު ދޫކޮށް ދިއުމަށް ކާރަށް އެރިތަނުން ހިނގި ކަމެކެވެ. ތަނުޝްރީ ބުނީ އެއީ ނާނާ ފޮނުވައިގެން އޭނާއަށް ހަމަލާދިނުމަށް އައި ގުންޑާއިންތަކެއް ކަމަށެވެ. އެ ވަގުތު ކާރުގައި ތަނުޝްރީއާއެކު އޭނާގެ ބައްޕަވެސް އިނެވެ.
ވީޑިއޯ އާންމު މިވީ އެފަދަކަމެއް ފިލްމު ސެޓުގައި ހިނގާފައި ނުވާކަމަށް ހުދު ނާނާވެސް ބުނެފައި ވަނިކޮށެވެ. ނާނާ ބުނީ ސެޓުގައި 50 އަަށް ވުރެ ގިނަ މީހުން ތިބި ކަމަށާއި ތަނުޝްރީއަށް ބަޔަކު ހަމަލާދޭނަމަ އެކަން އެކަކަށްވެސް ނޭނގި ނުދާނެ ކަމަށެވެ.
މި ވީޑިއޯއާއެކު ތަނުޝްރީއަށް ފާޑުކިޔަމުން އައި ގިނަ ބައެއް ވަނީ ހިމޭންވެފައި އެވެ. ބޮލީވުޑްގެ މަޝްހޫރު ބައެއް ފަރާތްތަކުންވެސް ވަނީ ތަނުޝްރީއާއި ދެކޮޅަށް ވާހަކަދައްކާފައި އެވެ. އޭނާއަށް ސަޕޯޓުކުރި ފަރާތްތައްވެސް ގިނަ އެވެ. އަދި އޭނާއަށް އިންސާފު ހޯދައިދިނުމަށްވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައި އެވެ.