ހޮލީވުޑް

ވެސްޓް ސައިޑް ސްޓޯރީއަށް އެންސެލް އެލްގޯޓް

ފިލްމު އުފެއްދުންތެރިޔާ ސްޓީވެން ސްޕީލްބާގްގެ ފިލްމު "ވެސްޓް ސައިޑް ސްޓޯރީ" ގެ ބަތަލްއަކަށް އެންސެލް އެލްގޯޓް ނަގައިފި އެވެ.

މިއީ 1957 ވަނަ އަހަރު ނިކުތް ބްރޯޑްވޭ މިއުޒިކަލްއަކަށް ތައްޔާރުކުރާ ފިލްމެކެވެ. މި ފިލްމުގައި އެންސެލް ކުޅޭނީ ޓޯނީގެ ރޯލެވެ. ކުރިން އެ ރޯލު ކުޅެފައި ވަނީ ލޭރީ ކާޓް އެވެ. މި މިއުޒިކަލްއަށް 1961 ވަނަ އަހަރުވެސް ފިލްމެއް ތައްޔާރުކުރި އެވެ. އެ ފިލްމުގައި އެންސެލް ކުޅޭނެ ރޯލު ކުޅުނީ ރިޗާޑް ބޭމާ އެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައި އޮންނާނީ ގޭންގެއްގައި އުޅޭ ފިރިހެން ކުއްޖަކަށް އެމީހުންނާއި ދުޝްމަނު ގޭންގެއްގެ ލީޑަރުގެ އަންހެން ކޮއްކޮ ދެކެ ލޯބިވެވުމުން ހިނގާ ކަންތައްތަކެއް މައްޗަށެވެ. މި ފިލްމުގެ ބަތަލާއަކަށް ނެގި ތަރިއެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ފިލްމުގެ ވާހަކަ ލިޔުނީ އަރްތާ ލޯރެންޓްސް އަދި ސްޓީފެން ސޮންދީމް އެވެ. ސްކްރީޕްލޭ ތައްޔާރުކުރީ އޮސްކާ އެވޯޑަށް ނޮމިނޭޓުވެފައިވާ ޓޯނީ ކުޝްނާ އެވެ. ސްޓީވެން އާއި ކެވިން މެކްކޮލަމް އަދި ކްރިސްޓީ މެކޮސްކޯ ޕްރޮޑިއުސްކުރާ މި ފިލްމަށް މިއުޒިކު ތައްޔާރުކުރާނީ ލިއޮނާޑޯ ބާންސްޓެއިން އެވެ.

މި ފިލްމުގެ މަސައްކަތް ފަށާނީ އަންނަ އަހަރު މެދެއްހާ ހިސާބުގައި އެވެ.

އެންސެލް އެންމެ މަޝްހޫރުވީ 2014 ވަނަ އަހަރު ނިކުތް ލޯބީގެ ފިލްމު "ދި ފޯލްޓް އިން އަވާ ސްޓާޒް" އިންނެވެ. ދެން އެންމެ އަވަހަށް ނިކުންނާނެ އޭނާގެ ފިލްމަކީ "ދި ގޯލްޑްފިންޗް" އެވެ. އެ ފިލްމު ނިކުންނާނީ އަންނަ އަހަރު އޮކްޓޯބަރު މަހު 11 ގައި އެވެ.