ހޮލީވުޑް

މިސްރުން ވެސް "އެކްސޮޑަސް" މަނާކޮށްފި

ހޮލީވުޑްގެ ފިލްމު "އެކްސޮޑަސް: ގޯޑްސް އެންޑް ކިންގްސް" އަކީ ހަގީގަތާ މުޅިން ހިލާފަށް އުފައްދާފައިވާ އުފައްދާފައިވާ ފިލްމެއް ކަމަށް ބުނެ މިސްރުގައި ވެސް މި ފިލްމު މަނާކޮށްފި އެވެ.

މި ފިލްމަކީ މޫސާގެ ފާނުގެ ވާހަކައިގެ އަސްލު އޮޅުވާލައިގެން އުފައްދާފައިވާ ފިލްމެއް ކަމަށް ބުނެ ނަސޯރާއިންނާއި ޔަހޫދީންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. ފިލްމުގެ މެއިން ސެޓްތަކުގައި ކުރީގެ މިސްރު ތަމްސީލުކޮށްދީފައިވާއިރު އެގައުމުން އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައި ވަނީ އަޙުރާމްތައް ބިނާކުރި މީހުންގެ ގޮތުގައި ޔަހޫދީން ފިލްމުގައި ސިފަކޮށްދީފައިވާތީ އެވެ.

މީގެ އިތުރުން މޫސާގެފާނު މެދުވެރިކޮށް މާތް ރަސްކަލާނގެ ދެއްކެވި މުއުޖިޒާތްތައް ގުދުރަތީ މުސީބާތްތަކެއްގެ ގޮތުގައި ސިފަކޮށްފައިވާ މައްސަލަ ވެސް މިސްރުގެ ސެންސަރު ބޯޑުން ފާހަގަކޮށްފައިވެ އެވެ.

ފިލްމުގައި ދައްކުވައިދޭ ގޮތުން ރަތް ކަނޑުގެ މެދުން މަގެއް ހެދިގެން ދިޔައީ ވެސް ބިންހެލުމަކާ ގުޅިގެންނެވެ.

މި ފިލްމުގައި މޫސާގެ ފާނުގެ ރޯލު ކުޅެފައި ވަނީ އިނގިރޭސި ވިލާތުގެ މަޝްހޫރު އެކްޓަރު ކްރިސްޓިއަން ބޭލް އެވެ.

އިސްލާމީ އެހެން ގައުމުތަކުން ވެސް ދަނީ މި ފިލްމު މަނާކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ވެސް ވަނީ މިހާރު މި ފިލްމު މަނާކޮށްފަ އެވެ.

މި ފިލްމަކީ 140 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ. ފުރަތަމަ ހަފުތާ ބަންދުގައި ފިލްމަށް 24.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.