ނިއުރޭޑިއަންޓް

ސެންޓޭ ދެއްކި ނަމޫނާއަށް ތައުރީފު

ދިވެހި ޕްރިމިއާ ލީގްގައި، އިއްޔަ ބ. ފެހެންދޫއާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުގައި، ކެޕްޓަން އަލީ ފާސިރު 'ސެންޓޭ' އަށް ހެޓްރިކު ހަދަން ލިބުނު ފުރުސަތު އޭނާ ދޫކޮށްލީ ހަމްޒާ މުހައްމަދު 'ހަމްޕު' އަށެވެ.

މި މިސާލު އެންމެ ފުރިހަމައަށް ފެނިގެން ދިޔައީ، ސްޕެނިޝް ލީގްގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑްގައި ލިއޮނަލް މެސީގެ ފަރާތުންނެވެ. ސްޕެއިންގެ 2016/2017 ސީޒަންގައި ކޯޑަބާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ދެ ލަނޑު ޖަހާފައި ވަނިކޮށް ބާސާއަށް ލިބުނު ޕެނަލްޓީ އޭނާ ވަނީ ނޭމާއަށް ދީފަ އެވެ. ބާސާގައި ޕެނަލްޓީ ޖެހުމުގައި އެންމެ އިސްވަނީ މެސީ އެވެ. މިދިޔަ ސީޒަންގައި، ޑިޕޯޓިވޯ އަލަވޭޒްއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގައި، ރޮނާލްޑޯ ދެ ލަނޑު ޖަހާފައި ވަނިކޮށް، ލިބުނު ޕެނަލްޓީ އޭނާ ދިނީ ބެންޒެމާ އަށެވެ.

މެސީ އާއި ރޮނާލްޑޯ ދެ ކުޅުންތެރިން ދެއްކި ނަމޫނާއަށް ތައުރީފު އޮއްސާލީ އިމެއް ނެތި އެވެ. ފުޓްބޯޅަ ޓޯކް ޝޯ ތަކުގައި އެ ވާހަކަ ނަމޫނާއަކަށް ދެއްކި އެވެ.

އިއްޔަގެ މެޗުގެ 63 ވަނަ މިނެޓްގައި، ނިއު އަށް ޕެނަލްޓީ ލިބުނު އިރު، ހެޓްރިކު ފުރިހަމަ ކުރަން ސެންޓޭއަށް ބޭނުންވެފައި އޮތީ އެންމެ ލަނޑެކެވެ. ނިއު ރޭޑިއަންޓްގައި އަދި ގައުމީ ޓީމުގައިވެސް، ޕެނަލްޓީ ޖެހުމުގައި އިސްކަން ދެނީ ސެންޓޭއަށެވެ. ކުރީގެ ކެޕްޓަން އަލީ އަޝްފާގް 'ދަގަނޑޭ' ނިއު ގައި ހުރިއިރުވެސް ޕެނަލްޓީ ޖެހުމުގައި ސެންޓޭއަށް އިސްކަންދެ އެވެ. އެއީ އެހެން ކުޅުންތެރިންނަށްވުރެ ޕެނަލްޓީ ނިންމާލުމުގައި އޭނާއަށް އިތުބާރު އޮންނާތީ އެވެ.

ނިއުގެ ޑިފެންޑަރު 'ހޮކޭ' މުހައްމަދު ރަޝީދަށް، ފެހެންދޫގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިން ފައުލު ކުރުމުން ދިން ޕެނަލްޓީގައި، ބޯޅަ ނަގައިގެން ގޮސް ސެންޓޭ ދިނީ އޭނާ އާ އެއްރަށަކަށް ނިސްބަތްވާ ހަމްޕު އަށެވެ.

ސެންޓޭ ދެއްކި ނަމޫނާ އަށް ނިއު ރޭޑިއަންޓްގެ ކޯޗް ސޮބާހް މުހައްމަދު އިބްރާހިމް 'ސޮބާ' ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ.

"ސެންޓޭ އެ ދައްކައިދިނީ އޭނާއަކީވެސް ވަރުގަދަ ލީޑަރެއްކަން،" ސޮބާ ފާހަގަ ކުރި އެވެ. "ލީޑަރެއްގެ ހުންނަން ޖެހޭ ވަރަށް މުހިންމު ކޮލިޓީއެއް ތި ފެނުނީ، އެހެން ކުޅުންތެރިންނަށްވެސް ނަމޫނާއެއް އެ ދައްކައިދިނީ."

ޕެނަލްޓީން ހަމްޕު ލަނޑު ކާމިޔާބު ކުރި ފަހުން ސެންޓޭ ވަނީ ނިއުގެ ހަތް ވަނަ ލަނޑު ކާމިޔާބުކޮށް ހެޓްރިކުވެސް ފުރިހަމަ ކޮށްފަ އެވެ. އަނެއްކާ އޭގެ ފަހުން ލިބުނު އެހެއް ޕެނަލްޓީއެއް ޖަހަން އޭނާ ފުރުސަތު ދިނީ މުހައްމަދު އުމޭރު އަށެވެ.

އޭނާގެ ފަރާތުން ފެނިގެން ދިޔަ އެ ނަމޫނާއާ ބެހޭގޮތުން ސެންޓޭ ބުނީ އޭނާ ކުޅެނީ ޓީމެއްގައި ކަމަށާއި އޭނާގެ އަމިއްލަ ހެޓްރިކަށް ވުރެ އިސްވާނީ ޓީމު ކަމަށެވެ.

"އެޓޭކިންގެ ހުރިހާ ކުޅުންތެރިންނަށް ލަނޑު ޖަހާކަށް ފުރުސަތެއް ނުލިބޭ، އެބަޖެހޭ އެ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށްޓަކައި އެ ފުރުސަތު ހޯދައި ދޭން،" ސެންޓޭ ބުންޏެވެ. "މިއަދު [އިއްޔަ] އެޓޭކިންގެ ހުރިހާ ކުޅުންތެރިންވެސް ލަނޑު ޖަހައިފި، އެއީ ހަމަގައިމުވެސް ޓީމަށް ލިބޭ ބޮޑު އިތުބާރެއް."