ކުޅިވަރު

އައިސް ޓީވީ އިން ރާއްޖެ-ގަތަރު މެޗު ދައްކާނީ އެޗްޑީކޮށް

ދިވެހި ފުޓްބޯޅަ ޓީވީ އިން ދައްކާ ގޮތާ މެދު ހިތްހަމަޖެހެނީ ކިތައް މީހުން ހެއްޔެވެ؟ ޔަގީނަށް ވެސް ފުޓްބޯޅަ އަށް ލޯބިކުރާ ސައްތައިން ސައްތަ މި ދިވެހި ގައުމުގައި ފުޓްބޯޅަ، ލައިވްކޮށްވިޔަސް އަދި ލައިވްކޮށް ނޫނަސް ޓީވީއެމުން އެ ދައްކާ ގޮތް ކަމުދާ މާ ގިނަ ބަޔަކު ތިބިހެނެއް ހީއެއް ނުވެ އެވެ.

ދިވެހި ފުޓްބޯޅަ ގައުމީ ޓީވީ އިން ދުރަށް ފޮނުވާއިރު އެންމެ ބޮލަށް އުނދަގޫކުރާ ކަމަކީ މި މެޗުތަކުގެ ކަވަރޭޖު ހުށަހަޅައިދޭ ގޮތެވެ. ފަހަރެއްގައި ބޭރުގެ މަޝްހޫރު ލީގުތަކުގެ މެޗުތައް ޓީވީ އިން ދުރަށް ފޮނުވާ ފެންވަރުގައި ނުގެނެސް ދެވިދާނެ އެވެ.

ނަމަވެސް އެޗްޑީކޮށްލަނިކޮށް ވެސް އޭގެ ކޮލިޓީ ރަނގަޅުވެ، ފުޓްބޯޅަ އަށް މަރުދޭ މި ރައްޔިތުންނަށް ކުޑަ ހިތްހަމަޖެހުމެއް ލިބިދާނެއެއް ނޫން ހެއްޔެވެ؟

ފަހަރެއްގައި އައިސްޓީވީ އިން މާދަމާގެ ހާއްސަ ފުޓްބޯޅަ މެޗު، ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ގަތަރު ކުޅޭ މެޗު އެޗްޑީކޮށް ގެނެސްދިނުމަށް ތައްޔާރުވެފައި ވަނީ މި ސަބަބާ ހެދި އެވެ.

އައިއިސް ޓީވީ އިން ބުނަނީ މި މެޗު ވެގެންދާނީ ރާއްޖޭގެ ގައުމީ ޓީމުގެ މެޗެއް ލޯކަލް ޗެނަލަކުން މިގޮތަށް އެޗްޑީކޮށް ބްރޯޑްކާސްޓްކުރާ ފުރަތަމަ ފަހަރަށް ކަމަށެވެ.

އެހެންވީމަ ޓީވީއެމާއި އެހެން ނޫން ލޯކަލް ޗެނަލްތަކުން ދެއްކުމަށް ތައްޔާރުވަމުން އެ އަންނަ ފެންކުލައިގެ ކޮލިޓީން މެޗު ބެލުމަށް ޓާޓާ ކިޔާލާފައި މި ޖެހުނީ އައިސް ޓީވީ އަށް ޓިއުނުކޮށްލާކަށް ނޫން ހެއްޔެވެ.

ރާއްޖެ އާއި ގަތަރުގެ މެޗު ފަށާނީ މާދަމާރޭ ނުވައެއް ޖަހާއިރު އެވެ.