ކުރީގެ ފުޓްބޯޅައިގެ ގަދަ ބާރު ވިކްޓަރީ ސްޕޯޓްސް ކުލަބަކީ، ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކުންވެސް ގިނަ ތަށިތަކެއް ހޯދާފައިވާ ކުލަބަކެވެ. ކުޅިވަރުގެ ރަސްގެފާނުގެ ގޮތުގައި އެއްދުވަސް ވަރެއްގައި މަޝްހޫރުވި ކުލަބު މިހާރު އޮތީ މިއިން ދުވަހަކު ނުވެއްޓޭ ވަރުގެ ބޮޑު އަޑިގަނޑަކަށް ވެއްޓިފަ އެވެ. ކުޅިވަރު މުބާރާތްތަކުގައި ކުލަބު ވާދަ ކުރުމާމެދުވެސް އޮތީ ސުވާލު އުފެދިފަ އެވެ.
އެ ކުލަބުގެ 47 އަހަރުވީ ތާރީހުގައި މިހާ ދަށު ދަރަޖައަށް ކުލަބު ވެއްޓިގެން ގޮސްފައެއް ނުވެ އެވެ. އެކަން ފާހަގަ ކުރަނީ ކުރިން ވިކްޓަރީއަށް ކުޅުނު ކުޅުންތެރިންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ވިކްޓަރީގައި މަސައްކަތް ކުރި އޮފިޝަލަކު ބުނީ، ޓީމުގެ ބޯޑާއި ކުޅުންތެރިންނާ ދެމެދު ގުޅުން ކެނޑިގެންދިޔަ ވާހަކައަކީ މީގެކުރިން ވިކްޓަރީގެ ތެރެއިން އަޑުއަހާފައިވާ ވާހަކައެއް ނޫން ކަމަށެވެ.
"މާޒިޔާއާ ދެކޮޅަށް ނިކުތް އިރު އޮތް ހާލަތަށް ވުރެ، މިހާރު ހާލަތު ގޯސް، ކުޅުންތެރިޔެއް ކައިރީގައި އަހާލަބަލަ، އޭރުން އެނގޭނެ ކިހާ ދަށު ދަރަޖައައްކަން ކުލަބުގެ ހާލަތު ވެއްޓުނީ،" ވިކްޓަރީގެ އޮފިޝަލަކު ކަންބޮޑުވުންތައް ބަންޑުން ކޮށްލި އެވެ.
"މެނޭޖުމެންޓުން ކުޅުންތެރިންނަށް ބޮޑެތި ދޮގު ހަދަމުން ދަނީ، ކުޅުންތެރިންގެ އެއްވެސް ކަމެއް ފުރިހަމަ ނުވޭ، އެއިން މީހަކާ ގުޅެނީކީ ނޫން، މެސެޖަކަށް ޖަވާބު ދެނީކީ ނޫން."
މިދިޔަ ހަފުތާގައި މާޒިޔާއާ ދެކޮޅަށް ކުޅުންތެރިން ތިބީ މެޗަށް ނުނިކުންނަ ގޮތަށެވެ. ވިކްޓަރީގެ ސީނިއާ ކުޅުންތެރިޔަކު ބުނީ އެދުވަހު ކުޅުންތެރިން މެޗަށް ނިކުތީ ކެޕްޓަން ޝާފިއު އަހްމަދު 'ޝާފީ' ގެ އެދުމުގެ މަތިން ކަމަށެވެ. އޭނާ ބުނީ، އޭނާ އަމިއްލައަށް ކުލަބުގެ ޗެއާމަން މުހައްމަދު އިސްމާއީލް އާއި ވައިސް ޗެއާމަން އަލީ އާރިފަށް ގުޅަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ފޯނަށް ޖަވާބު ނުދޭ ކަމަށެވެ.
"އަހަރެމެން އަމިއްލައަށް ނިންމައިގެން ތިބީ މެޗަށް ނުދާން، ޝާފީ ވަކިވަކިން ކުޅުންތެރިންނަށް ގުޅާފަ އެދުނީމަ މާޒިޔާ ގެ މެޗު ކުޅެން އަހަރެމެން ދިޔައީވެސް،" އަވަސް އާ ވާހަކަ ދެއްކި ކުޅުންތެރިޔާ ބުންޏެވެ. "އެ މެޗަށް ފަހު މެނޭޖުމެންޓުން ބުނި މުސާރައިގެ ކޮންމެވެސް ވަރެއް ދޭނަމޭ، މާދަމާ މިއޮތީ އަނެއް މެޗު މިހާރު މެނޭޖުމެންޓުގެ އެއްވެސް ހަބަރެއް ނުވޭ، މެސެޖަކަށް ޖަވާބެއް ނުދޭ، ފޯނެއް ނުނަގާ."
ޖުލައި މަހު ފަހު ކޮޅުގައި ގައުމީ ޓީމަށް ބްރޭކު ދިނުމަށް ލީގު މެދުކަނޑާލި ފަހުން ވިކްޓަރީން ޕްރެކްޓިސް ކޮށްފައެއް ނުވެ އެވެ. މުސާރަ ނުދޭތާ މިހާރު ވަނީ ހަތަރު މަސް ހޭދަ ވެފަ އެވެ. މިހާލަތަށް ދިއުމުން މުބާރާތުން ވަކިވުމުގެ ވާހަކަތައް ވެސް ކުލަބު އެތެރޭގައި ފެތުރިގެން ދިޔަ އެވެ.
"އަޅުގަނޑު ބުނިން މިހާހިސާބުން ވަކިވާން ހިނގާށޭ، އެއީ ވިކްޓަރީއަކީ ދުވަހަކުވެސް ގިނަ އަދަދަކަށް ބައިކޮޅަށް ލަނޑު ވަންނަ ޓީމެއް ނޫން، މިއޮތް ހާލަތުގައި އޮވެ ކުޅެންޏާ އެކަންވެސް ގެއްލޭނެ،" އޭނާ ވާހަކަ ދެއްކި އެވެ. "އެ ރެކޯޑް ހިފެހެއްޓުމަށްޓަކައިވެސް އެބަޖެހޭ މުބާރާތުން ވަކިވާން، އެއަންނަ ޖޫރިމަނާއެއް އޮންނާނީ އެފްއޭއެމްއާ ކުލަބާ ދެމެދުގައިތާ، މިހާ ދަށުދަރަޖައަށް ވެއްޓުމަށްވުރެ އެކަންކުރިޔަސް ހިތަށް ފަސޭހަ."
"ކުޅުންތެރިންނަށްވެސް ކެތް ވާނީ ވަކި ހިސާބަކަށް، އެންމެ ފަހުން ދާނީ އެހިސާބަށް، އެހާހިސާބަށް ދިއުމުގެ ކުރިން އެއްގޮތަކީ މައްސަލައަށް ކުޑަނަމަވެސް ހައްލެއް ލިބުން، ނޫނިއްޔާ މުބާރާތުން ވަކިވާންވީ."
މާޗް މަހު ބޭއްވި އިންތިހާބުގައި، ޗެއާމަންކަމަށް ވަޑައިގެން، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް އޭރު ވިދާޅުވީ ފުޓްބޯޅައިގައި މާ ފަހަތުގައި އޮތުން ވިކްޓަރީ އަށް ހައްގު ނުވާ ކަމަށާއި، ވިކްޓަރީ ކުރިން އޮތް މާގަމަށް ގެންގޮސް ދޭނެ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރާނީ ވިކްޓަރީގެ ސަޕޯޓަރުންގެ ބައިވެރިވުން ހޯދައިގެން، ކުޅުންތެރިންނާއި މެނޭޖުމެންޓުން އަޅުގަނޑުމެން މަސައްކަތް ކުރާނަން ވިކްޓާރީ ހޯދާފައިވާ ތަށިތަކުގެ ތެރެއަށް އިތުރު ތަށިތައް ހޯދުމަށް." މާޗް 31 ގައި ބޭއްވި ވިކްޓަރީގެ އިންތިހާބަށް ފަހު މުހައްމަދު އިސްމާއީލް ވިދާޅުވެފައިވެ އެވެ.
"މި ކުލަބަކީ ހިދުމަތްތެރި ކުލަބެއް މި ދިވެހިރާއްޖޭގެ ތާރީހުގައި، ކުޅިވަރުގެ ތާރީހްގައި، އެހެންވީމަ ކުޅުންތެރިންނަށްވެސް އަޅުގަނޑުމެން ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑުމެން ކުރިއަށް އޮތްތާނގައި މަސައްކަތް ކޮށްގެން، މި ކުލަބަކީ ކާމިޔާބު ހޯދާނެ ކުލަބަކަށް ހަދާނަން، އަޅުގަނޑުމެން މި އައީ މި ކުލަބަށް ހިދުމަތެއް ކުރަން." އިންތިހާބަށް ފަހު ވިކްޓަރީގެ ވައިސް ޗެއާމަން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވެފައިވެ އެވެ.
ނަމަވެސް، މުހައްމަދު އިސްމާއީލް އާއި އަލީ އާރިފްގެ ލީޑާޝިޕްގައި ވިކްޓަރީ ވަނީ މިއިން ދުވަހަކު ނުވެއްޓޭހާ ދަށު ދަރަޖައަށް ވެއްޓިފަ އެވެ. ޓީމުގެ ކޯޗަކަށް ހުރި ހަންގޭރީގެ ލާޒްލޯ ކިސް ވަނީ ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފަ އެވެ.