ވާހަކަ

ބުނެދޭށޭރުހެމޭ

(30 ސެޕްޓެމްބާރ 2018 އާ ގުޅޭ)

"ތި ހުރިތާ މަޑުކުރޭ، އަހަރެން މިދަނީ" އަރްސަލް މިހެން ބުނުމާއެކު ކޯލު ކަނޑާލައިފިއެވެ. ކަންބޮޑުވެފައި ނިމްރާ ދުވާރުމަތީ މަޑުކޮށްލީއެވެ. ދަބަހުގައި ހިފަހައްޓާލައިގެން އިސްޖެހިފައި ހުއްޓާ މަގުގެ އަނެއްފަރާތުން ނިމްރާގެ ކުރިމަތިން މީހަކު ގޮވާލިހެން ހީވެގެން އިސްއުފުލައި ބަލާލިއެވެ.

މަގުގެ ދެކޮޅު ބަލާލައި ހަލުވިކޮށް މަގު ހުރަސްކޮށް ނިމްރާގެ ގާތަށް ދުވާރު މައްޗަށް އެރީ އީވާއާއި އޭނާގެ މަންމައެވެ. އެ ދެ މީހުންގެ މޫނުންމަތިން ފެނިގެންދިޔައީ ހައިރާންކަމެވެ.

"ނިމް... އެކަނިތަ؟" އީވާ ނިކަން އަވަހަށް އަހާލިއެވެ.

"ކީއްވެފައި އެކަނިމާއެކަނި މިތާ ހުއްޓިގެން ތި ހުރީ؟ ބަލީތަ؟ ގެއަށް ނޭނގިފަތަ؟ އަނެއްކާ ހުރިހާކަމެއް ރަނގަޅުތަ؟ ވާރޭ ކަނިޖަހައެއްނު... ތިހެން ހުއްޓާ ބޯކޮށްލައިފިއްޔާ ތެމި ފޯވާނެ، މިތާ ކައިރިއަކު ހިޔާވެލަން ވަންނާނޭ ތަނެއް ވެސް ނެތެއްނު" އީވާގެ ސުވާލާ ގުޅިގެން އިޒްވާގެ ސުވާލުތައް ނިމްރާއާ ކުރިމަތި ކުރުވިއެވެ.

"އަރްސަލް ބަލާ އަންނާތީ މަޑުކޮށްލައިގެން މިހުރީ" ފިކުރުތައް ވަޅުޖަހާލަމުން އޭގެ މައްޗަށް ހިނިތުންވުމެއް ނިމްރާ ވެރިކޮށްލިއެވެ. އެއާއެކު ހާސްވެފައި ތިބި އީވާއާއި އިޒްވާ ވެސް ހިނިތުންވެލައިފިއެވެ.

"ބާޒާރުކޮށްލަނީތަ؟" ދެމައިންގެ އަތުގައި އޮތް ކޮތަޅުތަކަށް ބަލާލާފައި ނިމްރާ ބުންޏެވެ.

"ކާއެއްޗެހި ގަނެގެން މިދަނީ، އީވާގެ ބައްޕަ އެބައިން ކާރުގައި، އަހަރެމެން ވެސް މިދަނީ ގެއަށްދާން، މިގޯޅިން ނުކުންނައިރަށް ފެންނާނޭ ބުނީމަ މިހެންލާފައި މިދަނީ، އީވާގެ ފަރާތުން އެނގިފައި އޮތީ ކައިވެންޏަށް ރަންކިޔައިފިކަން، ވަރަށް އުފާވި އެ ޚަބަރު އަހާފައި، ކީއްވެތަ އީވާއާއެކު އަހަރެމެން ގެއަށް ނާންނަނީ؟" އިޒްވާގެ ހިތްހެޔޮކަން އޭނާއާއެކު ފަޅިސިކުންތެއް ހޭދަކޮށްފި މީހާއަށް ވެސް ސިއްރުނުވާނޭ ކަމެވެ. އޭނާގެ ވާހަކައިން ނިމްރާ އިހުނަށްވުރެ ބޮޑަށް ހިނިތުންވެލީއެވެ. ރައްދުގައި އެއްވެސް އެއްޗެއް ބުނާކަށް ނިމްރާ ގަސްދެއްނުކުރިއެވެ.

"މަންމާ، ބައްޕަ އެ ގުޅަނީ، އަހަރެމެން ލަސްވެގެން ކަންނޭނގެ" އީވާ އަތްދަބަހުން ނެގި ފޯނު އިޒްވާއަށް ދައްކާލަމުން ބުންޏެވެ.

"އާން! އެހެންވެގެން އެ ގުޅަނީ... ބުނޭ ވަރަށް ކައިރީގައޭ، މި ނިކުންނަނީއޭ... ނިމް!، އަހަރެމެން ދަނީ އިނގޭ، ތިހެން ނުހުރެ ބަލާބަލަ ކިހާ ހިސާބަކުތޯ ތި ބަލާއަންނަން ބުނި ކުއްޖާ ހުރީ" އިޒްވާގެ ވާހަކަ ފޯނުގައި ހުރި އީވާ އަޑުއެހިއެވެ. އަދި ނިމްރާއަށް ބަލާލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ.

"ނިމް، އެކަނި ބަހައްޓާފައި ދާންވީތަ؟" ހިނގައިގަންނަން އުޅެފައި ވެސް އިޒްވާ ބުންޏެވެ.

"މަންމާ، އަރްސަލް ސާރ އެ އަންނަނީއޭ ނިމް ބަލައި" އީވާ އޭނާގެ މަންމަގެ އަތަށް ދަމާލަމުން ބުންޏެވެ.

"އެ ގުޅީ" ނިމްރާއަށް އަރްސަލް ގުޅީ ހަމައެވަގުތުއެވެ.

"އަހަރެމެން ދަނީ އެހެންވީރު" އިޒްވާ ހިނިތުންވުމެއްދިނެވެ.

"ބާއި ނިމް" އީވާ ބުނެލިއެވެ. އަދި އޭނާގެ މަންމައާއެކު ހިނގައިގަނެއްޖެއެވެ.

ނިމްރާ ފޯނުކޯލަށް ޖަވާބުދިނީ އެ މީހުން ހިނގައިގަތުމުންނެވެ. ނިމްރާ މަޑުކޮށްގެން ހުރި ގޯޅިއަށް ކާރަށް ނުވަދެވޭތީ އަރްސަލް އިރުޝާދު ދިން ގޮތަށް ނިމްރާ ބޮޑު މަގަށް ނުކުތެވެ. އަރްސަލްގެ ކާރާ ހަމައަށް އާދެވުމުން ފޯނުކޯލު ކަނޑާލިއެވެ. އެވަގުތު އަރްސަލް ކާރުގެ ދޮރުފަތް އެތެރެއިން ހުޅުވާލައިފިއެވެ. ނިމްރާ ކާރަށް އަރައި ދޮރުފަތް ލައްޕާލުމުން ކާރު ދުއްވާލައިފިއެވެ. ކާރުތެރެއަށް ވެރިވެފައި އޮތީ ހިމޭންކަމެވެ. ދެ މީހުންކުރެ އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ނަމަވެސް ނިމްރާއަށް އަނގައިން ނުބުނެ ނީނދެވުނީ ކާރުތެރޭގައި ފިނިގަދަކަމުންނެވެ. އޭރު އޭނާއަށް ފިނިވެގެން އުޅޭކަން އަރްސަލްއަށް ވެސް ފާހަގަވެއްޖެއެވެ.

"ކީއްވެ އަހަރެން ގާތު ނުބުނީ" ފިނިމަޑުކޮށްލުމާއެކު އަރްސަލް ވާހަކަދެއްކިއެވެ.

"އެންމެން ވެސް ވަރަށް ބިޒީކޮށް އުޅޭތީ" ނިމްރާ ބުންޏެވެ.

"ކިތަންމެ ބިޒީ ވިޔަސް ސްކާލެޓްގެ ކަންކަން އަހަންނަށް ކުރެވޭނެ، އަހަންނާއެކު ދޯ ގެއަށް އައީ، އެހެންވީމަ އެނބުރި ދާން ވެސް ޖެހޭނީ އަހަންނާއެކުއެއްނު" އަރްސަލް ހިތްހަމަނުޖެހިފައި ހުރިކަން ނިމްރާއަށް އެނގެއެވެ. ފިނިން ސަލާމަތްވާން އުޅޭ މީހަކު ފަދައިން ހަށިގަނޑުގައި ދެއަތުން ހިފަހައްޓާލައިގެން އިސްޖެހިފައި ނިމްރާ އިނެވެ.

"ސޮރީ" ނިމްރާ ބުނެލިއެވެ. އެއާއެކު އޭނާއަށް އަރްސަލް ބަލާލިއެވެ.

"ކަމެއްވީތަ؟... ޔޫ އާ އެކްޓިންގް ޑިފަރެންޓް، ނޮޓް ޔޯ ޔޫޝުއަލް ސެލްފް" އަރްސަލް ބުންޏެވެ. އަދި މަޑުމަޑުން ނިމްރާގެ ކޯތާފަތުގައި ވައަތުގެ އިނގިލިތަކުގެ ނުފުށުން ފިރުމާލިއެވެ.

"ކުޑަކޮށް ހޫނު، ހުންވައްތަރުވީތަ؟" އަރްސަލް ނިކަން އަވަހަށް އަހާލިއެވެ. ނިމްރާ ދެފަރާތަށް ބޯހޫރުވާލިއެވެ.

ހޮޓެލަށް އާދެވެންދެން ނިމްރާ ވާހަކައެއް ނުދެއްކިއެވެ. ނިމްރާ ގޮވައިގެން އަރްސަލް އައިސް ޕެންޓްހައުސްއަށް ވަނދެވުމާއެކު އޭނާ އުޅުނީ ނިމްރާއަށް ބޭސްދޭށެވެ. ދެކޮޅުނުހަދާ އަރްސަލް އެދުނު ފަދައިން ނިމްރާ ކަންތައްކުރިއެވެ. ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްގެން ނިމްރާ އެނދުގައި އޮށޯތީ ވެސް އަރްސަލް އެހެން ކަންތައްކުރުމަށް އެދުނީމައެވެ.

"އަރްސަލް، ރުޅި އައިސްފައިތަ؟" ނިމްރާގެ ގާތުގައި އިށީނދެލައިގެން އިން އަރްސަލްއަށް ގޮވާލައި އަހާލިއެވެ.

"އުނހޫނ! ނާދޭ... މިހާރު މިއިނީ ސްކާލެޓް ބަލިވާންއުޅެނީއޭ ހީވެ އެކަމާ ކަންބޮޑުވެފައި" އަރްސަލް ތެދަށް ބުންޏެވެ.

"އަހަރެން... އަރްސަލް، މެރީ ކުރަން އަރްސަލް ހަމަ ބޭނުންތަ؟" ނިމްރާ ކުރި ސުވާލުން އަރްސަލް ހައިރާންވިއެވެ.

"މިހާރު އެންމެ ބޭނުންވާ ކަންތައް އެއީ... އަހަރެން ކުރިން ވެސް ބުނީމެއްނު އިންނަން ބޭނުންވެގެންނޭ ހުރިހާކަމެއް މިކުރަނީ، ދެން މާގިނަ ވާހަކަނުދައްކާ، ބޭސްކައިފީމެންނު، ނިދާލާފައި ހެނދުނުން ތެދުވާއިރު ހުރިހާކަމެއް އޯކޭވާނެ" ނިމްރާގެ އަތްތިލައިގައި ހިފަހައްޓާލައިގެން އިނދެ އަރްސަލް ބުނެލިއެވެ.

"އަހަރެން ވާހަކައެއް ބުނަން ބޭނުން" ދެ ލޯ މަރައިގެން އޮވެ ނިމްރާ ބުންޏެވެ.

"މާދަމާ ވާހަކަދައްކާނީ، ނައު ޝަޓް އިޓް، ނޯ މޯ ޓޯކިންގް" ނިމްރާގެ ތުންފަތުގައި ޝަހާދަތްއިނގިއްޔާއި މެދުއިނގިލި އަރްސަލް ޖައްސާލިއެވެ. ބޭއިޚްތިޔާރުގައި ނިމްރާއަށް ކާނާއަތް އުފުލާލައި ލޯމަތީ އަޅާލެވުނެވެ. ކައިވެނި ކުރެވުމުގެ ކުރީން ނިމްރާ އެއްވެސް ކަމެއް އަރްސަލް ފޮރުވާފައި ނުބާއްވައި ކިޔައިދޭން ނިންމީއެވެ. އެއީ އޭނާ ވަރަށް ވިސްނާފައި ނިންމި ނިންމުމެކެވެ. ހަޤީޤަތް އެނގުމުން އަރްސަލް ކަންތައްކުރާނޭ ގޮތެއް ނޭނގުނަސް އަރްސަލްގެ ކޮންމެ ނިންމުމެއް ބަލައިގަންނަން ނިމްރާ އެވަނީ ތައްޔާރަށެވެ. އެވަރުގެ ބޮޑު ނިންމުމެއް އޭނާ ނިންމީ ވަރަށް ހިތްވަރުކޮށްފައެވެ. ލައްކަ ދުވަހު މީހަކާ ޚިއްޞާނުކުރަން އަމިއްލަ ނަފްސަށް ވަޢުދުވެފައި ހުރެއެވެ.

"ބޮލުގައި ރިއްސަނީތަ؟" ނިމްރާ އޮތް ގޮތުން އަރްސަލްއަށް އުނދަގޫވިއެވެ. އިހުނަށްވުރެ ގާތަށް ޖެހިލައި ނިމްރާގެ އަތް މޫނުން ނަގަން އުޅުނެވެ. ނިމްރާ ގަދަ ހަދާލައިފައި ވެސް އަރްސަލްއަށް ވުރެ ވަރުގަދައެއް ނުވެވޭނެކަން އެނގޭތީ ގޮތްދޫކޮށްލިއެވެ. އެހިނދު ކަރުނުން ތެމިފައިވާ ދެ ލޯ އަރްސަލްއަށް ހާމަވެގެންދިޔައެވެ.

"ނިމް... ކިހިނެއްވީ؟ ތަދުވަނީތަ؟ އަހަރެން ގާތު ބުނެބަލަ... ކީއްވެ ތި ރޮނީ" އަރްސަލް ހާސްވިއެވެ. ދެ ލޯ މަރާލައިގެން އޮތް ނިމްރާގެ ލޮލުގެ ހިމަކޮޅުން ފައިބަމުންދިޔަ ކަރުނައިގެ ރޮނގު ފުހެލައި ދެއަތުން އެ މޫނުގައި އަރްސަލް ހިފަހައްޓާލިއެވެ. ލޯތްބާއެކު ނިތްކުރީގައި އަރްސަލް ބޮސްދިނެވެ.

"ސްކާލެޓް ރޯންޖެހޭވަރުގެ ކަމެއް އަހަންނަށް ކުރެވުނީތަ؟" ނިމްރާގެ މޫނާއި މޫނު ކައިރިކޮށްލައިގެން އިނދެ އަރްސަލް ސުވާލުކުރިއެވެ. ނިމްރާ އެއްވެސް އެއްޗެއް ނުބުނެ އަރްސަލްގެ ގަމީހުގައި މެޔާ ދިމާލުން ހިފާލައި ގާތަށް ދަމާލިއެވެ. އަރްސަލް އަވަސް އަވަހަށް ނިމްރާގެ ގާތުގައި އޮށޯވެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ އަރްސަލްގެ މޭގައި މޫނު ފޮރުވާލައިގެން ނިމްރާ އޮތެވެ.

"ހެލޯ... ނިމް ކޮބާ؟" ނިމްރާގެ ކޮޓަރި ބޭރުގައި މަޑުކޮށްލައިގެން އަރްސަލް ހުރީ ފޯނުން ރާދިންއާ ވާހަކަދައްކާށެވެ.

"އޭނާއަށް ނިދުނީމަ މި ގުޅީ ވެސް، ރާދު... މިރޭ އޭނާ އެކަނި މި އެޕާޓްމެންޓަށް ދޫކޮށްލާފައި ދާކަށް ނުކެރޭނެ، ހުންވައްތަރުވެފައި ހުރީ، ރޯން ވެސް ރޮއިފި، ހީވަނީ ބޮލުގައި ވެސް ރިއްސަނީހެން" އަރްސަލްގެ އަޑުގައިވި ކަންބޮޑުވުން ރާދިންއަށް ވިސްނުނެވެ.

"ބައްޕަ ގާތު ބުނެފައި ދޯ މިހާރު މަޑުކުރަންވާނީ، އަރްސަލްގެ ޚަބަރެއް ނުވެގެން ބައްޕަ އުޅޭތީ އަހަރެން ކުރިން ވެސް ގުޅީ، މެސެޖު ވެސް ކުރީ، އެކަމަކު ނިމްގެ ގާތުގައި މީހަކު ކޮންމެހެން ވެސް ހުންނަންޖެހޭނެ" ރާދިން ބުނެލިއެވެ.

"ގެއަށް ގެންނަން ބައްޕަ ބުނެދާނެ، އެގޮތް ނިމްއަށް ކޮމްޕޯޓަބަލްވާނޭ ހިޔެއްނުވޭ، އަހަރެން ވެސް ބޭނުމެއްނޫން، ރާދު އަންނަންވީނު، ރާދު ހުރިއްޔާ ބައްޕަ ވެސް އޯކޭވާނެ، ކޮންމެވެސް އެއްޗެކޭ ބުނެފައި ރާދު މިކޮޅަށް އައިސްދީބަލަ، އަހަންނަށް ރާދުގެ އެހީ ބޭނުންވާނެ" އަރްސަލް އެދުނެވެ. ރާދުން ވަގުތުން އެއްބަސްވިއެވެ. ބިލާލުއާ ވާހަކަދައްކާފައި އޭނާ ހަމަމިހާރު އަންނަނީކަމުގައި ބުންޏެވެ.

* * * * *

ފަތިހު ހޭލެވުނު ނިމްރާގެ ކަންފަތުގައި ފުރަތަމަ ވެސް ޖެހުނީ ވާރޭ ވެހޭ އަޑެވެ. އިރުކޮޅަކު އެނދުގައި އޮތްގޮތަށް އޮތީއެވެ. ރޭގައި ހިނގައިދިޔަ ހުރިހާ ކަމަކާ މެދު ނިމްރާ ވިސްނާލިއެވެ. އޭނާއަށް ނިދެންދެން އަރްސަލް އޮތްކަން ޔަގީންވެއެވެ. ނަމަވެސް މިހާރު އެ ކޮޓަރިތެރޭގައި އޮތީ އޭނާ އެކަންޏެވެ. ބޮލަށް ހިސާބަކަށް ލުއިވެފައި ހުރިކަން އިޙްސާސް ކުރެވި ނިތްކުރީގައި ނިމްރާ ފިރުމާލިއެވެ.

"އައި ވިލް ޓެލް ހިމް، އަހަރެންގެ ހުރިހާ ވާހަކައެއް އަރްސަލް އަޑުއަހާނަމޭ ބުނި، މިއަދު ހުރިހާކަމެއް ކިޔައިދޭނަން، އޭރުން ފަހުން އެނގިދާނެތީ ބިރުން އުޅޭކަށް ނުޖެހޭނެ، އަރްސަލް ނިންމާގޮތަކާ އަހަރެން ރުހޭނަން، ތީ އަހަރެން އެންމެ ލޯބިވާ މީހަކީ، އަރްސަލްގެ ދުލުން އަހަރެންގެ ހުރި އުނި ސިފަތަކާއެކު ވެސް ބަލައިގަނެ ހިތުގެ އެންމެ އަޑިން ރުހޭކަން ހާމަކުރުން އަހަރެން އެދެނީ، އެހެންވިޔަސް އަހަންނާމެދު ގޮތެއް ނިންމާނީ އަރްސަލް" އަމިއްލަ ހިތާއި ނިމްރާ ވާހަކަދެއްކިއެވެ. ނިންމާފައިވާ ގޮތާމެދު އަމިއްލަ ނަފްސު ވެސް ރުހޭ ހާލު ހަށިފުރާ ނޭވާއެއް ނިމްރާ ލިއެވެ. އަދި މަޑުމަޑުން އެނދުން ތެދުވިއެވެ.

ސިޓިންރޫމުގައި ހުރި ސޯފާތަކުން ބޮޑު ދެ ސޯފާގެ ދިގަށް ރާދިންއާއި އަރްސަލް ނިދާފައި ތިއްބެވެ. ރޭގެ ވަގުތުތަކުގައި އިރުއިރުކޮޅައި އަރްސަލް އައިސް ނިމްރާގެ ކޮޓަރިއަށް ވަދެ އޭނާގެ ހާލު ބަލައެވެ. ހުންވައްތަރުވެފައި ނިމްރާ ހުރިކަން އެނގޭތީ ބޭސް ދިނުމަށްފަހު ވެސް ހުން ގަދަވޭތޯ އޭނާ ބެލިއެވެ. އެގޮތަށް އުޅެނިކޮށް އެންމެ ފަހުން ވަރުބަލިވެގެން ސޯފާގައި ޖައްސާލި ވަގުތަކު ނިދުނީއެވެ. ކޮޓަރިން ނުކުމެގެން އައި ނިމްރާއަށް ސޯފާގައި ދެ މީހުން ނިދާފައި ތިބިތަން ފެނުމުން ސިހުމެއް ލިބުނެވެ. އަރްސަލްއާއި ރާދިންކަން ޔަގީންވުމުން ސުވާލު އުފެދުނެވެ. ރޭގައި އެ އެޕާޓްމެންޓުގައި އެ ދެ މީހުން މަޑުކުރަން ޖެހޭ ސަބަބެއް އޮތްކަމަކަށް ނިމްރާ ނުދެކެއެވެ.

ހެނދުނު އޮފީހަށް ނިމްރާ ނުކުތީ އަރްސަލްއާއި ރާދިންއަށް ގޮވާ ވެސް ނުލައެވެ. އެ ދެ މީހުންނަށް ހޭލެވުނު އިރު ހެނދުނު ނުވައެއް ޖަހައި ހިނގައްޖެއެވެ. ފުންމައިގެން ތެދުވި ގޮތަށް ދެ މީހުންނަށް އެކަކު އަނެކަކަށް ބަލާލައިފައި ޖަހާލީ ހިނިގަނޑެކެވެ. އަރްސަލް ދެން ހަލުވިކޮށް އައީ ނިމްރާގެ ކޮޓަރިއަށެވެ. ރީތިކޮށްފައި އޮތް ތަންމަތި ފެނުމުން ފާޚާނާ ބެލިއެވެ. ނިމްރާ ނެތުމުން ދަތްކުނޑިވިކާލިއެވެ.

"ސްކާލެޓް" ދަތްތަކަށް ބާރުލަމުން އަރްސަލް ބުނެލިއެވެ.

"އޮފީހަށް ނުކުތީތަ؟" އަރްސަލް އެނބުރި އައިއިރު އޭނާގެ މޫނުން ފެނަން ހުރި އަސަރުތަކުން ރާދިން އަހާލިއެވެ. އަރްސަލް ބޯޖަހާލުމުން ރާދިން ޖަހާލީ ހިނިގަނޑެކެވެ.

"ގޮވާ ވެސް ނުލައެއްނު އެ ނައްޓާލީ، މީގެ ބަދަލު ދޭނަން" އަރްސަލް ބުނެލިއެވެ.

"ނިމް ރުޅިނާރުވާތި، ރީތިކޮށް އޭނާއާ ވާހަކަދައްކާ، އަހަރެންނަށް ފެންނަނީ ޗުއްޓީއެއް ހަމަޖައްސަން، އަހަރެމެން ވެސް އެބަޖެހެއެއްނު ޗުއްޓީއާމެދު މަޝްވަރާކުރަން، އަހަރެމެން ނެތަސް ހުރިހާ މަސައްކަތެއް ކުރިއަށްދާނޭ ގޮތެއް ހަމަޖައްސަން ޖެހޭނެއެއްނު" އުޅާހަށް ދެމިލައިފައި ރާދިން ވާހަކަދެއްކިއެވެ.

ދެ ޒުވާނުން ގެއަށް ގޮސް ހެދުން ބަދަލުކޮށްގެން އޮފީހަށް އައިކަމެއް ނިމްރާއަކަށް ނޭނގެއެވެ. އޭނާގެ ފޯނަށް އަރްސަލްގެ މެސެޖެއް އައެވެ. މިހާރު ހާލު ކިހިނެއްތޯ އަހާފައެވެ. ހުންވައްތަރުވާނަމަ ބޭސް ކާން ބުނެފައި އޮތެވެ. އަދި އޮފީހުގައި ގިނަވަގުތު ނީނދެ މަސައްކަތްތައް އީވާއާ ހަވާލުކޮށްފައި އެޕާޓްމެންޓަށް ގޮސް އަރާމުކުރުމަށް އަރްސަލް އެދުނެވެ. އެކަންކަމާ އެއްބަސްވެ ނިމްރާ ރައްދުގައި މެސެޖެއް ފޮނުވިއެވެ. އަދި ހަވީރު އަރްސަލްއާ ބައްދަލުކުރަން ބޭނުންވާކަން ނިމްރާ ހާމަކުރިއެވެ. އެއާއެކު އިރުއޮއްސުމުގެ ކުރީން ނިމްރާގެ ގާތަށް ދާނަން ކަމަށް އަރްސަލް ވަޢުދުވިއެވެ. އަދި ބޭރަށްދާން ތައްޔާރުވެގެން ހުރުމަށް ވެސް އަރްސަލް ބުނެފައި އޮތެވެ.

މެންދުރުފަހު އޮފީހުން ނުކުމެގެން އެޕާޓްމެންޓަށް ނިމްރާ އައިސް ވަންކަން އެނގި ޒިވަން އައީ އޭނާގެ ހާލު ބަލާލާށެވެ. ނިމްރާގެ ޠަބީޢަތް ރަނގަޅުނޫންހެން ޒިވަންއަށް ހީވިއެވެ. އާދަޔާ ޚިލާފަށް ނިމްރާ ހިމޭންވެފައި ހުރިކަން ޒިވަންއަށް ފާހަގަވިއެވެ. ނަމަވެސް އޭނާ އެކިގޮތް ގޮތުން ސުވާލުކޮށްގެން ވެސް އެއްވެސް ކަމެއް ނިމްރާގެ ފަރާތުން އެނގޭ ގޮތެއްނުވިއެވެ.

"ވިވިއަން ބޭނުންވޭ ނިމްއަށް ވެޑިން ގިފްޓެއް ދޭން" ޕާސްތާ ތައްޔާރުކުރަން ބަދިގެ ތެރޭ ހަރަކާތްތެރިވަމުންދިޔަ ނިމްރާއަށް ބަލަން އައިލެންޑް ދޮށުގައި އިން ޒިވަން ބުނެލިއެވެ.

"އެހެންތަ" ނިމްރާގެ މަސައްކަތަށް ހުއްޓުމެއް ނުގެނެސް ބުނެލިއެވެ.

"ޔާ!، ބުނި ނިމްއަށް ގުޅާނަމޭ" މިފަހަރު ޒިވަންގެ ވާހަކައަށް ނިމްރާ ވަކި އެއްޗެއް ނުބުންޏެވެ. ޕާސްތާ ތައްޔާރުކޮށް ނިމިގެން ޒިވަންއަށް ތަށްޓެއް ގެނެސްދިނެވެ. މާބޮޑަށް ވަރުބަލިވެގެން އަރާމުކޮށްލަން ގެއަށް އައީކަމަށް ނިމްރާ ބުނުމުން ޒިވަންއަށް އޭނާ ބުނަން އުޅޭ އެއްޗެއް ވިސްނުނެވެ. އެހެންވެ ކައިނިންމާފައި ޝުކުރު އަދާކުރުމަށްފަހު ޒިވަން ދާންޖިއްޖެކަމުގައި ބުންޏެވެ. އަދި އެޕާޓްމެންޓުން އޭނާ ނުކުމެ އޮފީހަށް ވަނެވެ.

ސޯފާގައި ފިކުރުތަކުގެ ތެރެއަށް ގެއްލިފައި އޮތް ނިމްރާ ސިހުނީ ބަނޑުމަތީ ބާއްވާލައިގެން އޮތް ފޯނުގެ އަޑަށެވެ. އިސްކުރީނު ފެނުމާއެކު ނިމްރާއަށް މޫނު ހަދާލެވުނެވެ. އޭނާއަށް ގުޅަނީ ކީފާއެވެ. އެހެންވެ ފޯނު ނުނަގަން ހުއްޓާ ދެތިން ފަހަރަށް ކޯލު ކެނޑުމުން ކީފާ ދެން ކުރީ މެސެޖެވެ. އަރްސަލް ހުރި ހިސާބެއް ހޯދައިގެން އޭނާގެ ގާތަށް ދާން ބުންޏެވެ. އެއާއެކު ނިމްރާއަށް ފުންމައިގެން ކޮޅަށް ތެދުވެވިއްޖެއެވެ. އަރްސަލް ކޮބާތޯ އަހާފައި ކީފާއަށް ވަގުތުން ނިމްރާ މެސެޖުކުރިއެވެ. އެއާއެކު އޭނާ ބުނީ އަރްސަލްއާއި ޑިނާނައިޓް ބޭއްވިރޭ ހޮޓެލުން ބޭރުކޮށްލި ފިރިހެންމީހާ ހޮޓެލްގައި ބައްދަލުވާން ނިންމާފައި އޮތް ވާހަކައެވެ. ހާސްވެފައި ހުރި ނިމްރާ ވަގުތުން ހެދުން ބަދަލުކޮށްލުމާއެކު އަރްސަލްއަށް ގުޅިއެވެ. އޭނާ ފޯނު ނުނެގުމުން ރާދިންއަށް ނިމްރާ ގުޅިއެވެ.

"ދެންމެ އެ ނިކުތީ އޮފީހުން، ހިޔެއްނުވޭ އަދި ތިރިއަށް ދެވޭނެހެން" ރާދިން ބުންޏެވެ. ނިމްރާ އިތުރު ވާހަކައެއް ނުދައްކާ އެޕާޓްމެންޓުން ނުކުތެވެ. ޕްރައިވެޓް އެލެވޭޓާ ބިޒީވެފައި ހުރުމުން އޭގައި އެ ހުރީ އަރްސަލްކަން ނިމްރާ ދެނެގަތެވެ. އަވަހަސް އަތުގައި އޮތް ދަބަހުން ވޮލެޓުނަގައި އޭގެ ތެރެއިން ކީކާޑު ނަގައިގެން އެމާޖެންސީ އެގްޒިޓާ ދިމާއަށް ދިޔައެވެ. ކީކާޑުގެ އެހީގައި ސިޑިގޮޅީގެ ދޮރު ހުޅުވައި ތިރިއަށް ދިއުމަށް ހަރުފަތްތައް މަތިން ފުންމަމުން ކަހަލަ ގޮތަކަށް އައެވެ. އާންމުން ބޭނުންކުރާ އެލެވޭޓާ ހުންނަ ބަޔަށް އާދެވުމުން ނިމްރާ ސިޑިންގޮޅިން އެތެރެއަށް ވަދެގެން އައިސް އެލެވޭޓާއަށް އެރިއެވެ. ތިރިއަށް އައިސް ހުއްޓުނު އެލެވޭޓާގެ ދޮރުހުޅުވުމުން އަވަސް އަރުވާލަފައި ނިމްރާ ނުކުތެވެ. ލޮބީތެރެ ހޯދަމުން އައިސް ޕްރައިވެޓް އެލެވޭޓާ ކައިރިއަށް ނިމްރާއަށް ނުކުވެނު ހިނދު އެތަނުގައި އެކަކު އަނެކަކަށް ކުރިމަތިލައިގެން ތިބި ދެ ޒުވާނުން ނިމްރާއަށް ފެނުނެވެ. އަވަހަށް ފަހަތަށް ޖެހި ފާރާ އޭނާ ނިވާވެލީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.

"މިޢުވާނު... މިހާރު ކީއްކުރަން އެ އައީ" ނިމްރާއަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. މަޑުމަޑުން ނިމްރާ ފާރާ ދުރަށް ޖެހިލިއެވެ. އެވަގުތު މިޢުވާނު ހުރީ ނިމްރާ ފެންނާނޭހެން އެ ދިމާއަށް ކުރިމަތިލައިގެން ކަމުން އޭނާގެ ލޮލުގައި ނިމްރާ އަޅައިގަތެވެ. މިޢުވާނު އެއްފަރާތަށް ޖެހިލުމުން އަރްސަލް ވެސް ހުރި ގޮތް ބަދަލުކޮށްލިއެވެ. އެއާއެކު ނިމްރާއަށް ފެންނަނީ އަރްސަލްގެ ފުރަގަހެވެ.

"ކިތައް އަންހެނުން ބޭނުންވެގެން ކަލޭ ތިއުޅެނީ" މިޢުވާނު ބުނި އެއްޗެއް ބުނީ ނިމްރާއަށް އަޑުއިވޭ ވަރަށެވެ.

"އެއީ ކަލޭ ބަލަން ޖެހޭކަމެއްނޫނެއްނު، މި ހޮޓެލަށް ވަނުމުގެ ހުއްދައެއް ކަލެއަކަށް ނޯންނާނެ، ކީއްކުރަން ތިއައީ" އަރްސަލް ވަގުތުން ރައްދުދިނެވެ.

"ކިފާ ވެއްޖެއްޔާ ކީފާ، ނޫނީ ނިމްރާ ގެނޭ، ކޮންމެވެސް އެކަކު، ދެ މީހުންނާ ކަލޭ ކައިވެންޏެއްނުކުރާނަމެންނު، ކޮންމެވެސް އެކަކާއެއްނު އިންނަން ގަސްދުކުރަނީ... އެހެންވީމަ ދެކޮޅުން ކެއުމުގެ ބޭނުމަކީ ކޮބާ؟" މިޢުވާނުގެ ރުޅި ފެނުމުން އަރްސަލްއަށް އިޙްސާސް ކުރެވުނީ އޭނާއަށް ކުރިލިބިއްޖެކަމުގައެވެ.

"އަހަރެން ކުރިން ވެސް ބުނިން ދޯ ދެ މީދާ ފަހާދުވި ބުޅަލަށްވީވަރު ވެސް ކަލެއަށް ނުވާނޭ، މިހާރު އެކަން ރިއަލައިޒްވީތަ؟ އެހެންވެ ދޯ ފުއްޕާފަތިއައީ، ކަލޭ ބޭނުންކަންތައްވާންނެތްކަން އެނގުނީމަ ދޯ" އަރްސަލް ވާހަކަދެއްކީ މަލާމާތުގެ ހިންޏެއް އައިސްފައި ހުރެއެވެ.

"ފުރުޞަތު އަދިވެސް އެބައޮތް، ނިމްއާ ކައިވެނިކުރުން ލަސްވާނީ، އަހަރެން ހިތަށް އަރާ ބޭބީއަށް ހެދީ ކިހިނެއްބާއޭ" މިޢުވާނުގެ ޖަހާލީ ހިނިގަނޑެކެވެ. އޭރު އޭނާއަށް ދުރުގައި ހުރި ނިމްރާ ދެ ލޯ ބޮޑުކޮށްލައިގެން ހުރެ އަނގަމަތީ އަތްއަޅާލިތަން ފެނުނެވެ. އަރްސަލްއަށް ލިބުނު ހައިރާންކަން އޭނާ ނިކަން އަވަހަށް ފޮރުވާލިއެވެ.

"އަހަރެން ދެ މީހުންކުރެ އެކަކު ވެސް ދުލެއްނުކޮށްލާނަން، ނިމްރާއާ އަހަރެން ނީނަސް އޭނާ ކަލޭގެ ގާތަކަށް ނުދާނެ، ދެން ކީފާ، އަހަރެން އޭނާއާ އިންނާނަން، އޭނާގެ ބޭބީ ވެސް ބަލާފާނަން" އަރްސަލްގެ ވާހަކަތަކުން އިތުރަށް މިޢުވާނުގެ ހިނިތުންވުން ފުޅާވިއެވެ. އެ ހިނިތުންވުން ހިނިގަނޑަކަށް ބަދަލުވީ ހަލުވިފިޔަވަޅުގައި ހިނގައިގަތް ނިމްރާއަށް ބަލަން ހުރެއެވެ.

ދުވަމުން ކަހަލަ ގޮތަކަށް ހޮޓެލްގެ ދޮރުން ނުކުމެ ބޭސްމެންޓް ކާރު ޕާކުކުރާ ބަޔަށް ނިމްރާ ވަދެގެން އައީ މިޢުވާނާއި އަރްސަލްއަށް ވެސް ފިލާށެވެ. ލާފައި ހުރެވުނީ އޮފީހަށް ނުކުންނައިރު ލާފަދަ ހެދުމެއްކަމު އުސް ބޫޓުގައި ހިނގައިގަތުން ފަސޭހައެއްނުވިއެވެ. އެހެންނަމަވެސް އެކަމަށް ފަރުވާލެއްނެތެވެ. ބޭސްމެންޓުން ނުކުންނަން އައި ކާރުގައި ނިމްރާ ނުޖެހުނީ ދުއްވަން އިން މީހާގެ ކުޅަދާނަކަމުންނެވެ. ހަށިގަނޑުގެ ހަމަގެއްލި އަރިއަރިއަށް ދަނިކޮށް އެއްފަރާތުގައި ހުރި ކާނުތެރޭ ބޫޑުގެ އުސްކަށި ތާށިވިއެވެ. ނައްޓަން އުޅުމުގެ ތެރޭ ބޫޓު ހަލާކުވެ ކުރިއަށް ގޮސް ނިމްރާ ވެއްޓުނީއެވެ. ތާރުގަނޑުގައި ޖެހި ކަކުލާއި އަތަށް ތަދުވިކަން އެނގެއެވެ. ނަމަވެސް ހަލުވިކޮށް ތެދުވެ ހިނގައިގަންނަން އުޅެނިކޮށް ކާރުން ފޭބި ޒުވާނާ އޭނާގެ އަތުގައި ހިފައިފިއެވެ.

"ނިމް..." އިވިގެންދިޔައީ ޒިވަންގެ އަޑެވެ. އެއާއެކު ނިމްރާގެ ފެންކަޅިވެފައިވާ ދެ ލޯ ޒިވަންއަށް ފެނިގެންދިޔައެވެ. (ނުނިމޭ)