ބޮލީވުޑް

އަންހެނުންގެ ފިލްމީ ކެރިއަރަށް ހުރަސްއަޅަނީ ފިރިހެނުން: ރަވީނާ ޓެންޑޮން

އެކްޓްރެސް ތަނުޝްރީ ދައްތާއަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަ ހޫނުވެފައި އޮތްއިރު، ބޮލީވުޑްގައި އަންހެންނަށް އޮތް ހުރަސްތަކުގެ ވާހަކަތައް މިދުވަސްވަރު އަންނަނީ ގަދައަށް ދެކެވެމުންނެވެ. ތަނުޝްރީގެ ދިފާއުގައި ވާހަކަ ދެއްކި ތަރިންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ، ފަރްހާން އަޚްތަރު، ޓުވިންކަލް ކަންނާ އަދި ރަވީނާ ޓެންޑޮންފަދަ މަޝްހޫރު ފަރާތްތައް ހިމެނެ އެވެ.

ރަވީނާ ކުރި ޓުވިޓޭއްގައި ބުނީ ފިލްމީ ދާއިރާއިން ކުރިއަށް ދިއުމަށް އަންހެނުންނަށް އެންމެ ބޮޑަށް ހުރަސްއަޅަނީ ގިނަ ފަހަރަށް އެމީހުންގެ ފިރިން ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފިރިހެނުން ކަމަށެވެ.

"މަސައްކަތުގެ މާހައުލުގައި ފުރައްސާރަ ކުރިމަތިވަނީ ކީއްވެ؟ ފިލްމީ ދާއިރާގައި މަސައްކަތްކުރާ އަނބިންނާއި ގާލްފްރެންޑުންނަށް އެމީހުންގެ ފިރިންނާއި ލޯބިވެރިން ފަރާތުން ކުރިމަތިވާ ހުރަސްތަކުގެ ވާހަކަތައް ނުދައްކާއި، ކެރިއަރު އަޑިއަޅާލައިގެން ދާއިރުވެސް ހިމެނޭން ތިބޭތީ،" ރަވީނާ ކުރި ޓުވީޓުގައި ބުނެފައި އެވެ.

އަންހެނުންނަށް ބޮލީވުޑްގައި ހުރި ހުރަސްތަކާ ބެހޭގޮތުން ރަވީނާ ވަނީ އޭނާގެ ބުލޮގުއިވެސް ގިނަ ވާހަކަތަކެއް ދައްކާފައި އެވެ.

ކައިވެނިކޮށްގެން ތިބެ ފިލްމީ ދާއިރާގައި މަސައްކަތްކުރާ އެކްޓަރުން އެހެން އަންހެންނާއެކު ގުޅުން ހިންގުމަކީ އާންމުކަމެއް ކަމަށް ބުނަމުން، ރަވީނާ ބުނީ އަންހެން އެކްޓަރަކު އެކަހަލަ ކަމެއް ކޮށްފިނަމަ މުޅި އިންޑަސްޓްރީ އޭނާ ލަދުގަންނަވާ އޭނާގެ ކެރިއަރު ދުއްވާލާނެ ކަމަށެވެ. ނަމަވެސް ފިރިހެން އެކްޓަރުންނަށް އެކަހަލަ އެއްވެސް ހުރަހެއް ނޯންނަ ކަމަށެވެ.