ހޮލީވުޑް

އެނަބެލްގެ އާ ފިލްމަށް މެޑިސަން އިޒްމޭން

ކޮންޖުއަރިން ޔުނިވާސްގެ ފިލްމު ސީރީޒް "އެނަބެލް" ގެ އާ ފިލްމަށް މެޑިސަން އިޒްމޭން ނަގައިފި އެވެ. މި ފިލްމު ވެގެންދާނީ އެނަބެލް ފިލްމު ސީރީޒްގެ ތިން ވަނަ ފިލްމަށެވެ.

މެޑިސަންއާއެކު މި ފިލްމުގައި ލީޑުން ފެނިގެންދާނީ މެކެނާ ގްރޭސް އެވެ.

މި މަހު ފަހުކޮޅު ޝޫޓިންތައް ފެށުމަށް ތައްޔާރުވަމުން އަންނަ މި ފިލްމުގެ ސްކްރިޕްޓު ތައްޔާރުކުރީ މިދިޔަ ދެ ފިލްމުގެ ވާހަކަވެސް ލިޔުނު ގެރީ ޑޫބަމަން އެވެ. އަދި މި ފިލްމު ޑައިރެކްޓުކުރާނީވެސް އޭނާ އެވެ. މި ފިލްމު ވެގެންދާނީ އޭނާގެ އަލަތު ޑައިރެކްޝަން އަށެވެ.

މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރު ޖުލައި 3 ގައި އެވެ.

މެޑިސަން އެންމެފަހުން ފެނިގެންދިޔައީ މިދިޔަ ޑިސެމްބަރު މަހު ނިކުތް "ޖުމާންޖީ: ވެލްކަމް ޓު ދި ޖަންގަލް" އިންނެވެ. ދެން އެންމެ އަވަހަށް އޭނާ ފެނިގެންދާނީ މި މަހު 21 ގައި ނުކުންނަ ފިލްމު "ގޫސްބަމްޕްސް 2: ހޯންޓެޑް ހެލޮވީން" އިންނެވެ.