ހަބަރު

ވެރިކަން ބަދަލުވުމުގެ ކަންކަން ކުރިއަށް އެބަދޭ، އެއްބާރުލުން ލިބޭ: މާރިޔާ

ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން ކުރިއަށްގެންދިއުމަށް ޑިފެންސް މިނިސްޓްރީން ދޭން ޖެހޭ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ދެއްވާފައިވާ ކަމަށް އިންތިހާބީ ރައީިސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ސްޕޯކްސް ޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، އިބޫ އުފައްދަވާފައިވާ އިންތިގާލީ ޑިފެންސް އެންޑް ސެކިއުރިޓީއާ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި މިނިސްޓަރާއިއެކު ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރާއި އިތުރު ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ، ރައްޔިތުންގެ ނިންމުން ވަރަށް ސާފު ކަމަށާއި ރައްޔިތުންނަށް އިހްތިރާމް ކުރައްވައި ރައްޔިތުންގެ ނިންމުމާއެކުގައި ވެރިކަން ބަދަލުވުމުގެ މަރުހަލާ ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު ބައްދަލުވުމުގައި ޔަގީންކަން އަރުވާފައިވާ ކަމަށެވެ.

އިންތިގާލީ މަރުހަލާ ކުރިއަށް ގެންގޮސްދިނުމަށް ކޮށްދެއްވަންޖެހޭ ކަންކަން މަގުފަހި ކޮށްދިނުމަށް ކުރެވެންހުރި ކަންކަން އޮމާން ކަމާއެކު ކުރިއަށް ގެންދިއުމަށް އެހީވާނެ ކަމަށްވެސް ޑިފެންސް މިނިސްޓަރު ވިދާޅުވެފައިވާ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

އިބޫ ވަނީ މީގެ ކުރިން ސިފައިންގެ ޗީފް، މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާވެސް ބައްދަލުކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ސިފައިންގެ ވައިސް ޗީފް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެމަނިކުފާނުގެ ލީގަލް އެފެއާޒް، ހިސާން ހުސެެއިން އާއި މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު އަދި މިހާރު ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައްޔިތުންގެ ވޯޓުން އިންތިހާބުކުރި ސަރުކާރު އެކުލަވާލުން އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށް ސިފައިން އެހީވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި ރައްޔިތުން ކަންބޮޑުވާ ކޮންމެ ކަމެއްގައި ދިވެހި ސިފައިން ރައްޔިތުންނާއެކު ތިބޭނެ ކަމަށާއި ގާނޫނީ ގޮތުން އުފެދޭ ސަރުކާރެއް ދެމެހެއްޓުމަކީ ސިފައިންގެ ގާނޫނީ ޒިންމާއެއް ކަމަށެވެ. އެކަން ސިފައިން ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.