ހަބަރު

އިބޫއަށް މަރުހަބާ، އާ ސަރުކާރާއެކު މަސައްކަތް ކުރަން ތައްޔާރު: އެމެރިކާ

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ކާމިޔާބު ކޮށްފައިވާތީ އެމެރިކާއިން މަރުހަބާ ދަންނަވައި އާ ސަރުކާރާއެކު މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށް ބުނެފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ، އިބޫ އިންތިހާބު ކާމިޔާބު ކުރައްވާފައިވާތީ މަރުހަބާ ކިޔާ ކަމަށެވެ. އަދި އިބޫގެ ސަރުކާރާއި ގުޅިގެން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ރާއްޖެ ކާމިޔާބީގެ މަގަށް ގެންގޮސްދިނުމަށް މަސައްކަތް ކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށްވެސް އެމެރިކާއިން ބުންޏެވެ.

މީގެ ކުރިންވެސް އެމެރިކާއިން ވަނީ އިބޫ އަށް މަރުހަބާ ކިޔާފަ އެވެ. އެމެރިކާއިން މަރުހަބާކިޔައި ބުނެފައިވަނީ، އިލެކްޝަން ކޮމިޝަނުން އިއުލާން ކުރި ނަތީޖާ ގަބޫލުކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އިބޫގެ ވެރިކަމުގައި ހަމަޖެހުމާއި ކަންކަން ހިނގާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އިބޫގެ ސަރުކާރާއެެކު އެމެރިކާ އާއީ ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކޮށް ގުޅިގެން މަސައްކަތް ކުރުމަށް އެއްބާރުލުން ދޭނެ ކަމަށްވެސް އެމެރިކާއިން ބުނެފައި ވެއެވެ.

އެމެރިކާއިން މަރުހަބާ ދަންނަވާފައިވާއިރު، އިބޫ އަށް ވަނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ވެރިންވެސް މަރުހަބާ ދަންނަވާފަ އެވެ، އެގޮތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާނާއި ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި އެގައުމުގެ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާންވެސް ވަނީ އިބޫ އަށް ގުޅުއްވައި މަރުހަބާ ދަންނަވާފަ އެވެ.