ހަބަރު

ތުހުމަތުތަކުގައި އަސްލެއް ނެތް، ޝައްކު އުފެއްދުން ހުއްޓާލާ: އީސީ

Oct 2, 2018
10

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަކީ މައްސަލަތައް މަދު ރަނގަޅު އިންތިހާބެއް ކަމަށް ހުރިހާ ފަރާތްތަކުން ވެސް ބަލައިގެންފައިވާ ކަމަށާއި އިންތިހާބާ މެދު ޝައްކު އުފެއްދުމަށް ކުރަމުން އަންނަ ތަފާތު ކަންކަން ހުއްޓާލުމަށް އިލެކްޝަންސް ކޮމިޝަން، އީސީ އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އިންތިހާބު ތަކުގެ ތެރެއިން އެންމެ އިންސާފުވެރި ނަތީޖާ އެންމެ އަވަހަށް ރައްޔިތުންނާ ހަމައަށް އާންމު ކުރި އިންތިހާބު ކަމަށާއި މި އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބެއްގެ ގޮތުގައި ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކުންނާއި، ބައިނަލް އަގުވާމީ އޮބްޒާވަރުންނާއި، އަދި މޮނީޓަރުން އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުން ބަލައިގެންފައިވާ ކަމަށެވެ.

މިހާ އޮމާންކޮށް ކަންކަން ގޮސްފައިވާ އިންތިހާބެއްގެ ކަންތައްތައް އޮޅުވާލައި ކޮމިޝަންގެ މެންބަރުންގެ ބޮލުގައި ދޮގު އިލްޒާމް އެކި ފަރާތްތަކުން އަޅުވަމުން ދާއިރު އިންތިހާބުގެ ވަގުތީ ނަތީޖާ އަދި ދާއިމީ ނަތީޖާއާ ގުޅޭ ޝަކުވާއެއް މިހާތަނަށް ރަސްމީ ސިފައެއްގައި އެއްވެސް ފަރާތަކުން އީސީއަށް ހުށަހަޅާފައި ނެތް ކަމަށް ވެސް އީސީގެ ބަޔާނުގައިވެ އެވެ. އަދި ކޮމިޝަންގެ މެންބަރުންނާއި އިސް މުވައްޒަފުންނަށް މަރުގެ އިންޒާރުތައް ދެމުން ދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"މި ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާ ކުރުމަށް ހުރަސް އެޅޭ ގޮތަށް ކުރާ މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ކުރާ ފަރާތްތަކުން އެކަންކަން މިހިނދުން މި ހިނދަށް ހުއްޓާލުމަށާއި، ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާކުރުމުގައި ފަސްޖެހުމެއްނެތި ކޮމިޝަނުގެ މެންބަރުންނާއި، މުވައްޒަފުން ސާބިތުކަމާއެކު ދެމި ތިބޭނެކަމުގެ ޔަގީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައިވެ އެވެ.

އީސީއިން ބުނީ އެ ކޮމިޝަންގެ މެންބަރުން އަމަލު ކުރައްވަނީ އެއްވެސް ނުފޫޒެއް ނެތި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ. އަދި އެގޮތުގައި ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުން ތިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.