ދިވެހި ޕްރެމިއާ ލީގް

ފޯކައިދޫ ގަދަ ހަތަރެއްގެ ތެރެއަށް ދެމިގެންފި

ދިވެހި ޕްރިމިއާ ލީގްގައި، ފ. ނިލަންދޫގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ށ. ފޯކައިދޫއިން ދިވެހި ޕްރިމިއާ ލީގްގެ ހަތަރު ވަނަ މަގާމަށް ޖެހިލައިފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗުން މޮޅުވެ ފޯކައިދޫ ވަނީ ޕޮއިންޓްގެ ގޮތުން ކުލަބު އީގަލްސް އާ ހަމަ ކޮށްފަ އެވެ. ދެ ޓީމަށްވެސް ލިބިފައި ވަނީ އަށް ޕޮއިންޓެވެ. ފޯކައިދޫއަށް ކުރި ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. މިއަދު ކާމިޔާބު ކުރި ދެ ލަނޑާއެކު ފޯކައިދޫއަށް ވަނީ ހަތަރު ލަނޑުގެ ބޯނަހެއް ލިބިފަ އެވެ. ކުލަބު އީގަލްސްއަށް ލިބިފައި ވަނީ ފައިދާ ދެގޯލެވެ.

ނަމަވެސް މިރޭ، ތ. ތިމަރަފުއްޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އީގަލްސްއަށް ތާވަލުގެ ތިން ވަނައަށް ޖެހިލެވޭނެ އެވެ. މި ވަގުތު ތިން ވަނައިގައި އޮތީ ކުލަބު ގްރީން ސްޓްރީޓެވެ. އެ ޓީމަށް ލިބިފައި ވަނީ 10 ޕޮއިންޓެވެ.

މިއަދުގެ މެޗުގައި ލަނޑު ޖަހާނެ ފުުރަތަމަ ފުރުސަތު ލިބިގެން ދިޔައީ ނިލަންދޫ އަށެވެ. އެ ޓީމުން ނެގި ހުރަހަކުން ތަނަވަސް ކުރި ބޯޅައިން ބޮލުން ފޮނުވާލި ބޯޅަ ފޯކައިދޫގެ ޕާކިސްތާންގެ ކީޕަރު ސާގިބް ހަނީފު ބީޓްވި ނަމަވެސް ފޯކައިދޫ ކުޅުންތެރިން ވަނީ އެ ބޯޅަ ދިފާއު ކޮށްފަ އެވެ.

ދެ ވަނަ ހާފުގެ ބޮޑުބައެއް ކުޅެވިގެން ދިޔައިރުވެސް ނަތީޖާއަށް ބަދަލެއް ނައުމުން، ހީކުރެވުނީ މެޗު ނިމިގެންދާނީ ހަމަހަމަ ވެގެން ކަމަށެވެ. ނަމަވެސް ފޯކައިދޫއިން ދެ ލަނޑު ޖެހީ މެޗުގެ 90 މިނެޓްގެ ތެރެއިން ގާތްގަނޑަކަށް އެންމެ ފަހު 10 މިނެޓްގަ އެވެ.

މެޗުގެ 79 ވަނަ ވަނަ މިނެޓްގައި ފޯކައިދޫއިން ލިޑް ނެގީ ނިލަންދޫ ސެމިއުލް އަތުން ބައިކޮޅަށް ވަންނަން ދިޔަ ލަނޑުންނެވެ. ސެމިއުލް ފައިގައި ޖެހިފައި ބައިކޮޅަށް ވަންނަން ދިއުމުން ބޯޅަ ގޯލަށް ވަނުމުގެ ކުރިން ފޯކައިދޫގެ އަހްމަދު ޝަމާލް އެ ބޯޅައިގައި ޓަޗް ކޮށްލުމުން އެ ލަނޑު ހިމަނާފައި ވަނީ ޝަމާލް ކާމިޔާބު ކުރި ލަނޑެއްގެ ގޮތުގަ އެވެ.

ފޯކައިދޫގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މުހައްމަދު ޖައިލަމް އެވެ. އެއި މެޗުގެ 86 ވަނަ މިނެޓްގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ އޭނާ އެވެ.