ދިވެހި ޕްރެމިއާ ލީގް

ލަދުވެތި މަންޒަރެއް ފެނުނު މެޗުން އީގަލްސްއަށް ބޮޑު މޮޅެއް

ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅެމުން ގެންދިޔަ، ތ. ތިމަރަފުށީ ޓީމުގެ ގޯލްކީޕަރު ލޯރެންސަށް އަނިޔާވެ، އޭނާ ބަދަލު ކުރަން ޖެހުމުން، ބަދަލުގައި އަރާނެ ކީޕަރަކު ނެތުމުން، ބަދަލުގައި، ޓީމު ފީލްޑް ކުޅުންތެރިޔާ މިސްބާހް އިބްރާހިމް ކުޅެން އަރަންވެގެން، އޭނާ މެޗަށް ނިކުތީ، ޖޯޒީ މަތިން އީގަލްސްގެ ބިބެއް މާހަލައިގެންނެވެ.

އީގަލްސްގެ ލޯގޯ ޖަހާފައިވާ، ބިބް ގަޔަށް މަހާޅައިގެން ދަނޑަށް އަރަން އައުމުން، މެޗުގެ ރެފްރީ ވަނީ އީގަލްސްގެ ލޯގޯ ނުފެންނަށް ގޮތަށް ބިބް ނުބައިފުށަށް ލައިގެން ދަނޑަށް އެރުމަށް އޭނާއަށް އަންގާފަ އެވެ.

އަހްމަދު ރިޒްވާން 'ރިޒޭ'ގެ ހެޓްރިކުން ތ. ތިމަރަފުށިގެ މައްޗަށް އީގަލްސް ކާމިޔާބު ހޯދީ 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ މޮޅު ހޯދައި އީގަލްސް ވަނީ ތާވަލުގެ ތިން ވަނަ އަށް ޖެހިލާފަ އެވެ.

މަތީގައި އެވަނީ ރާއްޖޭގެ އެންމެ ބޮޑު ލީގް ދިވެހި ޕްރިމިއާ ލީގުން ފެނުނު ލަދުވެތި މަންޒަރެވެ. ކީޕަރަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުނު އިރު، ބަދަލުގައި އަރާނެ ދެ ވަނަ ކީޕަރެއް ތިމަރަފުށީ ބެންޗުގައި ނެތެވެ. ބަދަލުގައި އެރި މިސްބާހް ކުޅެން ނިކުންނަށް ޖެހުނީ އިދިކޮޅު ޓީމުގެ ލޯގޯ ޖަހާފައިވާ ބިބެއް މަހާލައިގެންނެވެ.

ކީޕަރަށް އަނިޔާ ވެގެން، ފަރުވާ ކުރަން ހޭދަވި ވަގުތާއި، ބަދަލުގައި އަރަން ޖެހުނު ކުޅުންތެރިޔާ އަރުވަން ވެގެން ހޭދަވި ވަގުތާއެކު ގާތްގަނޑަކަށް 10 ވަރަކަށް މިނެޓް ކުޅުން މެދުކެނޑިގެން ދިޔަ އެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ތިމަރަފުށީގެ އެސިސްޓެން ކޯޗް އަހްމަދު ނަދީމު ބުނީ، ޖުލައި މަހު ލީގް މެދު ކަނޑާލުމަށް ފަހު، މިދިޔަ މަހު ފަހު ކޮޅު އަލުން ލީގް ފެށިއިރު ޓީމު ހަމަނުވާ ކަމަށާއި އެއީ ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި އޮތުމުން ކަމަށެވެ.

އޭނާ ބުނީ ސަރުކާރު ކުންފުނި ތަކުން ޓީމުތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ތިމަރަފުށީ ޓީމަށް ލިބުނީ 100000 ރުފިޔާ ކަމަށެވެ.

"ރީތި ނަންނަން ކިޔާފައި، ޕްރިމިއާ ލީގް ކިޔާފައި މިއީ އާދައިގެ މުބާރާތެއް ނޫން، ރާއްޖޭގެ އެންމެ ބޮޑު ލީގޭ މިއީ، ރަށްރަށުން ކުޅުންތެރިން ގެނެސް އެ ކުޅުންތެރިން އިންޖަރީވީމަ އަޅުގަނޑުމެން މި އުޅެނީ އެ ކުޅުންތެރިންގެ މެޑިކަލް ކަންކަންވެސް ހަމަނުޖެއްސިގެން، އެހެންވީމަ ވަރަށް ބޮޑު މައްސަލައެއް މިއީ، ނަދީމް ވާހަކަ ދެއްކި އެވެ

"ޕްރިމިއާ ލީގް ވަރަށް ރީތި ވަރަށް ބޮޑު ނަމެއް، ސްޕޮންސާ އަޅުގަނޑުމެންނަށް ލާރި ދޭނަމޭ ބުނެގެން އަޅުގަނޑުމެން މިކޮޅަށް އައީ.. އަޅުގަނޑުމެންނަށް ލިބުނީ އެއް ލައްކަ ރުފިޔާ."

މެޗުގައި އީގަލްސްއިން ޖެހި ނުވަ ލަނޑުގެ ތެރެއިން ފަސް ލަނޑު ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. ރިޒޭގެ އިތުރުން ހުސައިން ސިފާއު ޔޫސުފް (ކްރޯ) ވެސް ވަނީ ހެޓްރިކެއް ހެދުމާ ވަރަށް ކައިރިއަށް ގޮސްފަ އެވެ. އީގަލްސްގެ ފުރަތަމަ ލަނޑު މެޗު ފެށިގެން ހަތް ވަނަ މިނެޓްގައި ކާމިޔާބު ކުރީ ކްރޯ އެވެ. ދެ ވަނަ ލަނޑު ރިޒޭ ކާމިޔާބު ކުރީ އޭގެ ހަތް މިނެޓް ފަހުންނެވެ.

މެޗުގެ 39 ވަނަ މިނެޓްގައި ކްރޯ ވަނީ އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު ކޮޅުގައި އީގަލްސްއިން ދެ ލަނޑު ޖެހި އެވެ. އެއީ މުހައްމަދު ނާއިމް އާއި ރިޒޭ ޖެހި ލަނޑެވެ.

ދެ ވަނަ ހާފުގައި، ތިމަރަފުށީގެ ގޯލް ހުޅުވަން އީގަލްސްއަށް 15 މިނެޓް ހޭދަވި އެވެ. ދެ ވަނަ ހާފުގައި އީގަލްސް ގޯލް ހުޅުވީ ރިޒޭ ފުރިހަމަ ކުރި ހެޓްރިކުންނެވެ. އޭގެ ފަސް މިނެޓް ފަހުން ހަސަން ރާއިފް އަހްމަދު 'ހަންނަ' ވަނީ އީގަލްސްގެ ހަތް ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހު ދިހަ މިނެޓްގައި، އީގަލްސްގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނު އަހްމަދު ނޫމާން 'ހެލްމެޓް' ކުޅުނީ ފޯވަޑަށެވެ. އެއީ އޭނާ ލައްވައި ލަނޑު ޖެހުމުގެ ބޭނުމުގަ އެވެ. އޭނާ ލައްވައި ލަނޑު ޖައްސަން ދެފުރުސަތެއް ތަނަވަސް ކޮށްދިނެވެ. އޭގެ ތެރެއިން އެއް ފުރުސަތުގައި ގޯލް ހުސްކޮށް އޮއްވައި އޭނާ ޖެހި ބޯޅަ ދިޔައީ ބޭރަށެވެ.

އީގަލްސްގެ އަށް ވަނަ ލަނޑު ކާމީޔާބު ކުރީ ރިޒޭ އެވެ. ނުވަ ވަނަ ލަނޑު ޖަހަން ހަންނައަށް ފުރުސަތު ލިބިފައި ވަނިކޮށް އޭނާ އެ ފުރުސަތު ދިނީ ހެލްމެޓް އަށެވެ އޭނާ ލަނޑު ޖެހީ އެ ފުރުސަތުގަ އެވެ.