ދިވެހި ޕްރެމިއާ ލީގް

މަޝްވަރާކޮށް ހައްލެއް ހޯދަންޖެހޭ، ނޫނީ ފުޓްބޯޅަ ސަލާމަތް ނުވާނެ

ރާއްޖޭގެ ފުޓްބޯޅަ ސީޒަންގެ ހާލަތު ބަދަލު ކުރުމަށް ފުޓްބޯޅައިގައި ޝާމިލުވާ އެންމެ މަޝްވަރާއަށް އިށީންދެ ހައްލެއް ހޯދަން ޖެހޭ ކަމަށާއި، ނޫންނަމަ ފުޓްބޯޅައިގެ ކުރިމަގުވެސް ސަލާމަތް ނުވާނެ ކަމަށް ކުލަބު އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒު 'މޯހަން' ބުނެފި އެވެ.

ދިވެހި ޕްރިމިއާ ލީގްގައި ރޭ، ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު ތިމަރަފުށީގެ ޓީމުގެ ކީޕަރު ބަދަލުކުރަން ޖެހުމުން، ބަދަލުގައި އެރި ކުޅުންތެރިޔާގެ ޖޯޒީ ތަފާތު ކުރުމުގެ ގޮތުން އޭނާއަށް ބިބެއް ދިނީ އީގަލްސްއިންނެވެ. މޯހަން ބުނީ މިހާހިސާބުން ވިސްނަންވީ އިތުރަށް މައްސަލަ ގޯސް ވިޔަ ނުދީ ސީޒަން ސަލާމަތް ކުރެވޭނެ ގޮތަކަށް ކަމަށެވެ. އޭނާ ބުނީ، މިދިޔަ އަހަރަށް ވުރެ މިއަހަރުގެ ހާލަތު ގޯސް ކަމަށެވެ.

"ހަގީގަތުގައި ޕާސަނަލީވެސް އަޅުގަނޑު ވަރަށް ކަންބޮޑުވާ ކަމެއް، އެންމެ ބޮޑު ލީގް މިހާލަތަށް ދާން ޖެހުނީމަ ވަރަށް ދެރަ ވަރަށް ހިތާމަވެސް ކުރަން، އަޅުގަނޑަކަށް ހީއެއް ނުވޭ މިކަމަކަށް ދެން މިއަހަރު އިތުރަށް ހައްލެއް ހޯދޭނެ ހެނެއް، ވީއެންމެ ރަނގަޅު ގޮތުގައި ސީޒަން ނިންމާލެވޭތޯ ކަންންނޭގެ ހުރިހާ އެންމެންވެގެން މަސައްކަތް ކުރަންވީ،" ކަންބޮޑުވުން ތަކާއެކު މޯހަން ވާހަކަ ދެއްކި އެވެ.

"މިދިޔަ އަހަރުން ފެށިގެން އަޅުގަނޑު ވާހަކަ ދައްކަމުން އަންނަ ކަމެއް، މިގޮތަށް ލީގެއް ގޮސްގެން މިކަމުން އެއްވެސް އޮއްޓަރެއް އަންނާނެ ހެނެއް، އެހެންނަމަވެސް މިދިޔަ އަހަރު ތަންކޮޅެއް، ރަނގަޅަށް ޓީމުތައް މަސައްކަތް ކުރިތަން ފެނުނު، ރަށްރަށުން އައި ޓީމުތައް މިއަހަރު ޓީމުތައް އެއަށްވުރެ މާހާލުބޮޑުކޮށް މި އައީ، ރަށްރަށު ޓީމުތައް އެކަންޏެއް ނޫން މާލެއަށް ނިސްބަތްވާ ޓީމުތައްވެސް ވަރަށް ހާލު ބޮޑުކޮށް މިދަނީ، މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް."

ވިކްޓަރީ އޮތީ ވަރަށް އުނދަގޫ ހާލަތަކަށް ވެއްޓިފަ އެވެ. ޖުލައި މަސް ފަހުން އެ ޓީމުން ޕްރެކްޓިސްއެއް ނުކުރެ އެވެ. ކުޅުންތެރިންނަށް މުސާރަ ނުދޭތާ ހަތަރު މަސް ވެއްޖެ އެވެ. ޓީމުގެ ކޯޗަކަށް ހުރި ހަންގޭރީގެ ލާޒްލޯ ކިސް ވަނީ ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފަ އެވެ. އޭނާއަށް ވެސް މުސާރަ ނުދެ އެވެ. މާޒިޔާ ފިޔައި އެހެން ހުރިހާ ކުލަބެއްގައިވެސް އޮތީ އުނދަގޫ ހާލަތަކަށް ވެއްޓިފަ އެވެ. މުސާރަ ނުދޭތީ މަޝްހޫރު ބައެއް ކުޅުންތެރިން ތިބީ ޕްރެކްޓިސް މެދުކަނޑާލައިގެންނެވެ.

މޯހަން ބުނީ، މިހާރު އުޅެގެން ނޫނީ އަންނަ އަހަރުވެސް ސަލާމަތް ނުކުރެވޭނެ ކަމަށެވެ. އޭނާ ހުށަހެޅީ އެންމެ މަޝްވަރާއަށް އިށީންދެ ހައްލުތަކެއް ހޯދުމަށެވެ. އޭނާ ބުނީ ފުޓްބޯޅަ އާމެދު ދިވެހިން މާޔޫސްވެފައި ތިއްބައި މިހާލަތައް ދިއުމުން މީހުން އިތުރަށް މާޔޫސްވެގެން ދާނެ ކަމަށެވެ.

"މިވަގު އެންމެ ރަނގަޅު ގޮތަކަށް ވާނީވެސް ޓީމުތަކާ ބައްދަލު ކޮށްގެން ވާހަކަ ދައްކައިގެން ނަމަވެސް، މިއަހަރު މުބާރާތް ޓީމުތަކަށް ނިންމާލެވޭ ވަރު އެފްއޭއެމުންނާއި ދެން އެތިބަ ބަޔަކާއި ކުލަބުތަކާ ވެސް ވެގެން، ހުރިހާ އެންމެން އެކީ ވެގެން މި އަހަރަށް ސަލާމަތް ކުރެވޭތޯ ބަލަންވީ،" އޭނާ ފާހަގަ ކުރި އެވެ.

"އަންނަ އަހަރަށް މިކަން ބަދަލު ކުރަން ޖެހޭނީ، އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން، މިހާ ސީޒަން ދިގުލައިގެން މިދާ އެއްސަބަބަކީ މާލޭ ލީގް ކުޅެގެން، މާލޭ ލީގަކީ ބޭކާރު މުބާރާތެކޭ ކުރިން ސުރެ ކިޔަމުން މިދަނީ، ދެން ރަށްރަށުން މިއަންނަ ޓީމުތައް މިއަށް ލައިގެން މިހާ ދިގު ދެމިގެންދާ މުބާރާތެއް، ހަގީގަތުގައި ކުރިންސުރެވެސް (ތަޖުރިބާ) ކޮށްފައިއިން އެއްޗެއް، އަޅުގަނޑަށް ހީވަނީ ހިންގަންތިބި ބަޔަކު ވެސް އެބަޖެހޭހެން އެންމެންނާ މަޝްވަރާ ކޮށްގެން ހައްލުތަކެއް ހޯދަން އެހެން ނޫނީ ވަރަށް ދެރަ ގޮތްކެއް މިވަނީ ފުޓްބޯޅަ އަށް."

ރޭ ތިމަރަފުށީ ޓީމަށް ކުރިމަތިވި ހާލަތާ ގުޅިގެން އެ ޓީމުގެ އެސިސްޓެންޓް ކޯޗް އަހްމަދު ނަދީމު ބުނީ، ކުޅުންތެރިޔަކަށް އިންޖަރީވުމުން މެޑިކަލް ކަންކަން ހަމަޖައްސާނެ ފެންވަރުވެސް އެ ޓީމުގައި ނެތް ކަމަށެވެ.

"ރީތި ނަންނަން ކިޔާފައި، ޕްރިމިއާ ލީގް ކިޔާފައި މިއީ އާދައިގެ މުބާރާތެއް ނޫން، ރާއްޖޭގެ އެންމެ ބޮޑު ލީގޭ މިއީ، ރަށްރަށުން ކުޅުންތެރިން ގެނެސް އެ ކުޅުންތެރިން އިންޖަރީވީމަ އަޅުގަނޑުމެން މި އުޅެނީ އެ ކުޅުންތެރިންގެ މެޑިކަލް ކަންކަންވެސް ހަމަނުޖެއްސިގެން، އެހެންވީމަ ވަރަށް ބޮޑު މައްސަލައެއް މިއީ،" ނަދީމް ވާހަކަ ދެއްކި އެވެ.

"ޕްރިމިއާ ލީގް ވަރަށް ރީތި ވަރަށް ބޮޑު ނަމެއް، ސްޕޮންސާ އަޅުގަނޑުމެންނަށް ލާރި ދޭނަމޭ ބުނެގެން އަޅުގަނޑުމެން މިކޮޅަށް އައީ.. އަޅުގަނޑުމެންނަށް ލިބުނީ އެއް ލައްކަ ރުފިޔާ."