އިލެކްޝަން ކޮމިޝަނުން ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާގެ ބައި އިލެކްޝަން މަޑުޖައްސާލަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައިފި އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ އެގޮތަށް ނިންމީ ސުޕްރީމް ކޯޓުން އެ 12 ދާއިރާގެ ގޮނޑިއާމެދު ގޮތެއް ނިންމަންދެން ކަމަށެވެ. އަދި، އެކަން މަޖިލީހަށާއި ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
ބާރަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމަށް ރިޔާއަތްކޮށެވެ.
އެ ހުކުމްގައިވާ ގޮތުން ޕާޓީ ބަދަލުކޮށްފިނަމަ ނޫނީ ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. ބާރަ ބޭފުޅުން ވެސް ޕީޕީއެމްއިން ވަކިވާން އަމިއްލައަށް ސިޓީ ހުށަހެޅުއްވި އެވެ. އެއީ އެ ހުކުމްގެ ކުރިންނެވެ. ނަމަވެސް އެ ބޭފުޅުން ޕާޓީއިން ވަކިކޮށްފައިވާ ކަމަށް ޕީޕީއެމްއިން ސިޓީ އިލެކްޝަން ކޮމިޝަނަށް ފޮނުވީ ހުކުމުގެ ފަހުންނެވެ.
އެ މައްސަލާގައި ހަތަރު މެންބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ދިގު އަޑުއެހުންތަކެއް ކުރިއަށް ދިޔަ އެވެ. އެ ހަތަރު މައްސަލާގެ އަޑުއެހުންތައް ނިންމާލައި ހުކުމަށް ތައްޔާރުވެފައިވަނިކޮށް ސުޕްރީމް ކޯޓުން އެ މައްސަލަތަކުގެ އިތުރު ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށް ބުނެ އަމުރެއް ނެރުނެވެ. އެ އަމުރުން އެ ބޭފުޅުން ގޮނޑި ގެއްލިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.
ނަމަވެސް، އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި އެވެ. އެ އަމުރު ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަމުރުގެ އެ ބައި ސަސްޕެންޑްކުރި އެވެ. އަދި ބާތިލްކުރަން ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ހަތަރު ބޭފުޅުންގެ މައްސަލާގައި ހުކުމެއް ކުރަންޖެހޭ ކަމެވެ. އެއީ ސުޕްރީމް ކޯޓުގެ ހުކުމަކުން ނިންމަންޖެހޭ ފަދަ މައްސަލަތަކެއް ކަމަށެވެ.
އެގޮތުން އެ ހަތަރު މެންބަރުން ކަމަށްވާ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދުގެ މައްސަލާގެ އަޑުއެހުންތައް މި ހަފުތާ ބޭއްވި އެވެ. އަދި ދެން މައްސަލާގެ އޮންނާނީ ހުކުމެވެ.
އަނެއް އަށް މެންބަރުން ވެސް ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ހުށަހަޅުއްވާފަ އެވެ. ވަރަށް އަވަހަށް އެ މައްސަލަތަކުގެ ޝަރީއަތް ވެސް ފަށާނެ ކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރު އިލެކްޝަން ކޮމިޝަނުން މެންބަރުންގެ ގޮނޑި ގެއްލުވާލައި، ބައި އިލެކްޝަން ވެސް އިއުލާން ކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ބައި އިލެކްޝަން ބޭއްވުމަށް 26 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖަައްސައި ދިނުމަށް ސަރުކާރުން މަޖިލީހަށް ވެސް މިދިޔަ އަހަރު ހުށަހެޅި އެވެ.
ގާނޫނު އަސާސީގައި ބުނާގޮތުން ރައްޔިތުން މަޖިލީހުގެ ގޮނޑިއެއް ހުސްވާ ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ބައި އިލެކްޝަން ބާއްވައި އެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރަން ޖެހޭނެ އެވެ. ނަމަވެސް 60 ދުވަހަށްވުރެ ގިނަ ދުވަސްވީ އިރުވެސް ބަޖެޓެއް ނެތިގެން އިލެކްޝަން ކޮމިޝަނަށް އެ މަސައްކަތް ފެއްޓޭ ގޮތެއް ނުވި އެވެ.
ބައި އިލެކްޝަން އިލެކްޝަން ކޮމިޝަނުން އިއުލާން ކުރުމުން އެ އިލެކްޝަންތައް ހުއްޓުވަން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލައާމެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.