ދުނިޔެ

މެލޭޝިއާގެ ކުރީގެ ފަސްޓް ލޭޑީ ހައްޔަރުކޮށްފި

Oct 3, 2018
3

ކުއަލަލަމްޕޫރު (އޮކްޓޯބަރު 3) - މެލޭޝިއާގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން މައްސަލަ، ވަންއެމްޑީޕީގެ އެތަކެއް މިލިއަން ޑޮލަރެއްގެ ހިޔާނާތުގައި ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރަސްމާ މަންސޫރާ މިއަދު ހައްޔަރުކޮށްފި އެވެ.

މެލޭޝިއާގެ ކުރީގެ ފަސްޓް ލޭޑީ ހައްޔަރުކުރީ އެގައުމުގެ އެންޓި ކޮރަޕްޝަން އޭޖެންސީއިން ކަމަށާއި، މިއަދުގެ ވަގުތެއްގައި އެކަމަނާގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާނެކަމަށް ބެލެވޭކަމަށް، އެކަމަނާގެ ވަކީލާއި ހަވާލާދީ ރޮއިޓާސް ނޫހުން ބުނެފައިވެ އެވެ.

ރަސްމާ މިއަދު ހައްޔަރުކޮށްފައިވާއިރު، އެކަމަނާގެ ފިރިކަލުން ނަޖީބު ވެސް ވަނީ މިދިޔަ މަހުން އަލުން ހައްޔަރުކޮށް، ހިޔާނާތުގެ އިތުރު 21 ދައުވާއެއްކޮށްފަ އެވެ.

މީގެ ކުރިން، ނަޖީބުގެ އަމިއްލަ ބޭންކް އެކައުންޓަށް 42 މިލިއަން ރިންގިޓް (10 މިލިއަން ޑޮލަރު) ޖަމާކޮށްފައިވުމާއި ގުޅިގެން، ހިޔާނާތުގެ ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ.

މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި، ހިޔާނާތުގެ މައްސަލާގައި ނަޖީބަށް މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި އަމިއްލަ ފައިދާއަށް ބޭނުންކުރުމާއެކު އިތުރު ތިން ދައުވާއެއް ވެސް ވަނީ ކޮށްފަ އެވެ.

ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް އައީ ވެސް އޭނާއަށް ކުރެވޭ ހިޔާނާތުގެ ތުހުމަަތުތަކާއި ހެދި އެވެ. 1އެމްޑީބީ ހިޔާނާތުގައި، ސީދާ ނަޖީބުގެ އަމިއްލަ އެކައުންޓަށް 700 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ. މި ތުހުމަތުތަކާއި ގުޅިގެން، ނަޖީބާއި އޭނާގެ އަނބިކަނބަލުން ގައުމުން ބޭރަށް ދިއުން ވަނީ މަނާކޮށްފަ އެވެ.

ދާދި ފަހުން، ނަޖީބު ރައްޒާގާއި އޭނާގެ އަނބިކަނބަލުން ރަސްމާ މަންސޫރާއި ގުޅުންހުރި އިމާރަތްތަކުން އަތުލައިގަތް އަގު ބޮޑު ތަކެތީގެ އަގު، 273 މިލިއަން ޑޮލަރަށް އަރާ ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.