12 މެންބަރުންގެ މައްސަލަ

މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި މަޖިލީހަށް އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމައި، އެކަން ރައްޔިތުންގެ މަޖިލީހަށް މިއަދު އަންގައިފި އެވެ.

މެންބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން މިއަދު އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުން ހާމަ ކުރައްވައި، މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑިއާމެދު އެ ކޮމިޝަނުން ނިންމާފައިވާ ނިންމުން މިއަދު އަލުން ރިވިއުކޮށްފައިވާ ކަމަށެވެ.

އަލުން ރިވިއުކުރިއިރު ފްލޯ ކްރޮސިއަންނާ ގުޅޭ ސުޕްރީމް ކޯޓުގެ ހުކުމްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުން ކުރެ ހާލަތެއް އެ 12 މެންބަރުންނަށް އެޕްލައި ނުވާ ކަމަށް އިލެކްޝަން ކޮމިޝަނަށް ގަބޫލުކުރެވިފައިވާ ކަމަށް ނޫސް ބަޔާނުގައި ބުންޏެވެ.

އެ ހުކުމްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީގެ މެންބަރަކަށްވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެ އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ އެ ކޮމިޝަނުން މީގެކުރިން އިއުލާންކޮށްފައިވާ އެ 12 ދާއިރާގެ ބައި އިލެކްޝަން ވެސް ނުބާއްވަން ނިންމާފަ އެވެ.

ބާރަ މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމީ ސުޕްރީމް ކޯޓުން ފްލޯ ކްރޮސިންއާ ގުޅޭ ގޮތުން ނެރުނު ހުކުމަށް ރިޔާއަތްކޮށެވެ. އެ ހުކުމްގައިވާ ގޮތުން ތިން ހާލަތުން ހާލަތެއް މެދުވެރިވެއްޖެނަމަ އިލެކްޝަން ކޮމިޝަނަށް އެ މެންބަރެއްގެ ގޮނޑި ގެއްލިއްޖެކަން ކަނޑައެޅޭނެ އެވެ.

ބާރަ ބޭފުޅުން ވެސް ޕީޕީއެމްއިން ވަކިވާން އަމިއްލައަށް ސިޓީ ހުށަހެޅުއްވި އެވެ. އެއީ އެ ހުކުމްގެ ކުރިންނެވެ. ނަމަވެސް އެ ބޭފުޅުން ޕާޓީއިން ވަކިކޮށްފައިވާ ކަމަށް ޕީޕީއެމްއިން ސިޓީ އިލެކްޝަން ކޮމިޝަނަށް ފޮނުވީ ހުކުމުގެ ފަހުންނެވެ.

އެ މައްސަލާގައި ހަތަރު މެންބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ދިގު އަޑުއެހުންތަކެއް ކުރިއަށް ދިޔަ އެވެ. އެ ހަތަރު މައްސަލާގެ އަޑުއެހުންތައް ނިންމާލައި ހުކުމަށް ތައްޔާރުވެފައިވަނިކޮށް ސުޕްރީމް ކޯޓުން އެ މައްސަލަތަކުގެ އިތުރު ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށް ބުނެ އަމުރެއް ނެރުނެވެ. އެ އަމުރުން އެ ބޭފުޅުން ގޮނޑި ގެއްލިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.

ނަމަވެސް، އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި އެވެ. އެ އަމުރު ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަމުރުގެ އެ ބައި ސަސްޕެންޑްކުރި އެވެ. އަދި ބާތިލްކުރަން ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ހަތަރު ބޭފުޅުންގެ މައްސަލާގައި ހުކުމެއް ކުރަންޖެހޭ ކަމެވެ. އެއީ ސުޕްރީމް ކޯޓުގެ ހުކުމަކުން ނިންމަންޖެހޭ ފަދަ މައްސަލަތަކެއް ކަމަށެވެ.

އެގޮތުން އެ ހަތަރު މެންބަރުން ކަމަށްވާ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދުގެ މައްސަލާގެ އަޑުއެހުންތައް މި ހަފުތާ ބޭއްވި އެވެ. އަދި ދެން މައްސަލާގެ އޮންނާނީ ހުކުމެވެ.

އަނެއް އަށް މެންބަރުން ވެސް ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ހުށަހަޅުއްވާފަ އެވެ. ވަރަށް އަވަހަށް އެ މައްސަލަތަކުގެ ޝަރީއަތް ވެސް ފަށާނެ ކަމަށް ބެލެވެ އެވެ.