ޕީޕީއެމް

ޕީޕީއެމްގެ ކައުންސިލް ބައްދަލުމެއް މިއަދު ބާއްވަނީ

އިލެކްޝަން ކޮމިޝަނުން ބޮޑެތި ނިންމުންތަކެއް ނިންމާފައިވަނިކޮށް ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިއަދު ބާއްވަން ނިންމައިފި އެވެ.

ކައުންސިލްގެ މެންބަރަކު ވަނީ އެކަން އަވަސްއަށް ކަށަވަރުކޮށް ދެއްވާފަ އެވެ. ނަމަވެސް ކައުންސިލްގައި މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަންކަމުގެ މައުލޫމާތެއް ނުލިބެ އެވެ.

ރައީސް އަބްދުﷲ ޔާމީން ރިޔާސަތު ބަލަހައްޓަވާ، ކައުންސިލް ބައްދަލުވުން މިއަދު އޮންނާނީ ހ. ހުރަފަގައި ހުންނަ ޕީޕީއެމްގެ އޮފީހުގަ އެވެ.

ޕީޕީއެމްގެ ރައީސް ކަމުގެ މަގާމަށް ރައީސް ޔާމީން އިންތިހާބުކުރި ޕީޕީއެމްގެ ހާއްސަ ގޮތުން ކޮންގްރެސް އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ބާތިލުކޮށްފަ އެވެ. އެ ކޮންގްރެސްގައި ނައިބު ރައީސުންނަށް ވެސް ހަތަރު ބޭފުޅުން އިންތިހާބުކުރި އެވެ.

އެ ނިންމުންތައް ބަލައިނުގަންނަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމާފައިވާއިރު ޕީޕީއެމްއިން ވަކިކުރި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

އެ ނިންމުމާއެކު، އިދިކޮޅު ޕާލިމެންޓް ގުރޫޕުން ވަނީ މާދަމާ މަޖިލީހުގެ މަސައްކަތްތައް ފެށުމަށް ނިންމާފަ އެވެ. މާދަމާ އެންޓި ޑިފެކްޝަން ގާނޫނާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނު އުވާލަން ހުށަހަޅަން ވަނީ ނިންމާފަ އެވެ. އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވައްދަން ދަނީ މަސައްކަތް ކުރަމުންނެވެ.