ރައްޔިތުން މަޖިލީހުގެ ތެރެއިން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަޒުލު ކުރަން ޖެހޭނެ ހާލަތެއް ނެތް ކަމަށާއި ރިޔާސީ އިންތިހާބުގައި ރައްޔިތުން ވަނީ އެކަންކޮށް ނިންމާފައި ކަމަށް ޖޭޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަންގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ އިމްޕީޗް ކުރުމަށް ނިންމާފައި ނެތް ކަމަށާއި އެކަން މިހާރު ކުރަން ޖެހޭ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވަނީ ރައީސް ޔާމީން އިމްޕީޗް ކޮށްފައި ކަމަށާއި ބޮޑު އަގުލަބިއްޔަތަކުން ވަނީ އެމަނިކުފާނު ބޭރުކޮށްލާފައި ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"58 ޕަސަންޓު ރައްޔިތުން ވަނީ ރައީސް ޔާމީން އިމްޕީޗު ކުރުމަށް ވޯޓުލާފައި، އެހެންވެ ދެން ޖެހޭނީ ދުރަށް ޖެހިވަޑައިގަންނަވަން، މަސައްކަތްތައް ބާރުތައް އަވަހަށް ރީތިކޮށް އިހުލާސްތެރިކަމާއެކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލު ކުރަންވީ، ސާފު އެއްވެސް އުނދަގުލެއް ހުރަހެއް ނުކުރަންވީ،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު ރައީސް ޔާމީން ރީތި ގޮތުގައި ބަލި ގަބޫލު ކުރެއްވި އިރު މިހާރު އަލުން އެކަންކަން ހަނދުމަފުޅު ނެތިގެން އެމަނިކުފާނު އުޅުއްވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. ނަމަވެސް ސަލާމަތީ ބާރުތަކުންނާއި މުއައްސަސާތަކުން ތިބީ އިތުރަށް ރައީސް ޔާމީން "ސަކަރާތް ޖަހަން" ފުރުސަތު ދޭ ގޮތަކަށް ނޫން ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.