ހަބަރު

ދެއަހަރަށް ފަހު ނިޔާޒު އަންނަ ހަފްތާ ރާއްޖެ އަންނަނީ

އަންނަ ހަފްތާގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ކުރީގެ އޮޑިޓާ ޖެެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މީގެ ދެ އަހަރު ކުރިން އަމިއްލަ އަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެންހުރި ކުރީގެ އޮޑިޓާ ޖެނެރަލް އަންނަ ހަފްތާގައި ވަޑައިގަންނަވާކަން ހާމަ ކުރެއްވީ އޭނާގެ ޓްވިޓާ އެކައުންޓްގައި އެވެ. އަހަރެއްހާ ދުވަސް ކުރިން އޭނާ އާއިލާއާއެެކު ދިރިއުޅުއްވަމުން ގެންދަވަނީ އަވައްޓެރި ސްރީލަންކާގަ އެވެ.

އަންނަ ހަފްތާގައި ނިޔާޒް ރާއްޖެ އައުމަށް ނިންމާފައިވާއިރު، އޭނާ ރާއްޖެ ދޫކޮށް ވަޑައިގެންފައިވަނީ އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން އަލްޖަޒީރާއިން ތައްޔާރު ކުރި ސްޓީލިން ޕެރެޑައިސް ރިޕޯޓަށް އެހީތެރިވި ފަރާތްތައް ސަރުކާރުން ހައްޔަރު ކުރަން ފެށުމާއި ގުޅިގެންނެވެ. އޭނާ ވަނީ އެ ރިޕޯޓަށް އިންޓަވިއުވެސް ދެއްވާފަ އެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ގާނޫނަށް ގެނައި ބަދަލެއްގެ ތެރެއިން އޭނާގެ މަގާމުވަނީ ގެއްލިފަ އެވެ. ނިޔާޒުގެ މަގާމު ގެއްލުނީ އާ އޮޑިޓަ ޖެނެރަލަކު އައްޔަން ކުރަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހަކުންނެވެ. އެ އިސްލާހު ގެންނަން އުޅުމުން ނިޔާޒު ވަނީ އެ ކަން ހުއްޓުވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅުއްވައިފަ އެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ވަނީ އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމައިފަ އެވެ.