ފެބުރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިއުލާންކުރި ކުއްލި ނުރައްކަލު ހާލަތުގެ ދަށުން ހައްޔަރުކުރި ދެ ފުލުހަކު މިނިވަން ކުރަން މިއަދު ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.
މިއަދު މިނިވަންކޮށްފައިވަނީ އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓާ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓާ ފާއިޒު މުހައްމަދެވެ. އެ ދެ މީހުން ވެސް ފުލުހުންގެ ވަޒީފާއިން ވަކިކުރީ ހައްޔަރުކުރުމަށްފަހު އެވެ.
އެ ދެ މީހުން މިއަދު ކުރިމިނަލް ކޯޓުން މިނިވަންކުރީ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް އަންގާފައިވާތީ އެވެ. އެމީހުން ޝަރިއަތް ނިމެންދެން ބަންދުކުރީ ހެއްކަށް ނުފޫޒު ފޯރުވަދާނެ ކަމަށް ބުނެ އެވެ.
ނަމަވެސް އެމީހުން ބަންދުގައި ތިބި މުއްދަތުގައި އެފަދަ ކަމެއް އެމީހުންގެ ފަރާތުން ފާހަގަވެފައިނުވާކަން ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވި އެވެ. އެހެންވެ ދެ މީހުންގެ ބަންދާމެދު ޝަރީއަތެއް ގޮތެއް ނިންމުމަށް އެދުނެވެ. ޝަރީއަތުން ނިންމީ ދެ މީހުން ބަންދުން ދޫކޮށްލުމަށެވެ.
ސައިފާއި ފާއިޒް ހިމެނޭ ގޮތަށް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަށް ފުލުހަކު ހައްޔަރުކުރި އެވެ. އެމީހުން މިހާރު ގޭބަންދުގައި ތިބިއިރު އެ އެންމެން ވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. ބާކީ ތިބި ހަ މީހުންގެ ޝަރީއަތް މާދަމާ ހެނދުނަށް ވަނީ ތާވަލުކޮށްފަ އެވެ.
އެއީ، ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލް ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމް އަދި ސާޖެންޓް މުހައްމަދު ރިޝްވާނެވެ.
މިއަދު ދޫކޮށްލި ސައިފާއި ފާއިޒްގެ މައްޗަށް ގިނަ ދައުވާތަކެއް ކުރާއިރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިހުރީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ދައުވާގެ މައްސަލާގަ އެވެ. އެ ކުށް ސާބިތުވިޔަސް އަންނަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެމީހުން ބަންދުގައި ތިބޭތާ މިހާރު ވަނީ ހަ މަސް ވެފަ އެވެ.