ރާއްޖެ ކުޅިވަރު

ވެރިންގެ އެއްބާރުލުން ނުލިބި، މިރޭގެ މެޗަށް ވިކްޓްރީ ނުދާން ނިންމައިފި

ދިވެހި ޕްރިމިއާ ލީގްގައި މިރޭ ޓީސީއާ ދެކޮޅަށް ކުޅޭ މެޗަށް ނުދާން ވިކްޓްރީ ސްޕޯޓްސް ކުލަބުން ނިންމައިފި އެވެ.

އެގޮތަށް ނިންމާފައިވަނީ ކްލަބްގެ ބައެއް ބޯޑު މެންބަރުންނެވެ. ބޯޑު މެންބަރުންގެ އެ ނިންމުން އެގޮތަށް އައީ ކުލަބްގެ ޗެއާމަން މުހައްމަދު އިސްމާއިލާއި ވައިސް ޗެއާމަން އަލީ އާރިފްގެ އެއްބާރުލުން ނުލިބިގެންނެވެ.

އެ ކުލަބްގެ މެނޭޖަރު ބުނި ގޮތުގައި އޭނާ އާއި ކުޅުންތެރިން ތިބީ މެޗަށް ދާން ތައްޔާރަށެވެ. ނަމަވެސް މެޗަށް ނުދާން ބޯޑު މެންބަރުން ނިންމާފައިވާތީ އެ ނިންމުމަށް ތަބާވެ މިރޭގެ މެޗަށް ކުޅުންތެރިން ނުދާނެ ކަމަށެވެ.

ކުރީގެ ފުޓްބޯޅައިގެ ގަދަ ބާރު ވިކްޓަރީ ސްޕޯޓްސް ކުލަބަކީ، ފުޓްބޯޅައިގެ އިތުރުން އެހެން ކުޅިވަރުތަކުންވެސް ގިނަ ތަށިތަކެއް ހޯދާފައިވާ ކުލަބަކެވެ. ކުޅިވަރުގެ ރަސްގެފާނުގެ ގޮތުގައި އެއްދުވަސް ވަރެއްގައި މަޝްހޫރުވި ކުލަބު މިހާރު އޮތީ މިއިން ދުވަހަކު ނުވެއްޓޭ ވަރުގެ ބޮޑު އަޑިގަނޑަކަށް ވެއްޓިފަ އެވެ. ކުޅިވަރު މުބާރާތްތަކުގައި ކުލަބު ވާދަ ކުރުމާމެދުވެސް އޮތީ ސުވާލު އުފެދިފަ އެވެ.

މިދިޔަ ހަފުތާގައި މާޒިޔާއާ ދެކޮޅަށް ކުޅުންތެރިން ތިބީ މެޗަށް ވެސް ނުނިކުންނަ ގޮތަށެވެ. ވިކްޓަރީގެ ސީނިއާ ކުޅުންތެރިޔަކު ބުނީ އެދުވަހު ކުޅުންތެރިން މެޗަށް ނިކުތީ ކެޕްޓަން ޝާފިއު އަހްމަދު 'ޝާފީ' ގެ އެދުމުގެ މަތިން ކަމަށެވެ. އޭނާ ބުނީ، އޭނާ އަމިއްލައަށް ކުލަބުގެ ޗެއާމަން މުހައްމަދު އިސްމާއީލް އާއި ވައިސް ޗެއާމަން އަލީ އާރިފަށް ގުޅަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް ފޯނަށް ޖަވާބު ނުދޭ ކަމަށެވެ.

ޖުލައި މަހު ފަހު ކޮޅުގައި ގައުމީ ޓީމަށް ބްރޭކު ދިނުމަށް ލީގު މެދުކަނޑާލި ފަހުން ވިކްޓަރީން ޕްރެކްޓިސް ކޮށްފައެއް ނުވެ އެވެ. މުސާރަ ނުދޭތާ މިހާރު ވަނީ ހަތަރު މަސް ހޭދަ ވެފަ އެވެ. މިހާލަތަށް ދިއުމުން މުބާރާތުން ވަކިވުމުގެ ވާހަކަތައް ވެސް ކުލަބު އެތެރޭގައި ފެތުރިގެން ދިޔަ އެވެ.