ހަބަރު

ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލްއަކަށް މުންދު އައްޔަންކޮށްފި

Oct 3, 2018
1

ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް، އެސްޖީގެ މަގާމަށް ސްރީލަންކާގެ ސަފީރު ކަމުގައި ހުންނެވި މުހައްމަދު ހުސެއިން ޝަރީފް (މުންދު) އައްޔަން ކުރަން ނިންމައިފި އެވެ.

ޕީޕީއެމްގެ އެސްޖީގެ މަގާމުގައި މިއަދާ ހަމަޔަށް ހުންނެވީ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލެވެ. ނަމަވެސް ހަލީލް ވަނީ ޕީޕީއެމްގެ ކައުންސިލްއަށް އައްޔަން ކުރުމަށް އެ ޕާޓީއިން ދާދި ފަހުން ބޭއްވި ކޮންގްރަސްގައި ނިންމައިފަ އެވެ. ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން އެ ޕާޓީގެ ކައުންސިލް މެންބަރަކަށް އެސްޖީގެ މަގާމެއް އަދައެއް ނުކުރެވޭނެ އެވެ.

އެހެންކަމުން ހަލީލްގެ ބަދަލުގައި އެސްޖީ ކަމަށް މުންދު އައްޔަން ކުރަން ނިންމީ މިއަދު ހަވީރު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ. އެގޮތަށް ފާސްވީ ކައުންސިލްގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.