ހަބަރު

ރައީސްއަށް ތުހުމަތުވާ މަނީލޯންޑްރިންގެ މައްސަލައެއް އޭސީސީއިން ވެސް ބަލަނީ

Oct 3, 2018
15

ރައީސް އަބްދުﷲ ޔާމީންއަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީ އިން ވެސް ބަލަމުން އަންނަކަން، "އަވަސް"އަށް ކަށަވަރު ވެއްޖެ އެވެ.

އިތުބާރު ހުރި ފަރާތަކުން "އަވަސް"އަށް މިއަދު ޔަގީންކަން ދިން ގޮތުގައި، އެމްޑީޕީގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި މަނީލޯންޑްރިންގެ މައްސަލަތަކެއް އޭސީސީ އިން ބެލުމަށް ނިންމައި، އެ ތަހުގީގަށް ބޭނުންވާ މުއާމަލާތްތަކުގެ މައުލޫމާތު ހޯދުމަށް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް، އެފްއައިޔޫގައި އޭސީސީ އިން މިހާރު ވަނީ އެދިފަ އެވެ.

އެމްޑީޕީއިން ބުނި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތުކޮށް އެ ޕާޓީއިން އޭސީސީއަށް ހުށަހަޅާފައި އޮތް މަނީ ލޯންޑްރިންގެ މައްސަލައަކީ، އިންޑޮނޭޝިޔާގެ މީހެއްގެ އަތުން 100 މިލިއަން ޑޮލަރު ނަގުދު ފައިސާ ގެނެސް، އެ ފައިސާ ދިވެހި ބޭންކްތަކުގެ ތެރޭގައި ދައުރުކުރިވި މައްސަލަ އެކެވެ.

އެކަމާ ގުޅިގެން އޭސީސީގެ ރަސްމީ ކޮމެންޓެއް ހޯދުމަށް ކޮމިޝަންގެ ވެރިންނަށް ގުޅި ނަމަވެސް އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބެއް ނުދެއްވި އެވެ. އަދި އެކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެކަމަށް ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަކަށް ނަގުދު ފައިސާއިން 1.5 މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއް އެމްއެމްއޭގެ އެފްއައިޔޫ ޔުނިޓުން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވެފައިވާ ގޮތުގައި ރައީސްގެ އެކައުންޓަށް ނަގުދު ފައިސާއިން ވަދެފައިވާ ފައިސާ އަކީ ކެމްޕޭންގައި ބޭނުން ކުރުމަށް ލިބިފައިވާ ފައިސާ އެވެ. އަދި އިންތިހާބުތަކުގެ އާންމު ގާނޫނާ އެއްގޮތަށް ރައީސް ޔާމީންގެ ނަމުގައި އޮތް އެކައުންޓަކަށް އިންތިހާބުގެ ކަންކަމަށް ލިބުނު ފައިސާ ޖަމާކުރަމުން ދިޔަ ކަމަށް ވެސް މުއާޒު ވަނީ ވިދާޅުވެފަ އެވެ.