ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑިއާމެދު އިލެކްޝަން ކޮމިޝަން، އީސީއިން މިއަދު ނިންމި ނިންމުން ސުޕްރީމް ކޯޓުން މިރޭ ބާތިލްކޮށްފި އެވެ.
އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ މިއަދުގެ ބައްދަލުވުމުގައި 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ނިންމުން ވަނީ ރިވިއުކޮށްފަ އެވެ. ރިވިއު ކުރުމަށްފަހު ކޮމިޝަނުން ބުނީ، އަލުން ރިވިއުކުރިއިރު ފްލޯ ކްރޮސިއަންނާ ގުޅޭ ސުޕްރީމް ކޯޓުގެ ހުކުމްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައިވާ ހާލަތްތަކުން ކުރެ ހާލަތެއް އެ 12 މެންބަރުންނަށް އެޕްލައި ނުވާ ކަމަށެވެ.
އެ ހުކުމްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން އިންތިހާބުވި ޕާޓީގެ މެންބަރުކަމުން ވަކިކުރުމާއި، ނުވަތަ އިންތިހާބުވި ޕާޓީގެ މެންބަރުކަމުން އަމިއްލައަށް ވަކިވުމާއި، ނުވަތަ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީގެ މެންބަރަކަށްވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެ އެވެ.
އެ 12 މެންބަރުންގެ ގޮނޑިއާމެދު ހިޔާލު އުފެދުނީ އިލެކްޝަން ކޮމިޝަނުން އެ ހުކުމަށް ރިޔާއަތްކޮށް މިދިޔަ އަހަރު ނިންމާފައިވާ ނިންމުންތަކެއްގެ ސަބަބުންނެވެ. އިލެކްޝަން ކޮމިޝަނުން އެ 12 މެންބަރުންގެ ގޮނޑި ގެއްލިއްޖެކަން މަޖިލީހަށް އަންގައި ބައި އިލެކްޝަން ވެސް އިއުލާންކުރި އެވެ. ނަމަވެސް މިއަދު ވަނީ އެ ބައި އިލެކްޝަންތައް ވެސް ނުބާއްވަން ނިންމާފަ އެވެ.
އިލެކްޝަން ކޮމިޝަންގެ މިއަދުގެ ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނީ، އެ މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުކުރަމުން ދިޔަ ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެކަމާމެދު ހިލާފު އުފެދިފައިވާ ކަމަށް ބުނެ އެ ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަތައް އެ ކޯޓަށް ބަލައިގަނެ އެ މައްސަލަތައް ކޯޓުން ބަލައި ފައިސަލާކޮށް ގޮތެއް ނިންމުމުގެ ކުރިން އެ ދާއިރާތަކުގެ ގޮނޑިތަކާ މެދު ބަހުސްކޮށް ވަކިގޮތެއް ނިންމުމަކީ، އިލެކްޝަން ކޮމިޝަނަށް ނުވަތަ ދައުލަތުގެ އެހެން އެއްވެސް އިދާރާއަކަށް ވިޔަސް ގާނޫނުއަސާސީއިން ލިބިދީފައިވާ ބާރަކާއި އިހްތިސާސެއް ނޫންކަން ކަމަށެވެ.
އަމުރުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ 12 ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެކަމާމެދު ހިލާފު އުފެދިގެން އެ މައްސަލަތައް ބަލައި ގޮތެއް ކަނޑައެޅުމަށް އެ މެންބަރުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަތައް ސުޕްރީމް ކޯޓުން ބަލައި ފައިސަލާކޮށް ގޮތެއް ނިންމުމުގެ ކުރިން، އެހެން އެއްވެސް ފަރާތަކުން އެ މައްސަލަތަކުގެ މައުލޫއާމެދު ބަހުސްކޮށް ގޮތެއް ނިންމުމަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށެވެ.
ޝަރީއަތަށް ހުށަހެޅިފައިވާ އެއްވެސް މައްސަލައަކަށް ޝަރުއީ އަދި ގާނޫނީ އިންތަކުގެ ބޭރުން ނުފޫޒު ފޯރާފަދަ އެއްވެސް ކަމެއް ކުރުމަކީ ގާނޫނު އަސާސީގެ ދަށުން ކަނޑައަޅައިގެން މަނާ ކަމެއް ކަމަށް އަމުރުގައިވެ އެވެ.
ކުއްލި ގޮތަކަށް މިރޭ ނެރުނު އަމުރުގައި އިތުރަށް ބުނެފައިވަނީ ދާއިރާތަކުގެ ގޮނޑިތައް ހުސްވެއްޖެކަމާމެދު ހިލާފު އުފެދިފައިވާ ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން 12 މެންބަރުން ހިމަނައިގެން ރައްޔިތުންގެ މަޖިލީހުން ބާއްވާ ޖަލްސާއެއްގައި ނުވަތަ ކޮމެޓީއެއްގައި ނިންމާ ކޮންމެ ނިންމުމެއް ވާނީ އޭގެ ޒާތުގައިވެސް ބާތިލް އަދި ޣައިރު ދުސްތޫރީ ނިންމުމަކަށް ކަމަށް ކަނޑައަޅައި އެކަން މުއައްސަސާތަކަށް އަންގާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުން ގާނޫނުއަސާސީގެ 74 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުތު މީހެއްގައި ހަމަވޭތޯ ނުވަތަ އެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރާން ޖެހިއްޖެތޯ ބެލުމުގައި ނުވަތަ އެ މަޖިލީހުގެ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ހިލާފެއް އުފެދިއްޖެނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ކަމާމެދު ހިލާފު އުފެދިގެން، ކަމާބެހޭ ފަރާތަކުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލައަކާ މެދު، ދުސްތޫރީ ނަޒަރަކުން ބަލައި އެ މައްސަލައަކާ މެދު ފައިސަލާކޮށް ގޮތެއް ކަނޑައެޅުމަކީ ގާނޫނުއަސާސީއިން އެއްވެސް އިސްތިސްނާއެއް ނެތި ހަމައެކަނި ސުޕްރީމް ކޯޓަށް ލިބިދީފައިވާ އަސްލީ އިހްތިސާސެއް ކަމަށް ވެސް އަމުރުގައިވެ އެވެ.
ގޮނޑީގެ މައްސަލަ ބޮޑުވެފައިވާ 12 ބޭފުޅުން ވެސް ޕީޕީއެމްއިން ވަކިވާން އަމިއްލައަށް ސިޓީ ހުށަހެޅުއްވި އެވެ. އެއީ ސުޕްރީމް ކޯޓުގެ ފްލޯކްރޮސިން ހުކުމްގެ ކުރިންނެވެ. ނަމަވެސް އެ ބޭފުޅުން ޕާޓީއިން ވަކިކޮށްފައިވާ ކަމަށް ޕީޕީއެމްއިން ސިޓީ އިލެކްޝަން ކޮމިޝަނަށް ފޮނުވީ ހުކުމުގެ ފަހުންނެވެ.
އެ މައްސަލާގައި ހަތަރު މެންބަރަކު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލާގައި ދިގު އަޑުއެހުންތަކެއް ކުރިއަށް ދިޔަ އެވެ. އެ ހަތަރު މައްސަލާގެ އަޑުއެހުންތައް ނިންމާލައި ހުކުމަށް ތައްޔާރުވެފައިވަނިކޮށް ސުޕްރީމް ކޯޓުން އެ މައްސަލަތަކުގެ އިތުރު ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށް ބުނެ އަމުރެއް ނެރުނެވެ. އެ އަމުރުން އެ ބޭފުޅުން ގޮނޑި ގެއްލިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ.
ނަމަވެސް، އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައެޅި އެވެ. އެ އަމުރު ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަމުރުގެ އެ ބައި ސަސްޕެންޑްކުރި އެވެ. އަދި ބާތިލްކުރަން ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ހަތަރު ބޭފުޅުންގެ މައްސަލާގައި ހުކުމެއް ކުރަންޖެހޭ ކަމެވެ. އެއީ ސުޕްރީމް ކޯޓުގެ ހުކުމަކުން ނިންމަންޖެހޭ ފަދަ މައްސަލަތަކެއް ކަމަށެވެ.
އެގޮތުން އެ ހަތަރު މެންބަރުން ކަމަށްވާ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދުގެ މައްސަލާގެ އަޑުއެހުންތައް މި ހަފުތާ ބޭއްވި އެވެ. އަދި ދެން މައްސަލާގެ އޮންނާނީ ހުކުމެވެ.
އަނެއް އަށް މެންބަރުން ވެސް ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ހުށަހަޅުއްވާފަ އެވެ. ވަރަށް އަވަހަށް އެ މައްސަލަތަކުގެ ޝަރީއަތް ވެސް ފަށާނެ ކަމަށް ބެލެވެ އެވެ.