ބޮލީވުޑް

ކޮފީ ވިތު ކަރަންއަށް ފުރަތަމަ ސައިފާއި ސާރާ

ބޮލީވުޑްގެ ތަރިންނަށް އެންމެ ހާއްސަ ޓޯކް ޝޯ ކަމުގައިވާ، ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރް "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަން މި މަހު 21 ގައި ފަށާނެ އެވެ.

އާ ސީޒަންގެ ޝޫޓިންތައް ފަށަމުން ކަރަން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސެޓުގެ މަންޒަރުތައް ދައްކާލާފައި އެވެ. އަދި އާ ސިޒަންގެ ފުރަތަމަ ދެ މެހުމާނުންގެ ނަން ވެސް ހާމަކުރި އެވެ. އެއީ ސައިފް އަލީ ޚާން އާއި އޭނާގެ ދޮށީ ދަރި ސާރާ އަލީ ޚާން އެވެ.

ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ކެދަރްނާތު" ނިކުންނާނީ އަންނަ މަހު އެވެ. އޭނާ އަންނަނީ ކަރަންގެ ފިލްމު "ސިމްބާ" ގައި ވެސް މަސައްކަތްކުރަމުންނެވެ.

ސައިފް އާއި ސާރާ އެ ދެ މީހުންގެ މެދުގައި އޮންނަ ގުޅުމާ ބެހޭ ގޮތުން މި ޝޯގައި ވާހަކަ ދައްކާނެ ކަމަށްވެ އެވެ. އަދި ސާރާގެ ދޮންމަންމަ، ސައިފްގެ އަންހެނުން ކަރީނާ ކަޕޫރް ޚާން އާއި އެ ދެމީހުންގެ ދަރިފުޅު ތައިމޫރް އަލީ ޚާންއާ އޮންނަ ގުޅުމުގެ ތަފާތު ވާހަކަތައް ވެސް ދައްކާނެ ކަމަށް ބެލެވެ އެވެ.

މި ސީޒަންގައި ފެނިގެންދާނެ ކަމަށް ބެލެވޭ މެހުމާނުންގެ ތެރޭގައި ޖާންވީ ކަޕޫރް އާއި އިޝާން ކައްޓަރު ހިމެނެ އެވެ. އަދި ބޮލީވުޑް ޖޯޑުންގެ ތެރެއިން އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ، ސޯނަމް ކަޕޫރް އަހޫޖާ އާއި އާނަންދު އަހޫޖާ، ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސް ހިމެނެ އެވެ. އަދި މި ސީޒަންގައި ސަނީ ލިއޯނީވެސް ގެނެސްދޭނެ ކަމަށްވެ އެވެ.