ކެޕްޓަން ލިއޮނަލް މެސީ ހިނިތުން ވެގެން ހުރުމަކީ، ބާސެލޯނާގެ އެންމެ ބޮޑު ހިތްހަމަ ޖެހުމުގެ ގޮތުގައި އެ ޓީމުގެ ކޯޗް އެރުނަސްޓޯ ވަލްވެރުޑޭ ސިފަ ކޮށްފި އެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި، ރޭ ޗެމްޕިއަންސް ލީގްގައި، ޓޮޓެންހަމްއާ ދެކޮޅަށް ބާސާ މޮޅު ކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރީ، މެސީ އެވެ. އޭނާ ވަނީ ޓޮޓެންހަމްގެ މައްޗަށް ބާސާއަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ. މެސީ ކާމިޔާބު ކުރި ދެ ލަނޑާއެކު ބާސާއިން މެޗު ކާމިޔާބު ކުރީ 4-2 ންނެވެ.
މެޗު ފެށިގެން ދެ ވަނަ މިނެޓްގައި، ފިލިޕޭ ކުޓީނިއޯ ވަނީ ބާސާއަށް ލީޑް ނަގާފަ އެވެ. އޭގެ ފަހުން 28 ވަނަ މިނެޓްގައި އީވާން ރެކިޓިޗް ބާސާއަށް ލީޑް ފުޅާ ކޮށްދިނެވެ. ދެ ވަނަ ހާފުގައި ނިކުމެ، ހެރީ ކޭން ވަނީ ޓޮޓެންހަމްއަށް ހިތްހަމަޖެހުން ހޯދައިދީފަ އެވެ. ނަމަވެސް އޭގެ ހަތަރު މިނެޓް ފަހުން މެސީ އަނެއްކާވެސް ބާސާ އަށް ލަނޑު ޖަހައިދީ ލީޑް ދެ ލަނޑަށް ފުޅާ ކުރި އެވެ. މެޗުގެ 66 ވަނަ މިނެޓްގައި އެރިކް ލަމޭލާ ޓޯޓެންހަމްގެ ދެ ވަނަ ލަނޑު ޖެހި އެވެ. މެޗުގެ 90 ވަނަ މިނެޓްގައި ލަނޑު ޖަހައި މެސީ ވަނީ އަނެއްކާވެސް ދެ ލަނޑުގެ ލީޑެއް ޓޮޓެންހަމްގެ މައްޗަށް ހޯދައިދީފަ އެވެ.
ސްޕެނިޝް ލީގްގައި، އެތުލެޓިކް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި، މެސީ ބެންޗުން ފެށުމުން ވަލްވެރުޑޭއަށް ފާޑު ކިޔުން އަމާޒުވި އެވެ. އޭރުވެސް އޭނާ ބުނީ މެސީއަށް ރެސްޓް ދިނީ ޗެމްޕިއަންސް ލީގް މެޗަށް މެސީ ތައްޔާރު ކުރުމުގެ ގޮތުން ކަމަށެވެ.
"ޕީއެސްވީ [އެއިންޑޯވަން] އާ ދެކޮޅަށް އޭނާ [މެސީ] ހެޓްރިކު ހެދި، މިރޭ [ރޭ] އަނެއްކާ ދެ ލަނޑު ޖަހައިފި، އޭނާ ހުރީ ވަރަށް ބޮޑަށް އުފަލުން،" ވަލްވެރުޑޭ ބުންޏެވެ. "އޭނާގެ ހިތްހަމަ ޖެހުމަކީ އަހަރެމެންނަށް ލިބޭ ހިތްހަމަ ޖެހުން."
މެޗަށް ފަހު ވާހަކަ ދައްކަމުން މެސީ ބުނީ، ޗެމްޕިއަންސް ލީގްގެ އަހަމިއްޔަތުކަން ބާސާއިން ކުޑަ ނުކުރާނެ ކަމަށެވެ. އޭނާ ބުނީ ސެމްޕިއަންސް ލީގާއި ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕަށްވެސް ބާސާއިން އިސްކަންދޭނީ އެއްވަރަކަށް ކަމަށެވެ.
ވަލްވެރުޑޭ ވަނީ މެޗުން، ބްރެޒިލްގެ ޒުވާން ތަރި އަރުތޫރު މެލޯއަށް ފުރުސަތު ދީފަ އެވެ. ވަލްވެރުޑޭ ބުނީ، މެޗު ކާމިޔާބު ކޮށްދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާ ކުރި ކަމަށެވެ.
އެ ގުރޫޕްގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ، އިންޓަ އާއި ޕީއެސްވީ ކުޅުނު މެޗު އިންޓަ ކާމިޔާބު ކުރީ 2-1 ންނެވެ.