ދުނިޔެ

ޓެރަރިސްޓުން ނައްތާނުލައި ޕާކިސްތާނަށް ސަލާމަތެއް ނެތް: ބޮޑުވަޒީރު

ޕާކިސްތާނުން ޓެރަރިސްޓުން ނައްތާނުލައި ގައުމަށް ސަލާމަތެއް ނެތް ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފް އިއްޔެ ވިދާޅުވެއްޖެ އެވެ.

ނަވާޒް ޝަރީފް މިހެން ވިދާޅުވެފައި މި ވަނީ ޕާކިސްތާނުގެ ސްކޫލަތަށް ތާލިބާނުން ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ ދަރިވަރުން މަރާލުމާ އެކު ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުން ފިޔަވަޅުތައް ހަރުކަށިކޮށްފައި ވަނިކޮށެވެ. އަދި ބޮޑުވަޒީރު ވަނީ ޓެރަރިޒަމާ ދެކޮޅު ހަނގުރާމަ ކުރިއަށް ގެންދާނީ ސީދާ ބޮޑުވަޒީރު ބެލުމުގެ ދަށުން ކަމަށް ވެސް ކުރިން ވިދާޅުވެފަ އެވެ.

"މިކަން ކުރިއަށްދާ ގޮތް ސީދާ އަޅުގަނޑު ބަލަމުން ގެންދާނަން. މި ފިޔަވަޅުތައް އަޅަމުންދާކަން ކަށަވަރު ކުރާނަން،" ބޮޑުވަޒީރުގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައި ނަވާޒް ޝަރީފް ވިދާޅުވި އެވެ.

ހަނގުރާމަވެރިންނާ ދެކޮޅަށް އަސްކަރިއްޔާ އިން ވަރުގަދަ ކެމްޕޭނެއް ފަށާފައި ވާއިރު އިއްޔެ ވަނީ އާ ސަރަހައްދުތަކަކަށް އަމާޒުކޮށް އަސްކަރީ އޮޕަރޭޝަންތަކެއް ފަށައިފަ އެވެ.

ހަނގުރާމަވެރިންނާ މެދު މާ ފިނިކޮށް އަމަލުތައް ބަހައްޓަވާ ކަމުގެ ތުހުމަތު ނަވާޒް ޝަރީފްގެ ވެރިކަމުގެ ކުރީކޮޅު އެކި ފަރާތްތަކުން ކޮށްފައިވެ އެވެ. ނަމަވެސް އޭނާ އިއްޔެ ވިދާޅުވެފައި ވަނީ ޓެރަރިސްޓުން ނައްތާލުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށާއި އެކަން ދެން އެހެން ގޮތަކަށް ބަދަލު ނުވާނެ ކަމަށެވެ.

ބޮޑުވަޒީރު ވިދާޅުވީ ސްކޫލަކަށް ހަމަލާދީ ދަރިވަރުންތައް މަރާލި ދުވަހު ގައުމު ދައްކައިދީފަައި ވަނީ ޓެރަރިޒަމާ ދެކޮޅު ރޫހު ކަމަށެވެ. އަދި މުޅި ގައުމު އެ ރޫހުގައި ތެދުވެ ޓެރަރިސްޓުން ނައްތާލުމަކީ މިއަދު ގައުމު ސަލާމަތް ކުރުމަށް ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއް ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ޕާކިސްތާނުން ޓެރަރިޒަމާ ދެކޮޅަށް ވަރުގަދަ ހަރަކާތްތަކެއް ފަށާފައި މި ވަނީ މި މަހުގެ 16 ވަނަ ދުވަހު ސްކޫލަކަށް ހަމަލާދީ 100 އަށް ވުރެ ގިނަ ކުދިން މަރާލި ހާދިސާ އަށް ފަހުގަ އެވެ. މި ހަމަލާގެ ޒިންމާ ވަނީ ތަހްރީރީ ތާލިބާން ޕާކިސްތާން އިން އުފުލައިފަ އެވެ. ހަނގުރާމަވެރިން ހަމަލާ ދިން ސްކޫލަކީ ސިފައިން ހިންގާ ސްކޫލަކަށެވެ.