ބޮލީވުޑް

ސައިފްގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަނެއް އުފައްދައިފި

ސައިފް އަލީ ޚާން އޭނާގެ އަމިއްލަ އާ ފިލްމު ޕްރޮޑަކްޝަނެއް އުފައްދައިފި އެވެ.

މީގެ ކުރިން ސައިފްގެ ހިއްސާ އޮވެގެން އުފެއްދި އިލުމިނާޓީ ފިލްމްސް ޕްރޮޑަކްޝަންއަކީ ސައިފް އާއި އޭނާގެ ރަހުމަތްތެރިޔާ ދިނޭޝް ވިޖަން ގުޅިގެން އުފެއްދި، އެ ދެމީހުންގެ ހިއްސާ އޮތް ޕްރޮޑަކްޝަނެކެވެ.

އާ ޕްރޮޑަކްޝަންގެ ނަމަކީ ބްލެކް ނައިޓް ފިލްމްސް އެވެ. އެ ޕްރޮޑަކްޝަންގެ ދަށުން އުފައްދާ ފުރަތަމަ ފިލްމު "ޖަވާނީ ޖާނެމަން" ވެސް މިހާރު ވަނީ އިއުލާނުކޮށްފައި އެވެ.

ފެމިލީ ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ އެ ފިލްމަކީ އުމުރުން 40 އަހަރުގެ ބައްޕައަކާއި ދަރިއެއްގެ އޮންނަ ގުޅުން ދައްކުވައިދޭ ފިލްމެކެވެ. އަންނަ އަހަރު މަސައްކަތައް ފަށާނެ އެ ފިލްމު ޑައިރެކްޓުކުރާނީ ނިތިން ކައްކަރު އެވެ.

އިލުމިނާޓީ ފިލްމްސްއިން ވަނީ "ލަވް އާޖް ކަލް" (2009)، "ކޮކްޓެއިލް" (2012) އަދި "ގޮ ގޯއާ ގޯން" (2013) ފަދަ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައި އެވެ. އެ ޕްރޮޑަކްޝަންގެ ދަށުން އެންމެފަހުން ފިލްމެއް ގެނެސްދިނީ 2014 ގައި އެވެ. އެއީ "ހެޕީ އެންޑިންގް" އެވެ.

އެ ފިލްމަށްފަހު ދިނޭޝް ވަނީ އޭނާގެ އަމިއްލަ ޕްރޮޑަކްޝަނެއް އުފައްދާފައި އެ ޕްރޮޑަކްޝަނުން ވަކިވެފައި އެވެ.