ޗެމްޕިއަންސް ލީގްގައި، ނޭމާ ޖޫނިއާގެ ހެޓްރިކުން ސާބިއާގެ ކްރިވްނާ ޒުވެޒްޒާގެ މައްޗަށް 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޕީއެސްޖީން މެޗު ކާމިޔާބު ކޮށްފި އެވެ.
ރެޑް ސްޓާގެ ނަމުން މަޝްހޫރު ވެފައިވާ، ސާބިއާގެ ސުޕަ ލީގްގެ ޗެމްޕިއަން ޓީމު ވަނީ މެޗުގެ ކުރީ ކޮޅު ޕީއެސްޖީ ހުއްޓުވުމުގައި ކާމިޔާބު ހޯދާފަ އެވެ. ޕީއެސްޖީން ރެޑް ސްޓާގެ ގޯލް ހުޅުވާލީ ނޭމާ ކާމިޔާބު ކުރި ހިތްގައިމު ހިލޭ ޖެހުމުންނެވެ.
މެޗުގެ 20 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުން، ނޭމާ ވައްދާލީ، ބޯޅައަށް ހުރަސް އަޅަން ފާރެއްހެން އެތުރިގެން ތިބި ރެޑްސުޓްގެ ކުޅުންތެރިންގެ ބޯމަތިންނެވެ. ގޯލްގެ ކަނަށް ވައްދާލި އެ ބޯޅަ ހުއްޓުވުމަށް ރެޑްސުޓާގެ ކީޕަރު މިލާން ބޮރުޖާންއަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ.
އޭގެ ދެ މިނެޓް ފަހުން ކިލިޔަން އެމްބާޕޭ ތަނަވަސް ކޮށްދިން ފުރުސަތަކުން، ޕީއެސްޖީގެ ދެ ވަނަ ލަނޑު ނޭމާ ކާމިޔާބު ކުރި އެވެ. މެޗުގައި ޕީއެސްޖީގެ އެޓޭކިން ޑިޕާޓްމެންޓަށް ކުޅުނު ހުރިހާ ކުޅުންތެރިން ވަނީ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ތިން ވަނަ ލަނޑު އެޑިންސަން ކަވާނީ ކާމިޔާބު ކުރީ 37 ވަނަ މިނެޓްގަ އެވެ. މެޗުގެ 41 ވަނަ މިނެޓްގައި އެންހަލް ޑި މާރީއާ، އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހި އެވެ. އެމްބާޕޭ ލަނޑު ޖެހީ މެޗުގެ 70 ވަނަ މިނެޓުގަ އެވެ. އޭގެ ހަތަރު މިނެޓް ފަހުން މާކޯ މާރިން ވަނީ ރެޑް ސުޓާއަށް ސުން ކަނޑުވާލަ ދީފަ އެވެ. ނޭމާ ހެޓްރިކު ހެދީ މެޗުގެ 81 ވަނަ މިނެޓްގަ އެވެ.
ފުރަތަމަ މެޗުގައި، ޕީއެސްޖީ ބަލި ކުރި ލިވަޕޫލް ވަނީ ރޭ ނަޕޯލީގެ އަތް ދަށުވެފަ އެވެ. ނަޕޯލީއިން މެޗު ކާމިޔާބު ކުރީ މެޗުގެ އެންމެ ފަަހު މިނެޓްގައި ލޮރެންޒޯ އިންސިންޔޭ ކާމިޔާބު ކުރި ލަނޑުންނެވެ. އެ ލަނޑު ޖެހުމުގައި ހޯޒޭ ކަލޭހޮން ނަގައިދިން ހިތްގައިމު ހުރަސްވެސް ފާހަގަ ކޮށްލަން ޖެހެ އެވެ.