ވިޔަފާރި

ހޮޓެލް އޭޝިއާގެ ހުރިހާ ސްޓޯލެއް ވިކި ހުސްވެ، ފެއާއަށް ތައްޔާރު

Oct 4, 2018

ރާއްޖޭގައި ބާއްވާ ވިޔަފާރީގެ އެންމެ ބޮޑު ފެއާ ކަމަށްވާ "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2018" ގެ ހުރިހާ ސްޓޯލެއް ވިކި ހުސްވެ، ފެއާތައް ތައްޔާރު ވެއްޖެ އެވެ.

"ހޮޓެލް އޭޝިއާ 2018" އޮންނަނީ މިމަހުގެ މަހުގެ 10-12 އަށް ދަރުބާރުގޭގަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރީގެ ފެއާ އިންތިޒާމުކުރާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިން ބުނީ ފެއާ 2000 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވަމުންދާއިރު، މި އަހަރުގެ ފެއާގައި ވެސް 46 ގައުމަކުން 250 ކުންފުނި ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ކުންފުނިތަކުން 2،000 އަށްވުރެ ގިނަ ބްރޭންޑް ޑިސްޕްލޭ ކުރާނެ ކަމަށެވެ.

ހޮޓެލް އޭޝިއާ ފެއާގެ މި އަހަރުގެ މެއިން ސްޕޮންސާއަކީ ވެސް ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އެވެ. އެ ކުންފުންޏަކީ ރާއްޖޭގެ ލޯކަލް ބާޒާރާއި ރާއްޖޭގެ އެންމެ މަތީ ފެންތީގެ ރިސޯޓުތަކަށް ބޭނުންވާނެ ތަފާތު އުފެއްދުންތައް ފޯރުކޮށްދޭ ކުންފުންޏެވެ. ދުނިޔޭގެ އެންމެ ގިނަ ޕްރޮޑަކްޓްތައް އުފައްދާ ކުންފުނި ޔުނިލިވާގެ ގިނަ އުފެއްދުންތަކެއް ރާއްޖޭގައި ވިއްކާ ކުންފުނިން މި ފެއާގެ މެއިން ސްޕޮންސާގެ ގޮތުގައި ބައިވެރިވާތާ ވަނީ ގިނަ އަހަރުތަކެއް ވެފަ އެވެ. މީގެ އިތުރުން ފެއާގެ ސްޕޮންސަރުގެ ގޮތުގައި ހިމެނެނީ ކަލިނަރީ އިކްއިމްޕަންޓް ސްޕޮންސަރުގެ ގޮތުގައި އީވޯ ހޯމް އެވެ. އަދި ލޮޖިސްޓްރިކް ޕާޓްނަރަކީ ޓީޓީއެސް މޯލްޑިވްސް އެވެ. އަދި ޔުނީފޯމް ޕާޓްނަރަކީ ރެޓްރިއާ އެވެ. މީގެ އިތުރުން އިވެންޓް ޕާޓްނަރުންނަކީ އިވެންޓް މޯލްޑިވްސް އާއި އަސަރީ ސާވިސް އެވެ. އަދި އޮފިޝަލް މެގަޒިން ޕާޓްނަރަކީ ހޮޓެލިއާ މޯލްޑިވްސް އެވެ. މީގެ އިތުރުން އޮންލައިން މީޑިއާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ. އޮފިޝަލް ޓެލެކޮމް ޕާޓްނަރަކީ ދިރާގު އެވެ.

މިފެއާގެ ތެރޭގައި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖެއް އޮންނާނެ އެވެ. ކަލިނަރީ ޗެލެންޖުގެ ޖަޖުންނަކީ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް (ވޯލްޑް ޝެފްސް- ޑަބްލިއުއޭސީއެސް) އިންނެވެ. އެންމެ ފަހުން ބޭއްވި މި މުބާރާތުގައި 550 މީހުން ބައިވެރިވެފައިވެ އެވެ. މިއަހަރުގެ ފެއާގައި 600 މީހުން ކައްކާއިން ބައިވެރިވެފައިވެ އެވެ.

މިދިޔަ އަހަރު ބޭއްވި ހޮޓެލް އޭޝިއާ ފެއާއަށް 3،000 މީހުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މީގެ އިތުރުން ރިސޯޓު އޯނަރުންނާއި ޖެނެރަލް މެނޭޖަރުން އަދި ޕާޗެސިން މެނޭޖަރުންނާއި އެކި ކުންފުނިތަކުގެ ވެރިން ޒިޔާރަތް ކުރެ އެވެ.