ހަބަރު

ޕީއެސްއެމްއިން ރިޔާސީ އިންތިހާބްގެ ކޮންޓެންޓް ގެނެސްދީފައިވަނީ ވަކި ފަރާތަކަށް ބުރަވެ: ބްރޯޑްކޮމް

ޕަބްލިކް ސާވިސް މީޑީއާއިން މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކޮންޓެންޓް ގެނެސްދީފައިވަނީ ވަކި ފަރާތަކަށް ބުރަވެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނެފި އެވެ.

ބްރޮޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ، އިންތިހާބުތަކާއި ބެހޭ އާންމު ގާނޫނުގެ ދަށުން އިންތިހާބީ ކެނޑިޑޭޓުންނަށް ވަގުތު ހާއްސަކުރުމަށް ބްރޯޑްކާސްޓް ކުރުމަށް ވަގުތު ކަނޑައެޅުމާއި އުސޫލަށް އަމަލު ކުރަން ފެށުމާއެކު ކެނޑީޑޭޓުންނަށް އުސޫލުތަކެއް ކަނޑައެޅިގެންދިޔަ ކަމަށެވެ.

"މޮނީޓިންގެ މަސައްކަތް ކުރެވުނީ 18 އޮގަސްޓް 2018 އިން ފެށިގެން 22 ސެޕްޓެމްބަރު 2018ގެ ނިޔަލަށް، ހަބަރާއި ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓިން ކުރާ ނުވަ ޓީވީ ޗެނަލެއްގެ ޕްރައިމްޓައިމް ސިކުންތުން ސިކުންތައްބަލައި އެކޮންޓެންޓްގައި ސިޔާސީ ކެނޑިޑޭޓުންނަށް ދައުލަތުގެ މުއައްސަސާތަކާއި އިލެކްޝަން ކޮމިޝަނާއި ގުޅޭ ކޮންޓެންޓްތަކާއި ޓޯން، ޕޮޒިޓިވް، ނެގެޓިވް، ނުވަތަ ނިއުޓްރަލް ހުރިގޮތް ދެނެގަނެ ވަގުތުގެ ދިގުމިން ނޯޓްކޮށް ޖުމްލަކޮށް ދިރާސާކޮށް ހެދިން،" ޝަހީބް ވިދާޅުވި އެވެ.

ޝަހީބް ވިދާޅުވީ، ކޮމާޝަލް ޗެނަލްތަކުން ކެނޑިޑޭޓުންނަށް ވަގުތު ވިއްކުމަށް ކަނޑައެޅި އަގުތަކަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުތަކެއް ކަމަށާއި އެހެންކަމުން ކެނޑިޑޭޓުންނާއި އެ ކެނޑިޑޭޓުންގެ ޕާޓީތަކުން ވަގުތު ގަތުމަށް މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ޑިރެކްޓް އެކްސެސްގެ މަގުސަދު ހާސިލްވެފައިނުވާ ކަމަށްވެސް ޝަހީބް ވިދާޅުވިއެވެ.

ޝަހީބް ވިދާޅުވީ، ރިޔާސީ އިންތިހާބާބެހޭ ގޮތުން އެކުލަވާލި ރިޕޯޓްގެ ދިރާސާއިން ދައްކާގޮތުގައި ގިނަ ޗެނަލްތަކުން ވަކި ކެނޑިޑޭޓަކަށްބުރަވެ ކޮންޓެންޓް ގެނެސްދީފައިވާކަން ވަރަށް ބޮޑަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"އިންތިހާބީ ކަންކަމާބެހޭ މައުލޫމާތު ގެނެސްދިނުމުގައި ޕަކްލިކްކާސްޓް ބްރޯޑްކާސްޓްކުރާ ދައުލަތުުގެ މީޑިއާއަކީ ހާއްސަ މަސްއޫލިއްޔަތުތަކެއް އަދާކުރަންޖެހޭ ފަރާތެއްކަން ދެނެތިބެ، އިންތިހާބާބެހޭ ކަވަރޭޖް ވަކި ފަރާތަކަށް ބުރަނުވެތިބެ ސިޔާސީ ހުރިހާ ކެނޑިޑޭޓުންގެ މައުލޫމާތު އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ގެނެސްދިނުމާއި ވޯޓްލާ މީހުންގެ ހޭލުންތެރި ކުރުމަށްޓަކައި މައުލޫމާތު ސައްހަކަމާމެދު ދެފުށްފެންނަ ގޮތަކަށް ގެނެސްދީފައިނުވާކަން ދިރާސާއިން ފާހަގަ ކުރެވޭ،" ޝަހީބް ވިދާޅުވި އެވެ.

ޕީއެސްއެމްއިން ހިންގާ، ޓީވީއެމްއިން ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު އެމްޑީޕީއާ ދެކޮޅު ގިނަ ހަބަރުތަކެއް ގެނެސްދީފަ އެވެ. އަދި އިންތިހާބީ ރައީސް، އިބޫގެ ކެމްޕޭންގެ އެއްވެސް ހަރަކާތެއް ޓީވީއެމްއިން ގެނެސް ނުދެ އެވެ. އިބޫއާ ގުޅޭ ސާބިތު ނުހިފޭ އެތައް ވާހަކައެއް އިބޫގެ ބަސްހިމެނުމެއް ނެތި، ހަބަރުތަކުގެ ގޮތުގައި ޓީވީއެމްއިން ގެނެސްދީފައިވެ އެވެ. އަދި އިބޫގެ އެއްވެސް އިންޓަވިއުއެއް ވެސް، ކެމްޕެއިން ހަރަކާތެއް ވެސް ޓީވީއެމްއިން
ގެެނެސްދީފައެއް ނުވެ އެވެ.

އިދިކޮޅު ފަރާތްތަކުން ރިޔާސީ ކެމްޕޭން ނިންމާލީ، ޓީވީއެމްގެ އޮންއެއާގެ އެއްވެސް ވަގުތެއް ބޭނުން ނުކޮށެވެ.

މީގެ އިތުރަށް އެ ސްޓޭޝަން ހިންގުމުގެ ކަންކަމުގައި އުޅުއްވާ ޑެޕިއުޓީ އެމްޑީ، މުހައްމަދު އިކުރާމް ވަނީ ޕީޕީއެމްގެ ކެމްޕޭންގެ ތެރެއިން ބޭއްވި، "ސައިޒް ދައްކާ ޖަލްސާ" ހުށަހަޅުއްވައިދެއްވައިފަ އެވެ. އަދި އެ ޖަލްސާގައި އޭނާ ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރައީސް ޔާމީންއަށް ތައުރީފް ކުރައްވައިފަ އެވެ. މީގެ އިތުރުން، އޭގެ ކުރިން ބޭއްވި ޕީޕީއެމްގެ ގިނަ ޖަލްސާތައް ވެސް އޭނާ ހުށަހަޅުއްވައިދެއްވި އެވެ. އަދި ޓީވީއެމްގެ އޮންއެއާއަށް އަރުއްވައި ރައީސް ޔާމީންއަށް ތައުރީފް ކުރައްވަ އެވެ. މީގެ އިތުރުން އެމްޑީއަކަށް ހުންނެވި އިބްރާހިމް ހަލީލް ވެސް ޕީޕީއެމްގެ
ބައެއް ކެމްޕޭން ޖަލްސާތަކުގައި ބައިވެރިވެފައިވެ އެވެ.