ޕީއެސްއެމް

މުޅި ރާއްޖެއަށް ކޭބަލް ޓީވީދޭން ޕީއެސްއެމަށް ލައިސަންސްދީފި

މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ބްރޯޑޮކޮމް އިން މިއަދު ޕީއެސްއެމްއަށް ލައިސަންސް ދޫކޮށްފި އެވެ. އެ ކުންފުންޏަށް ލައިސަންސް ދޫކުރީ މިއަދު މެންދުރު ބްރޯޑްކޮމްގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. މިއީ ދައުލަތުގެ މީޑިއާ ކުންފުނިން މި ހިދުމަތް ދޭން ލައިންސް ހޯދި ފުރަަތަމަ ފަހަރެވެ. ޕީއެސްއެމްގެ ގާނޫނުގައި ކޭބަލް ޓީވީގެ ހިދުމަތް ދޭން އެކުންފުންޏަށް ލާޒިމްކޮށްފައި ވެއެވެ.

ޕީއެސްމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލް ވިދާޅުވީ މިއަދު ލައިންސަންސް ލިބުމާއެކު މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ހިދުމަތް ދޭން ކުރާ މަސައްކަތް ގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި އަންނަ އަހަރު ނިމޭއިރު މުޅި ރާއްޖެއަް ކޭބަލް ޓީވީގެ ހިދުމަތް ދޭނެ ކަމަށެވެ.

ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ އެ ކޮމިޝަން ވުޖޫދަށް އައުމަށްފަހު ހަރުދަނާ ފެންވަރު ރަނގަޅު ރީބްރޯޑްކާސްޓިންގެ ހިދުމަތް ރާއްޖެއަށް ދެވޭނެ ނިޒާމެއް ގާއިމްކުރަން މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން މިހާތަނަށް ލައިސެންސް ދޫކުރި ތިން ފަރާތަށް އެބޭފުޅުން ވެސް ބޭނުންވާ ގޮތަށް މުޅި ރާއްޖެއަށް އެ ހިދުމަތް ދެވިފައި ނުވާ ކަމަށެވެ.

ރީބްރޯޑްކާސްޓް ކުރުމާ ގުޅެގޮތުން ބްރޮޑްކާސްޓިން ކޮމިޝަނުން އެކުލަވާލާފައިވާ ގަވާއިދުގައި އޮންނަ ގޮތުން އެއްވެސް ބްރޯޑްކާސްޓަރަކަށް ކޭބަލްޓީވީގެ ހިދުމަތް ދިނުމުގެ ލައިސަންސް ދުލެއް ނުކުރެވޭނެ އެވެ.

ޝަހީބު ވިދާޅުވީ، ލައިސަންސް ހޯދުމަށް ޕީއެސްއެމުން އެދުމުން އެކަމަށް ބޭނުންވާ ގާނޫނީ ލަފާ ހޯއްދެވި ކަމަށާއި، ޕީއެސްއެމްގެ ގާނޫނު އުފެދުމުން އެހެން ހުރިހާ ގާނޫނަކާއި ގަވާއިދެއްގެ މައްޗަށް ޕީއެސްއެމްގެ ގާނޫނު މަތިވާ ކަމަށް ގާނޫނީ ބޭފުޅުން ލަފާދެއްވި ކަމަށެވެ.

ހަލީލް ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 2017ގެ ނިޔަލަށް ހިދުމަތް ދީ ނިންމާނެ ކަމަށެވެ. ޕީއެސްއެމްގެ އިންފްރާސްޓްރަކްޗާއެއް ގާއިމްކޮށް ނިންމެންދެން މަޑުނުކުރާނެ ކަމަށާއި، މިހާރު ރާއްޖޭގައި ގާއިމްކޮށްފައިވާ އެހެނިހެން އިންފްރާސްޓްރަކްޗަރުތައް ބޭނުންކޮށްގެން ނަމަވެސް ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އަދި އެކަމަށްޓަކައި ނެރެންޖެހޭ އިއުލާނުތައް ވެސް ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ. އަދި ޕީއެސްއެމްގެ ކޭބަލް ޓީވީގެ ހިދުމަތް ވެގެންދާނީ ހަރަދު ކުޑަ އަގު ހެޔޮ ހިދުމަތަކަށް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރާއްޖެއިން މިހިދުމަތް ދޭ އެންމެ ހެޔޮ އަގުގައި ޕީއެސްއެމުން ހިދުމަތް ފޯރުކޮށްދޭނެ،" ހަލީލް ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖޭގެ ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ލައިންސަންސް ދޫކޮށްފައި ވަނީ ޖޭސެޓް އަށާއި މެސްކޯއަށެވެ. މީޑިއާ ނެޓަކީ އެ ދެކުންފުނި މެނޭޖް ކުރަން އެ ދެ ކުންފުނި އެއްކޮށްލުމަށް ފަހު ހަދާފައިވާ ކުންފުންޏެކެވެ. ޖޭސެޓާއި މެސްކޯ އެއްކޮށްލައި މީޑިއާ ނެޓް ހަދާފައި ވަނީ ރާއްޖޭގައި ބޮޑެތި ވިޔަފާރިވެރިންތަކެއް ހިމެނޭ ގޮތަށެވެ. އޭގެ ތެރޭގައި ގާސިމް އިބްރާހީމާއި އޭޑީކޭ އަހުމަދު ނާޝިދާއި އަކްރަމް ކަމާލުއްދީނު ފަދަ ވިޔަފާރިވެރިން ހިމެނެ އެވެ.

ފަހުން ބީނެޓްގެ ނަމުގައި ވެސް ކުންފުންޏަކުން ކޭބަލް ޓީވީގެ ހިދުމަތް ފެށި އެވެ. ނަމަވެސް އެކުންފުންޏަށް އެ ހިދުމަތުގައި ދެމި އޮވެވޭ ގޮތެއް ނުވި އެވެ.