ހަބަރު

ޕީއެސްއެމް އިން ޖޫރިމަނާ ފައިސާ ދައްކައިފި

އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދައްކައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރަށް އަރައިގަނެ ދެއްކެވި ވާހަކަ ޓީވީއެމުން ގެނެސްދިނުމާ ގުޅިގެން ޕީއެސްއެމްގެ ޖޫރިމަނާ ކުރީ ދެ ލައްކަ ރުފިޔާއިންނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ޕީއެސްއެމް އިން ދެ ލައްކަ ރުފިޔާގެ ޖޫރިމަނާގެ ފައިސާ މިއަދު އެ ކޮމިޝަނަށް ދައްކާފައިވާ ކަމަށެވެ.

ޕީއެސްއެމް ޖޫރިމަނާ ކޮށްފައިވަނީ މި އަހަރުގެ އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:00 ން 21:23 އަށް ޓީވީއެމް އިން ލައިވްކޮށް ގެނެސްދިނުމުގައި އުމަރު ނަސީރުގެ މައްޗަށް ތުހުމަތުތަކެއްކޮށް މީހަކު ދައްކާފައިވާ ވާހަކަތަކެއް ހިމެނޭ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްގެނެވެ.