ކުޅިވަރު

މާލޭ ލީގް އުވާލައިފި، ޕްރެޒިޑެންޓް ކަޕު މިއަހަރު ނުބާއްވާނެ

މިދިޔަ އަހަރު ފެށިގެން އަލުން ބާއްވަން ފެށި، މޭލޭ ލީގް އުވާލުމަށް އެފްއޭއެމުން ނިންމައިފި އެވެ. އަދި މިއަހަރުގެ ޕްރެޒިޑެންޓް ކަޕު މިއަހަރު ނުބާއްވަން އެފްއޭއެމުން ވަނީ ނިންމާފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، މިއަހަރު ޕްރެޒިޑެންޓް ކަޕު ބޭއްވެން ނެތީ، މިއަހަރުގެ ފުޓްބޯޅަ ކަލަންޑަރުގައި އެކަމަށް ވަގުތު ނެތުމުން ކަމަށެވެ. ބައްށމް ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ މުބާރާތަކަށް ވާނީ ޕްރެޒިޑެންޓް ކަޕު ކަމަށާއި ޕްރެޒިޑެންޓް ކަޕު ހަ ޓީމަށް ނުވަތަ އަށް ޓީމަށް ހެދުމާމެދު ކުލަބުތަކާ މަޝްވަރާ ކުރެވިގެން ދާނެ ކަމަށެވެ.

"އަށް ޓީމަށް ކަމަށް ވަންޏާ އަޅުގަނޑުމެންގެ ވިސްނުމަކީ ޕްރިމިއާ ލީގް ހަ ޓީމާއި، ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމަށް ދައުވަތު ދޭން،" ބައްސާމް ވިދާޅުވި އެވެ. "މީތި ފައިނަލު ކުރާނީ މިއަންނަ ހަފުތާގައި ބާއްވާ ޑިސްކަޝަންތަކަށް ފަހު."

އަންނަ އަހަރު ސީޒަން ހުޅުވާ މެޗު، ދެ ލެގެކަށް ކުޅުމަށް އެފްއޭއެމް ވަނީ ހަމަޖައްސާފަ އެވެ. ސީޒަން ހުޅުވާ މެޗުގައި ވާދަ ކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމާއި ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަން ޓީމު ކަމަށް ބައްސާމް ވިދާލުވި އެވެ. މީގެ ކުރިން ސީޒަން ހުޅުވާ މެޗުގައި ވާދަ ކުރާނީ ލީގް ޗެމްޕިއަނުންނާއި އެފްއޭއެ ކަޕުގެ ޗެމްޕިއަން ޓީމުންނެވެ.

މިއަހަރު މިނިވަން ޗެމްޕިއަންޝިޕް ގެ ޗެމްޕިއަންކަން ހޯދީ. ތ. ތިމަރަފުއްޓެވެ. އެހެންކަމުން ތިމަރފުށީގައި އެއް ލެގް ކުޅެވިގެން ދާނެ އެވެ.

"އަޅުގަނޑުމެން އެފްއޭއެމްއާ ހަވާލުވިފަހުން ފޯކަސް ކުރަމުން މިދަނީ އަތޮޅު ތެރޭގެ ފުޓްބޮޅަ ތަރައްގީ ކުރުމަށްޓަކައި، މިނިވަން ޗެމްޕިއަންޝިޕަކީވެސް އަޅުގަނޑުމެން އެ ނިޔަތުގައި އެ ބޭނުމުގައި ބާއްވަމުންދާ މުބާރާތެއް، އޭގެ ފޮނިމީރުކަންވެސް ފެނިގެން އެބަދޭ." ބައްސާމް ވިދާޅުވި އެވެ.