ކުޅިވަރު

ސީޒަން ހުޅުވާ މެޗު އަންނަ އަހަރު އަތޮޅު ތެރޭގައި!

ސީޒަން ހުޅުވާ މެޗު ދެ ލެގަށް ކުޅެން ހަމަޖައްސައި، އަތޮޅު ތެރޭގައިވެސް ލެގް ކުޅޭ ގޮތަށް އެފްއޭއެމުން ހަމަޖައްސައިފި އެވެ.

އެފްއޭއެމްގެ ރައީސް، ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ސީޒަން ހުޅުވާ މެޗުގައި އަންނަ އަހަރުން ފެށިގެން ވާދަ ކުރާނީ ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަން ޓީމާއި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމެވެ. މިއަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ ތ. ތިމަރަފުއްޓެވެ. އެހެން ކަމުން އަންނަ އަހަރު ސީޒަން ހުޅުވާ މެޗުގެ އެއް ލެގް ތިމަރަފށީގައި ކުޅެވިގެން ދާނާ އެވެ. އަދި އަނެއް ލެގް ކުޅެވިގެން ދާނީ މާލޭގަ އެވެ.

އަންނަ އަހަރު ޕްރެޒިޑެންޓް ކަޕުގައި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމު ވާދަ ކުރާ ގޮތަށްވެސް އެފްއޭއެމުން ވަނީ ހަމަޖައްސާފަ އެވެ. އެފްއޭއެމުގެ ޑެޕިޔުޓީ ޓެކްނިކަލް ޑައިރެކްޓާ އިހްސާން އަބްދުލް ގަނީ 'ސާންތީ' ރާއްޖޭގެ އަށް ޒޯނަށް ބަހާލައިގެން ފުޓްބޯޅަ ޑިވްލަޕްމެންޓްގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ސާންތީ ބުނީ އަތޮޅު ތެރެއިން ފާހަގަ ކުރެވޭ އެންމެ ހުނަރުވެރި ކުޅުންތެރިން ހުޅުމާލޭގައި ގާއިމު ކުރާ ގައުމީ ފުޓްބޯޅަ އެކެޑެމީ އަށް ގެނެސްގެ ތަމްރީން ކުރާނެ ކަމަށެވެ. އެއީ އަތޮޅު ތެރޭގައި ގާއިމު ކުރާ ސެންޓަރުތައް މެދުވެރިކޮށް ފާހަގަ ކުރެވޭ ކުޅުންތެރިންނަށެވެ.