ކުޅިވަރު

ނިއު އިން އިމްރާންއަށް މުސާރަ ނުދޭ މައްސަލަ އެފްއޭއެމްއަށް

ނިއު ރޭޑިއަންޓްގެ އެއް ނަންބަރު ގޯލްކީޕަރު އިމްރާން މުހައްމަދަށް އެ ކުލަބުން ދޭން ޖެހޭ މުސާރަ ނުދީ އޮތުމުން އެ މައްސަލަ އޭނާގެ ފަރާތުން އެފްއޭއެމްއަށް ހުށަހަޅައިފި އެވެ.

މަހު މުސާރައިގެ ބަދަލުގައި އިމްރާންއަށް ނިއު އިން ދެނީ ސީޒަންގެ ވަކި މުއްދަތުތަތަކަކުން ދޭ ޕޭމަންޓެކެވެ. އިމްރާން ބުނީ އޭނާއަށް ދޭ ޕޭމަންޓް ނުދޭ މައްސަލަ ތަކުރާރުވާން ފެށުމުން، ކުލަބަށް އެކަން ލިޔުމުން އެންގި ކަމަށާއި މައްސަލަ ތަކުރާރުވާން ފެށުމުން ޕްރެކްޓިހަށް ނިކުތުން މެދުކަނޑާލަފައިވާ ކަމަށެވެ.

"ޕްރެކްޓިސް މެދު ކަނޑާލި ސަބަބުވެސް ކުލަބަށް އެންގިން، ޕޭމަންޓް ނުލިބެންޏާ ފައިސާ ހޯދުމަށް ވަގުތު ބޭނުންވާތީ މިވަގުތު ކުލަބު ޕްރެކްޓިސް މެދުކަނޑަލަން ޖެހުނު ކަމަށް އެންގީ." އިމްރާން ބުންޏެވެ.

އޭނާ ބުނީ ނިއު ރޭޑިއަންޓަކީ އޭނާ ވަރަށް ކުޅޭ ހިތުން ކުޅޭ ވަރަށް ލޯބިވާ ކުލަބެއް ކަމަށާއި ނަމަވެސް ޕޭމަންޓް ނުލިބި އިތުރު މުއްދަތުތަކެއް ފާއިތުވެ ދިއުމުންވެސް މައްސަލަ ހުށަނާޅާއި އޭނާ މަޑުކުރި ކަމަށެވެ. މައްސަލަ ހުށަހެޅީ އެނޫން އެހެން ގޮތެއް ނެތުމުން ކަމަށެވެ.

"އަޅުގަނޑު ވާނީ ކުލަބުގެ މޭނޭޖުމެންޓަށް ހުރިހާ ކަމެއް ބަރާބަރަށް ލިޔުމުން އަންގަފައި، މައްސަލަ ހުށަހެޅުމުގެ ކުރިންވެސް އެކަން އެންގިން، ނަމަވެސް ހައްލެއް ނުލިބުނީމަ އެންމެ ފަހުން މައްސަލަ ހުށަހެޅީ." ނިއު އަށް ގިނަ ތަށިތަކެއް ހޯދައިދިން އިމްރާން ބުންޏެވެ.

ނިއު ރޭޑިއަންޓްގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް 'ދަގަނޑޭ' އަށް މުސާރަ ނުދޭ މައްސަލަ ފެންމަތިވުމުން، މިއަހަރު ޖޫން މަހު އޭނާވެސް ވަނީ އެފްއޭއެމްގެ ޕްލޭއާސް ކޮމިޓީއަށް މައްސަލަ ހުށަހަޅާފަ އެވެ. އޭނާ އާއެކު ކުލަބުން ހެދި އެއްބަސްވުން އުވާލީ ޕްލޭއާސް ކޮމިޓީން މެދުވެރިވެގެންނެވެ.