ހަބަރު

އެމްއެންޑީއެފް ދޮށަށް އެއްވާން ފޮނުވާ މެސެޖަކީ ދޮގެއް: ޕީޕީއެމް

އެމްއެންޑީއެފް ދޮށަށް އެއްވުމަށް ގޮވާލައި ޕީޕީއެމްގެ ނަމުގައި ފޮނުވަމުންދާ މެސެޖަކީ އެހެން ބަޔަކު އޮޅުވާލުމަށް ފޮނުވަމުންދާ މެސެޖެއް ކަމަށް އެޕާޓީން ބުނެފި އެވެ.

ޕީޕީއެމް ނަމުގައި ދައުރުވަމުންދާ މެސެޖްގައި ވަނީ، އިންތިހާބުގެ ނަތީޖާއާމެދު އުފެދިފައިވާ ސުވާލުތަކާއި ގުޅޭ ގޮތުން ޝުއޫރު ފާޅު ކުރުމަށް މިރޭ 9:00 އަށް އެމްއެންޑީއެފް ހެޑް ކުއާޓާ ކުރިމަށްޗާށށް ވަޑައިގަތުމަށެވެ.

އެކަމާ ގުޅޭ ގޮތުން ޕީޕީއެމުން ބުނީ، އެމެސެޖަކީ އެޕާޓީން ފޮނުވާ މެސެޖެއް ނޫން ކަމަށާއި އެއީ އެހެން ބަޔަކު ފިތުނަ އުފެއްދުމަށްޓަކައި ފޮނުވަމުންދާ މެސެޖެއް ކަމަށެވެ.

އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށްބުނެ ޕީޕީއެމުން އަންނަނީ ހެންވޭރު އޮކްސިޖަން ކައިރީގައި ހުންނަ އެޕާޓީގެ އޮފީސް ކުރިމަތީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން މުޒާހަރާގައި ބައިވެރިވުމަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މެސެޖް ކުރެ އެވެ. އެގޮތުން ޕީޕީއެމް އިން މިއަަދު ފޮނުވި މެސެޖްގައި އޮންނަނީ އިންތިހާބުގެ ނަތީޖާއާމެދު ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތަކާއި ގުޅޭ ގޮތުން ޝުއޫރު ފާޅުކުރުމަށް މިރޭ 9:00 އަށް ހ. ހުރަފަ ކުރިމައްޗަށް ވަޑައިގެންނެވުމަށެވެ.

އިންތިހާބުގެ ނަތީޖާ އޮޅުވާލިކަމަށްބުނެ މިދިޔަ ހޯމަ ދުވަހުން ފެށިގެން ޕީޕީއެމް އިން އަންނަނީ މުޒާހަރާ ކުރަމުންނެވެ. އެންމެ ފުރަތަމަ ރޭ ބޭއްވި މުޒާހަރާގައި ރަައީސް އަބުދުﷲ ޔާމީންވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ނަމަވެސް މުޒާހަރާތަކަށް މިހާތަނަށް ލިބިފައިވަނީ ފަނޑު ތަރުހީބެކެވެ.