ހަބަރު

ބޭސްފަރުވާއަށް ނާޒިމް މެލޭޝިއާއަށް ފުރާވަޑައިގެންފި

ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބޭސްފަރުވާއަށް މެލޭޝިއާއަށް ފުރާވަޑައިގެންފި އެވެ.

ނާޒިމް ފުރާވަޑައިގެންނެވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ދޭން މެޑިކަލް ބޯޑުން ނިންމާފައިވާތީ އެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދިނުމާއި ގުޅިގެންނެވެ. އޭނާ މެލޭޝިއާއަށް ފުރާވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގަ އެވެ.

އެނގިފައިވާ ގޮތުގައި ނާޒިމް ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ފައިންޕުޅުގެ ނާރެއް ފިތޭތީ އެކަމަށް ފަރުވާ ކުރުމަށެވެ. އެކަމަށް ފަރުވާ ކުރުމަށްޓަކައި މެޑިކަލް ބޯޑުން އޭނާއަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.

ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަން ޖެހިފައިވަނީ އޭނާ ދިރިއުޅުއްވި ގެކޮޅުން ފިސްތޯލައަކާއި ތިން ވަޒަން ފެނިފައިވާތީ، ހަނގުރާމަ ގެންގުޅުނުކަމުގެ ކުށް ސާބިތުވެގެންނެވެ. އޭނާ ޖަލު ހުކުމް ތަންފީޒު ކުރެއްވި ފުރަތަމަ ދުވަސްވަރު ވެސް ރާއްޖެއިން ބޭރަށް ބޭހަށް ވަޑައިގެންނެވި އެވެ.