ބޮލީވުޑް

ފިލްމެއް ނުލިބުމުން ދީޕިކާ އަމިއްލަ ފިލްމެއް ކުޅެނީ

ކުޅޭނެ ފިލްމެއް ނުލިބި މި އަހަރު ހުސް އަތާ ނިންމާލަން އުޅެނިކޮށް ދީޕިކާ ޕަދުކޯންއަށް އިރްފާން ޚާންއާއެކު ފިލްމެއް ކުޅުމަށް ފުރުސަތު ލިބުނެވެ. ނަމަވެސް އިރްފާން ބަލިވެ، އެ ފިލްމުގެ މަސައްކަތައް މިހާރު އޮތީ ވާނުވާގައި އެވެ. އަހަރު ނިންމާލަންޖެހޭނީ ދީޕިކާގެ އެއްވެސް ފިލްމަކާ ނުލައި އެވެ.

މި އަހަރު ފެށުމުގެ ގޮތުން ޖެނުއަރީ މަހު އެޅުވި، އޭނާ ކުޅުނު "ޕަދްމާވަތު" އަކީ މިދިޔަ އަހަރުގެ ފިލްމެކެވެ. މައްސަލަތަކެއް ދިމާވެ އެ ފިލްމު މި އަހަރަށް ލަސްކޮށްލުމަށް މަޖުބޫރުވީ އެވެ. ކާމިޔާބު ތަރިއަކަށްވެ ހުރެ، ކުޅޭނެ ފިލްމެއް ނުލިބި ހުސް އަތާ ހުއްޓާ އެ ލަދުން އެންމެފަހުން އޭނާއަށް ސަލާމަތްވާންޖެހުނީވެސް އަމިއްލަ އަށެވެ.

ދީފިކާ 32، ދެން ކުޅޭނީ އޭނާ އަމިއްލައަށް ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެ ފިލްމާއި ގުޅޭ މައުލޫމާތު މިހާރު ވަނީ މީޑިއާއާއި ހިއްސާކޮށްފައި އެވެ. މި އަހަރު ނިކުތް ފިލްމު "ރާޒީ" ޑައިރެކްޓުކުރި މޭގްނާ ގުލްޒާރް ޑައިރެކްޓުކުރާނެ އެ ފިލްމަކީ، އެސިޑް އެޓޭކަކުން ސަލާމަތްވި އިންޑިއާގެ ކުއްޖެއް ކަމަށްވާ ލަކްޝްމީ އަގަރްވާލްގެ ހަޔާތައް ތައްޔާރުކޮށް ގެނެސްދޭ ފިލްމެކެވެ.

ލަކްޝްމީގެ ރޯލުން ދީޕިކާ ފެނިގެންދާނެއިރު، ފިލްމަށް ދީފައިވާ ނަމާއި މަސައްކަތައް ފަށާނެ ތާރީހު އަދި ރިލީޒްކުރާނެ ތާރީހުވެސް ހާމަކޮށްފައެއް ނުވެ އެވެ.

"ލަކްޝްމީއަށް ދިމާވި ހާދިސާގެ ވާހަކަތައް އަޑުއަހާފައި އަހަންނަށް ވަރަށް އަސަރުކުރި. އޭނާގެ ޖޯޝާއި ހިތްވަރާއި އުންމީދާއި އަދި ކާމިޔާބީ ފެނިފައި އަހަރެން ވަރަށް އުފާވެސްވި. އެ ސަބަބުތަކަށްޓަކައި އަހަރެން ނިންމީ މި ފިލްމު ޕްރޮޑިއުސްކުރަން،" ދީޕިކާ ބުންޏެވެ.

މޭގަން ބުނީ ލަކްޝްމީގެ ރޯލު ކުޅުމަށް ދީޕިކާއަށްވެސް ވާނީ ބޮޑު ތަޖުރިބާއަކަށް ކަމަށެވެ. އަދި އެ ރޯލު ދީޕިކާއަށް ކުޅެވޭނެ ކަމާއިމެދުގައި ޝައްކުނުކުރާ ކަމަށްވެސް ބުންޏެވެ.

އެސިޑް ބޭނުންކޮށްގެން ލަކްޝްމީއަށް މީހަކު ހަމަލާދިނީ 2005 ވަނަ އަހަރުގައި އެވެ. އެ ވަގުތު ލަކްޝްމީ ހުރީ އިންޑިއާގެ ވެރިރަށް ދިއްލީގެ ބަސް ސްޓޮޕެއްގައި އެވެ. ލަކްޝްމީއަށް ހަމަލާދިނީ އޭނާ ކައިވެނިކުރަން ދެކޮޅު ހެދި މީހެކެވެ. އެ ހާދިސާއަށްފަހު އިންޑިއާގައި އެސިޑް ބޭނުންކުރުމުގެ ގަވާއިދަށް ބޮޑު ބަދަލެއް ގެނައި އެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން އެސިޑް ބޭނުންކުރުމުގެ ގަވާއިދަށް ހަރުކަށި އިސްލާހުތަކެއް ގެނައީ 2013 ވަނަ އަހަރު އެވެ. މި ފިލްމުގައި 2005 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރު އެ ގަވާއިދަށް އިސްލާހު ގެނައުމާއި ހަމަށް ލަކްޝްމީގެ ހަޔާތުގައި ހިނގާފައިވާ ކަންކަން ގެނެސްދޭނެ އެވެ.