ރާއްޖެ ކުޅިވަރު

އަލީ ވަހީދު ކޯޗުކޮށް ދިން ޓީމުން ހާއްސަ ޝަރަފެއް

Oct 5, 2018
3

ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ކޯޗުކޮށް ދެއްވި އިނގިރޭސިވިލާތުގެ ލަންޑަންގެ ޓީމުން އޭނާގެ އަގުވަޒަންކުރުމުގެ ގޮތުން ހާއްސަ ޝަރަފެއް ދީފި އެވެ.

މޭޑޭ ބޮޑު މުޒާހަރާއަށްފަހު 2015 ވަނަ އަހަރު ލަންޑަނަށް ދިރިއުޅުއްވުން ބަދަލު ކުރެއްވި އަލީ ވަހީދު ރާއްޖެ އެނބުރި ވަޑައިގެންނެވީ އިއްޔެ އެވެ. އޭނާ ލަންޑަނުގައި އަދާ ކުރެއްވި ވަޒީފާއަކީ ނޮން-ލީގް ފުޓްބޯޅަ ކްލަބެއް ކަމަށްވާ ސައުންލަންޑަން ފުޓްބޯލް ނެޓްވާކް އެފްސީ، އެސްއެލްއެފްއެންގެ ކޯޗުގެ މަގާމު އަދާކުރެއްވުމެވެ.

އެކަން ދޫކޮށްލައްވައި އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގެންނެވުމުން އެ ކްލަބުން މިއަދު ބުނެފައިވަނީ އަލީ ވަހީދަކީ އެ ކްލަބުގެ ހިއްސާއަކަށް އަބަދުވެސް ވާނެ ކަމަށެވެ. ކްލަބުން ވަނީ އޭނާއަށް އޮނަރަރީ ކްލަބް ޗެއާމަންގެ މަގާމުގެ ޝަރަފު ދެއްވާފަ އެވެ.

އަލީ ވަހީދުގެ ކޯޗް ކަމުގައި އެ ކްލަބް ވަނީ ވިންބަލްޑަން ޑިސްޓްރިކް ލީގާއި ސައުތާން ސަންޑޭ ލީގްގައި ވާދަކޮށްފަ އެވެ. އަލީ ވަހީދު މިހާރު ތައްޔާރުވަމުން ދަނީ ޔޫއީއެފްއޭ ބީ ލައިސެންސް ހޯދެއްވުމަށެވެ.